އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ހުށަހެޅި ލަފައާމެދު ހިތްހަމަނުޖެހި ބައެއް މެމްބަރުން ފާޑުވިދާޅުވެއްޖެއެވެ.

ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި އެމްއެމްއޭއިން ވަނީ އެއޮތޯރިޓީން ބަޖެޓާމެދު ދެކޭގޮތުގެ ޕްރެޒެންތޭޝަނެއް ހުށަހަޅާފައެވެ.

މަރުކަޒީ ބޭންކުން ބަޖެޓާ ގުޅޭގޮތުން ފޮނުވި ލަފާގައި ދައުލަތުގެ ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ޚަރަދު ކުޑަކުރުމަށް ގޮވާލާފައިވާއިރު، ސަރުކާރުން ފައިސާ ޗާޕުކުރަމުން ދިޔުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ދަށްވާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

އެގޮތުން، ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް އަންނަ އަހަރު ޓެކްސް ނިޒާމަށް ގެންނަށް ނިންމާފައިވާ ބަދަލުތަކަކީ ޑެފެސިޓް ކުޑަކުރުން ކަމުގައި ވީނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުން އެކަން ހާސިލްކުރެވިފައިނުވާކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ. އަދި، މިދަނޑިވަޅުގައި ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓެކްސް ރޭޓް އިތުރުކުރުމުގެ ބަދަލުގައި އެފަދަ ސިޔާސަތެއްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކަށް ރިއާޔަތްކޮށް ހަރަދުތައް ކުޑަކުރުމަށް އިސްކަން ދިނުން މުހިންމު ކަމަށްވެސް އެމްއެމްއޭއިން ލަފާދީފައިވެއެވެ.

މަނިޓަރީ އޮތޯރިޓީން ބުނީ މިދިޔަ އަހަރުން ފެށިގެން ހިލޭ އެހީގެ ގޮތުގައި އެކިއެކި ގައުމުތަކުން ބޮޑެތި އަދަދުތަކެއް ހޯދުމަށް ހިމަނާފައިވީނަމަވެސް، 2020 ވަނަ އަހަރު ނުހިމަނައި ފާއިތުވި ހަ އަހަރަށް ބަލާއިރު، ދައުލަތުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ މިންވަރަށް ވުރެ ލިބިފައިވާ އަދަދު އެވްރެޖްކޮށް 768.6 މިލިއަން ރުފިޔާ ދަށް ކަމަށެވެ.

އެހެންކަމުން މިއަހަރުން ފެށިގެން ހިލޭ އެހީގެ ގޮތުގައި ލިބޭނެ އާމްދަނީ ކޮންޒަވޭޓިވްކޮށް ބަޖެޓުގައި ހިމެނުމަށް އިސްކަންދިނުމަށް އެއޮތޯރިޓީން ލަފާދީފައިވެއެވެ.

އެމްއެމްއޭއިން ހުށަހަޅާފައިވާ ލަފަޔާ ބެހޭ ގޮތުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު (ގަޕޯ) ވިދާޅުވީ، ޓެކްސް ބޮޑުކުރާ ވާހަކަ ވަރަށް ބޮޑަށް ލަފާގައި ފާހަގަކޮށްފައިވާކަމަށާއި އެ ލަފައަކީ ވަރަށް ބޮޑަށް އެއް ފަރާތަކަށް ޖެހިފައި އޮތް ލަފައެއްކަމަށެވެ. އަދި، ލަފާ ފޮނުވާފައި ވަނީ ވަކި ބަޔަކު ބޭނުންވާގޮތަށް ބައްޓަށްކޮށްގެން ކަމަށާއި ލަފައެއް ވެއްޖެއްޔާ ކުރީގައި ހިނގާ ދިޔަ ގޮތާއި ދުނިޔޭގައި ކަންކަން ވާގޮތާއި މިހާރުގެ ދުނިޔޭގެ ހާލަތު އެނގެން ޖެހޭނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މީގެއިތުރުން، ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ވަނީ އެމްއެމްއޭގެ ލަފައަކީ ވަކި ފަރާތަކުން ތައްޔާރުކޮށްފައި ނުވަތަ މަޖިލީހުގައި ވަކި ބަޔަކު ދެއްކެވި ވާހަކަތަކެއްގެ ޔައުމިއްޔާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މެމްބަރުންގެ މިވާހަކަތަކާ ގުޅިގެން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އެމްއެމްއޭއިން ބަލަނީ ބަޖެޓުގެ ޖުމްލަ އަދަދުތަކަށް ކަމަށާއި، ދަރަނީގެ ފަރަގަށް ބަލައި އެކަން ކުޑަކުރުމަށް ލަފާދޭންޖެހޭނަމަ އެ ލަފާ ދޭކަމަށެވެ. އަދި ބަޖެޓު ތިލަފަތްހަމަކުރާނީ ކިހިނެއްކަން ކަނޑައަޅައި އެ ބަދަލު ބަޖެޓަށް ގެނައުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާއެއް ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

ނަމަވެސް މެމްބަރުން ވަނީ ލަފާގައި ރަނގަޅު އެއްވެސް ކަމެއްގެ ވާހަކަ ފާހަގަކޮށްފައި ނެތްކަމަށާއި ހައްތާހާވެސް ފާހަގަކޮށްފައި ހުރީ ގޯސް ކަންކަމުގެ ވާހަކަ ކަމަށް ވިދާޅުވެ ހިތްހަމެނުޖެހުން ފާޅުކުރައްވާފައެވެ.