13 Nov 2022, 17:41
ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޖަމްއިއްޔާ (އާސިޔާން)ގެ އިސްވެރިންގެ 12 ވަނަ ސަމިޓް ބައްދަލުވުން ކެންބޯޑިއާގެ ވެރިރަށް ނޯންޕެންގައި އިއްޔެ ވަނީ ފަށައިފައެވެ.
މި ސަމިޓްގެ ޗެއާޕާސަންއަކީ ކެންބޯޑިއާގެ ބޮޑުވަޒީރު ހުންސެން އެވެ. މިސަމިޓްގެ އެޖެންޑާގައި ހިމެނެނީ އާސިއާންގެ ގައުމުތަކުގެ ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމާއި ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ހަމަޖެހުން ގެނައުމަށް މަސައްކަތް ކުރުމާއި އަވަށްޓެރި ގައުމުތަކާއެކު އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކޮށް ބައިވެރިވުން އިތުރު ކުރުމެވެ.
އާސިއާންގެ ގައުމުތަކުގެ އާބާދީގައި 700 މިލިޔަން މީހުން ހިމެނޭއިރު އެޖަމާއަތުގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ މިންވަރު ތިން ޓްރިލިޔަން ޑޮލަރަށް އަރައެވެ. އާސިއާން ޖަމާއަތަކީ ޔޫރަޕްގެ އިއްތިހާދު ފިޔަވައި ދުނިޔޭގައި އެންމެ ކާމިޔާބު ގޮތެއްގައި ހިނގަމުންދާ ސަރަހައްދީ ޖަމާއަތެވެ.
އާސިޔާން ޖަމާއަތުގައި ހިމެނެނީ ބުރުނާއީ، އިންޑޮނޭޝިޔާ، ކެމްބޯޑިޔާ، ލާއޯސް، މެލޭޝިޔާ، ތައިލޭންޑް ފިލިޕީންސް، މިޔަންމާ، ސިންގަޕޫރު، އަދި ވިއެޓްނާމެވެ. އެ ޖަމާއަތް އުފެއްދީ 1976 ވަނަ އަހަރުގައެވެ.
މި ސަމިޓްގައި މަޝްވަރާކުރަމުންދާ ސިޔާސީ މައްސަލަތަކުގެ ތެރޭގައި އެމެރިކާއާއި ޗައިނާއާ ދެމެދުގައިވާ ވާދަވެރިކަމާއި އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ އަރާރުންތަކުގެ ސަބަބުން އޭޝިޔާއަށް ކުރިމަތިވާ ނުތަނަވަސްކަމާއި ޔުކްރެއިންއާ ދެކޮޅަށް ރަޝިއާ ކުރަމުންގެންދާ ހަނގުރާމަ ހިމެނެއެވެ.

ބައިޑެން، ކެންބޯޑިއާގެ ބޮޑުވަޒީރު ހުންސެން އާ ބައްދަލުކުރައްވަނި
މިސަމިޓްގައި މެހްމާނުންގެ ހައިސިއްޔަތުން އެމެރިކާގެ ރައީސް ޖޯބައިޑެން އާއި ޗައިނާގެ ބޮޑުވަޒީރު ލީ ކިއޭންގް އާއި ޔުކްރެއިންގެ ޚާރިޖީ ވަޒީރާއި ދެކުނު ކޮރެއާގެ ރައީސް ބައިވެރިވެވަޑައިގަންނަވައެވެ.
ބައިނަލްއަގްވާމީ މަސްރަހުގައި އެމެރިކާއަށް ކުރިމަތިވާ މައިގަނޑު ގޮންޖެހުންތައް ކުރިމަތިވަނީ ޗައިނާގެ ފަރާތުންކަމަށްވާތީ މިއަރާރުމުގައި އާސިޔާންގެ ގައުމުތަކުގެ ތާއީދު ހޯދަން އެމެރިކާ ބޭނުން ވެއެވެ. އަދި ޔުކްރެއިން ހަނގުރާމައިގާ ޔުކްރެއިންއަށް ތާއީދުކޮށް ރަޝިއާ ކުށްވެރިކުރުންފަދަ ކަންކަންވެސް އާސިއާން ގެ ފަރާތުން ކުރުވަން އެމެރިކާ ބޭނުންވެއެވެ.
