މެމްބަރުންގެ މެދުގައި އަރާރުން ބޮޑުވެ، އެންމެފަހުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މެސެޖް ނުކުރެވޭގޮތް ހަދައިފިއެވެ.

ވަޓްސްއެޕް ގްރޫޕަށް މެމްބަރުންނަށް މެސެޖް ނުކުރެވޭގޮތަށް ސެޓިން ބަދަލުކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި އެމްޑީޕީގެ ޗެއާޕާސަން އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މެސެޖް ނުކުރެވޭގޮތް ހަދާފައިމިވަނީ ބަޖެޓް ބަހުސާގުޅިގެން ދެކެވުނު ވާހަކަތަކެއްގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދިނުމާ ގުޅޭގޮތުން ސުވާލު އުފައްދައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެމްބަރުން ވާހަކަދައްކަން ފެށި ހިސާބުން ފެށިގެން މައްސަލަ ގޯސްވެގެންނެވެ.

މައްސަލަ އެންމެބޮޑަށް ގޯސްވެފައިވަނީ، ކުރިން ޑީއާރްޕީގައި ހުރުމަށްފަހު އެމްޑީޕީއާ ގުޅިވަޑައިގަތް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައީސް ނަޝީދު ފެކްޝަނުގެ މެމްބަރުންގެ މެސެޖުތަކަށް ރައްދު ދެއްވަންފެށި ހިސާބުންނެވެ.

ގްރޫޕުގައި ރޮޒައިނާ ވިދާޅުވީ، އަމިއްލަ ޕާޓީއަށް ވެރިކަން ލިބުމުންވެސް ހިތް ނުފުރުނުއިރު، ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންނަށް ކުރެވުނުހާވެސް ކަމަކީ ރައީސް ޞާލިހުގެ ޒަމާން ދުއްވާލުމަށް މަސައްކަތްކުރުންކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ފެކްޝަނުގެ މެމްބަރުން ވިދާޅުވެފައިވަނީ، ރޮޒައިނާ އަކީ އެންމެގިނަ ރައީސުންނަށް ސަނާ ކިއުމުގެ ރެކޯޑު އޮންނަ މެމްބަރުކަމަށެވެ. އެ މެމްބަރުން ވަނީ ރޮޒައިނާއާ ދިމާކުރުމަށް މީގެކުރިން އެކި ރައީސުންނަށް ސަނާ ކިޔާ ވީޑިއޯތައް ގްރޫޕަށް ލާފައެވެ.

ރައީސް ޞާލިހުވެސް އިންނަވާ މި ގްރޫޕްގައި ދެ ބައިމީހުންގެ ކޯޅުން މާ ބޮޑުވުމުން ފައްޔާޒް ވަނީ މެމްބަރުންނަށް ގްރޫޕަށް މެސެޖު ނުކުރެވޭގޮތް ހަދާފައެވެ. މިހާރު އެ ގްރޫޕްގައި މެސެޖު ކުރެވެނީ އެޑުމިންގެ ގޮތުގައި ތިބި މީހުންނަށެވެ.

އެންމެފަހުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މެސެޖް ނުކުރެވޭގޮތް ހެދުމާ ގުޅިގެން މި ސަރުކާރުގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމުގައި ކުރިން ހުންނެވި މުހައްމަދު މަލީހް ޖަމާލު ފޭސްބުކްގައި ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އަހުލުވެރިން ކަމަށް ދަޢުވާ ކުރި ބަޔަކަށް މިއަދު އެ އުޅެނީ ޕާޓީގެ ތެރޭގައި އަނގައިން ބުނުން ބޮޑުކުށަކަށް ވެގެންކަމަށެވެ.

މި ފަހަކަށް އައިސް އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންނާއި ރައީސް ޞާލިހަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައިވެސް ބަހުގެ ހަމަލާތައް ބަދަލުކުރެއެވެ.