13 Nov 2022, 00:05
މިދިޔަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑު ސަން އޮންލައިންގައި މަސައްކަތް ކުރި އާލިމް އަބްދުލް ލަތީފް ހޯދައިފިއެވެ.
ދެހާސް އެކާވީސް ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމަށް މިރޭ ގިޔާސުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި، އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑު ހާސިލުކުރި އާލިމަށް އެވޯޑު ހަވާލުކޮށްދެއްވީ އެސްޓީއޯގެ ޗީފް އޮޑިޓް އެގްޒެކްޓިވް ހައްވާ ނާފިއާއެވެ.
ދެހާސް ވިހިވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއަށް ވަން އާލިމް ސަން އޮންލައިނާ ގުޅުނީ މިދިޔަ އަހަރުއެވެ. ސަން އޮންލައިންގައި މަސައްކަތްކުރި އެއް އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ ވޭތުވެދިޔަ އަހަރު ހިނގައި ދިޔަ ބޮޑެތި ހާދިސާތައް ކަވަރުކޮށްފައެވެ. އަދި އިޖުތިމާއީ ދާއިރާއިން ފާހަގަކޮށްލެވޭ ރިޕޯޓްތަކެއް ވެސް އޭނާ ލިޔެފައިވެއެވެ.
މީގެއިތުރުން މީގެ 18 އަހަރު ކުރިން ކުރިމަތިވި ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި އެއްރަށް ކަމުގައިވާ ތ. ވިލުފުއްޓަށް ގޮސް އެރަށާ ގުޅޭ ޚާއްސަ ކަވަރޭޖެއް އޭނާ ވަނީ ގެނެސްދީފައެވެ.
ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ މޫނުތަކެއް ތައާރަފްކުރި ސަން އޮންލައިންގެ ނޫސްވެރިން ވަނީ މީގެ ކުރިން ތިން ފަހަރު އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ހާސިލްކޮށްފައެވެ. އެގޮތުން އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑު ފުރަތަމަ ތައާރަފުކުރި 2015 ވަނަ އަހަރު އެ އެވޯޑް ހޯދާފައިވަނީ ސަންގެ އަހްމަދު ސާއިލް އަލީއެވެ. އަދި އޭގެ ފަހުން ސަން އޮންލައިންގައި މަސައްކަތްކުރި ނަޖާހު މަސްއޫދު އާއި މުހައްމަދު މުޒައްޔިން ނާޒިމް ވެސް ވަނީ އެ އެވޯޑް ހާސިލް ކޮށްފައެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ފީޗާ ލިޔުންތެރިއަކަށް ހޮވިފައިވަނީ ސަން އޮންލައިންގައި 2021 ވަނަ އަހަރު މަސައްކަތްކުރި ނަޖާހު މަސްއޫދަށެވެ. އޭނާ އެ އެވޯޑް ހާސިލް ކޮށްފައިވަނީ މީގެ ކުރިން އެންމެ މޮޅު ފިޗާ އެވޯޑް ހޯދާފައިވާ ތަޖުރިބާކާރު ދެ ނޫސްވެރިންނާ ވާދަކޮށެވެ. އެންމެ މޮޅު ފިޗާ ލިޔުންތެރިޔާގެ އެވޯޑަށް ނަޖާހު ނޮމިނޭޓް ވެފައިވަނީ 'މިޔަރު ދިރިހުރުމުން ފައިދާ މާ ބޮޑު!' އެ ލިޔުމުންނެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިއަކަށް ހޮވިފައިވަނީ ދައުރު ނޫހުގައި މަސައްކަތް ކުރަމުން އަންނަ އައިމިނަތު ޝިފްލީންއެވެ.
ދެމެހެއްޓެނިވި ތަރައްގީ އާއި އިޖްތިމާއީ ދާއިރާއިން ނޫސް މަޖައްލާ ކެޓަގަރީން އެވޯޑް ހާސިލު ކުރީ މިހާރު ނޫހުގެ މުހައްމަދު ހަމްދޫނެވެ.
ނޫސް މަޖައްލާ ކެޓަގަރީން ސިޔާސީ ދާއިރާގެ އެވޯޑް ހާސިލުކުރީ މިހާރު ނޫހުގެ ފަޒީނާ އަޙްމަދެވެ.
ޝަރުއީ އަދި ގާނޫނީ ދާއިރާއިން ނޫސް މަޖައްލާ ގެޓަގަރީން އެވޯޑް ހާސިލުކުރީ ދައުރު ނޫހުގެ ޝަފްނާ ހުސައިނެވެ.
ވިޔަފާރި އާއި އިގްތިޞާދީ ދާއިރާއިން ނޫސް މަޖައްލާ ކެޓަގަރީން އެވޯޑް ހާސިލުކުރީ ދައުރު ނޫހުގެ އަހްމަދު ނާއިފެވެ.
ކުޅިވަރުގެ ދާއިރާ ނޫސް މަޖައްލާ ކެޓަގަރީން އެވޯޑް ހާސިލުކުރީ އަދަދު ނޫހުގެ އައްޒާމް އަލިފުޅެވެ.
ނޫސް މަޖައްލާ ކެޓަގަރީން ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއިން އެވޯޑް ހާސިލުކުރީ ވަގުތު ނޫހުގެ އަހްމަދު އަލީއެވެ.
ނޫސް މަޖައްލާ ކެޓަގަރީން ފީޗަރ ދާއިރާއިން އެވޯޑް ހާސިލުކުރީ ނަޖާހް މަސްއޫދެވެ.
ފޮޓޯ ޖާނަލިޒަމްގެ ދާއިރާއިން އެވޯޑް ހާސިލުކުރީ މިހާރު ނޫހުގެ ނިޝާން އަލީއެވެ.
މިރޭގެ ޖަލްސާގައި ވަނީ ދިގުމުއްދަތަކަށް ނޫސްވެރިކަން ކުރައްވާފައިވާ ދެ ބޭފުޅަކަށް ހަޔާތީ އަރުތަ އެވޯޑް ދެއްވާފައެވެ. އެއީ ޑރ. އަލީ ރަފީގާއި މަޑުލު މުހައްމަދު ވަހީދެވެ.