ނަމަވެސް މިކަމުގައި އެމެރިކާއަކަށް އާސިއާންގެ ތާއީދެއް ނުލިބޭނެއެވެ. އެއީ މިއިން އެއްވެސް މައްސަލައެއްގައި ވަކި ސްޓޭންޑެއް ނެގުމަށް ނޫނީ އެމެރިކާ ކޮޅަށް ބުރަވާން އާސިއާންގެ ގިނަ ގައުމުތައް ބޭނުން ނުވާތީއެވެ. އާސިއާންގެ ގައުމުތަކުގެ ތެރޭގައި އެމެރިކާގެ ބައިވެރިންކަމަށް ބެލެވޭ ދެގައުމު ހިމެނެއެވެ. އެއީ ފިލިޕީންސާއި ސިންގަޕޫރެވެ. އަނެއްކޮޅުން ޗައިނާގެ ބައިވެރިން ކަމަށް ބެލެވޭ ތިން ގައުމުވެސް ހިމެނެއެވެ. އެއީ ކެންބޯޑިއާ، ލާއޮސް އަދި މިޔަންމާއެވެ.
މީގެތެރެއިން ކެންބޯޑިއާއަކީ ޗައިނާއަށް އަސްކަރީ ފަސޭހަތައްވެސް ދީފައިވާ ގައުމެކެވެ. މިއީ އެމެރިކާ އިންތިހާއަށް ކަންބޮޑުވާކަމެކެވެ. އާސިއާންގައި ހިމެނޭ މެލޭޝިއާ، އިންޑޮނީޝިއާ އަދި ބުރުނާއި ފަދަ ގައުމުތަކަކީ އެމެރިކާ ކޮޅަށްވެސް އަދި ޗައިނާ ކޮޅަށްވެސް ނުޖެހޭ ގައުމުތަކެވެ.
އެމެރިކާއާއި ޗައިނާގެ ވާދަވެރިކަމާއި ދެކޮރެއާގެ އަރާރުމާ އަދި ޔުކްރެއިން ހަނގުރާމައިގާވެސް އާސިއާންގެ ގައުމުތަކުގެ ޚިޔާލު ވަރަށް ތަފާތެވެ. އެހެންކަމުން މިމައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރި ނަމަވެސް އާސިއާންގެ ސަމިޓުން މިއިންއެއްވެސް މައްސަލައަކާމެދު ވަކި ނިންމުމެއް ނިންމައި ގޮތްތަކެއް ކަނޑައެއް ނަޅާނެއެވެ.
އާސިއާންގެ ސަމިޓްގައި ދެއްވި ޚިތާބުގައި އެމެރިކާގެ ރައީސް ވަނީ ރަޝިއާ، ޗައިނާ އަދި އުތުރުކޮރެއާއަށް ފާޑުވިދާޅުވެފައެވެ. އާސިއާންގެ ސަމިޓް މިއަދު ނިމުމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ބައްދަލުކުރައްވާނެއެވެ. މިމަހުގެ 15 ވަނަ ދުވަހު އިންޑޮނީޝިއާގައި ފެށޭ ޖީ 20ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި މި ދެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އާސިއާން ޖަމާއަތުގައި ދެކުނު އިރުމަތީ އޭޝިއާގެ 10 ގައުމު ހިމެނޭއިރު ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދީ ޖަމާއަތްކަމަށްވާ "ރީޖަނަލް ކޮމްޕްރިހެންސިވް އެކޮނޮމިކް ޕާޓްނަޝިޕް" (އާރްސީއީޕީ)ގެ އެންމެ ބޮޑު ބައިވެރިއަކީވެސް އާސިއާންގެ ގައުމުތަކެވެ. "އާރްސީއީޕީ" އެއްބަސްވުމުގައި އާސިއާންގެ 10 ގައުމުގެ އިތުރުން ހިމެނެނީ އޮސްޓްރޭލިޔާ، ޗައިނާ، ޖަޕާން، ދެކުނު ކޮރެޔާ އަދި ނިއުޒީލޭންޑް އެވެ.
އާސިއާންގެ ގައުމުތަކުގެ ތަރައްގީއަށް އެހީތެރިވުމަށް ޓަކައި އެމެރިކާއިން 150 މިލިޔަން ޑޮލަރު ދޭނެކަމަށް ބުނެފައިވާއިރު ޗައިނާ ގެންދަނީ އާސިއާންގެ ގައުމުތަކުގެ ތަރައްގީއަށް 1.5 ބިލިޔަން ޑޮލަރު އިންވެސްޓް ކުރަމުންނެވެެ.