މެޑިކާ ހޮސްޕިޓަލްގައި ހަކުރު ބަލީގެ ފަރުވާ ހޯދާ މީހުންނަށް ޚާއްސަ ކްލިނިކެއް ހުޅުވަން ތައްޔާރުވެއްޖެއެވެ.

އެ ހޮސްޕިޓަލުން ބުނީ އެ ކްލިނިކު ހުޅުވުމުގެ މައިގަނޑު ބޭނުމަކީ ހަކުރު ބަލި ތަހައްމަލުކުރާ މީހުންނަަށް ފަސޭހައިން ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

އެ ކްލިނިކު ހުޅުވަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު 14ގައި ފާހަގަކުރާ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާ ދިމާކޮށެވެ. އެގޮތުން 2021 އިން 2023އަށް އެ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅައިފައިވަނީ "އެކްސެސް ޓު ޑައިބެޓީސް ކެއާ"އެވެ.

ދުނިޔޭގެ ނިސްބަތުން ކޮންމެ 10 މީހަކުން އެކަކީ ހަކުރު ބަލީގެ ބަލި މީހެކެވެ. ރާއްޖޭގައި ވެސް ހަކުރު ބަލީގެ ގިނަ ބަޔަކު އުޅެއެވެ. އެގޮތުން މިދިޔަ އަހަރުގެ ވޯލްޑް ބޭންކްގެ ދިރާސާތަކުން ދައްކާގޮތުގައި އާބާދީގެ 20 އަހަރާއި 79 އަހަރުގެ އުމުރުފުރައިގެ 9.2 ޕަސެންޓަކީ ހަކުރު ބަލީގެ ބަލި މީހުންނެވެ.

މެޑިކާ ހޮސްޕިޓަލްގެ ޑައިބެޓީސް ކްލިނިކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 08:00އިން 12:00އަށެވެ.

އެ ކްލިނިކުގައި ބަލި މީހުންނަށް ފަރުވާދޭނީ އެ ކަމަށް ޚާއްސަ ޑޮކްޓަރުންނެވެ. އެއާއެކު މިހާރު މެޑިކާ ޑައިބެޓިކް ކްލިނިކުގައި ރަޖިސްޓަރުވުމަށް ވަނީ ހުޅުވައިލައިފައެވެ.

އެ ކްލިނިކުގެ ނަމްބަރު 9813191 އަށް ގުޅައިގެން އެ ކަން ކުރިއަށް ގެންދެވޭނެކަމަށް މެޑިކާ ހޮސްޕިޓަލުން ބުނެއެވެ.