13 Nov 2022, 13:09
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތްތަކެއް އެޅުމަށް އެޗްޑީސީން ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ހ. މީރުމާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތަކެއް އެޅުމަށް ހަވާލުކުރީ ސަންފްރޮންޓް ޕްރައިވެޓް ލިމިޓެޑާއި ވެލިގާ ހާޑްވެއާ އާއެވެ.
ސަން ފްރޮންޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރަޝާދު އަހްމަދެވެ. ވެލިގާގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު އަބޫބަކުރު މުހައްމަދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު އާތިފެވެ.
ސަން ފްރޮންޓްގެ ފަރާތުން އެޅުމަށް ހަމަޖެހިފައިވަނީ 22،395 އަކަ ފޫޓުގެ މިސްކިތެކެވެ. އެ މިސްކިތުގެ އެތެރޭގައި އެއްފަހަރާ 2،000 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެ މިސްކިތް ބިނާ ކުރަނީ އިސްލާމީ މަރުކަޒެއްގެ ކޮންސެޕްޓަަށް، އިރުގެ ހަކަތައިން ކަރަންޓު އުފެއްދޭ ގޮތަށެވެ. އަންހެނުން ނަމާދު ކުރުމަށް ވަކި ޚާއްސަ ބައެއް އެ މިސްކިތުގައި ހިމެނެއެވެ.

ވެލިގާ ހާޑްވެއާއާ އެކު ސޮއިކުރި އެއްބަސްވުން ދެފަރާތުން ބަދަލުކުރަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ވެލިގާ ހާޑްވެއާގެ ފަރާތުން އެޅުމަށް ހަމަޖެހިފައިވަނީ 15،457 އަކަ ފޫޓުގެ މިސްކިތެކެވެ. އެ މިސްކިތުގެ އެތެރޭގައި އެއްފަހަރާ 2،200 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެ މިސްކިތް ބިނާ ކުރަނީވެސް އިރުގެ ހަކަތައިން ކަރަންޓު އުފެއްދޭ ގޮތަށެވެ. އަންހެނުން ނަމާދު ކުރުމަށް ވަކި ޚާއްސަ ބައެއް އެ މިސްކިތުގައިވެސް ހިމެނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އާތިފް ވިދާޅުވީ މިސްކިތްތައް އެޅުމަށް އަމިއްލަ ކުންފުނިތަކުގެ ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ.