13 Nov 2022, 09:50
މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ) އިން މިއަހަރު ނެރޭ އުފެއްދުންތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ "ބްލެކް ޕެންތާ : ވަކަންޑާ ފޮރެވާ" ހަފުތާ ބަންދުގައި އަޅުވައި ބޮޑު އާމްދަނީއެއް ހޯދައިފިއެވެ.
މި ހަފުތާ ބަންދުގައި ބްލެކް ޕެންތާގެ ދެވަނަ ބައި ދައްކަން ފަށާފައިވާއިރު އެ ފިލްމު ވަނީ މިހާތަނަށް ނެރުނު އެންމެ ބޮޑު އޯޕެނިންގެ ރެކޯޑުތަކުގައި ހިމެނިފައެވެ. އެގޮތުން މިހާތަނަށް އެމެރިކާގައި އެންމެ ބޮޑު އޯޕެނިންތައް ހިމެނޭ ފިލްމުތަކުގެ ލިސްޓުގެ ނުވަ ވަނައިގައި އެ ފިލްމު ހިމެނެއެވެ. އެ އަދަދަކީ އިންފްލޭޝަނަށް ނުބަލައި ގުނާފައިވާ އަދަދެވެ. އަދި އިންފްލޭޝަނަށް ފިލްމު ސެޓު ކުރުމުން އޯޕެނިން އަދި އިތުރަށް ބޮޑު ވުމަކީ އެކަށީގެންވާ ކަމެކެވެ.
ވަކަންޑާ ފޮރެވާއަށް ވަނީ ހަފުތާ ބަންދުގައި އެމެރިކާ އިން އެކަނިވެސް 84 މިލިއަން ޑޮލަރު ލިބިފައެވެ. އަދި މުޅި ދުނިޔެއިން އެ ފިލްމަށް ޖުމްލަ 174 މިލިއަން ޑޮލަރާއި 184 މިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކުރެވެއެވެ.
މި އަދަދަކީ ކިތަންމެ ބޮޑު އަދަދަކަށް ވި ނަމަވެސް މި އަދަދަކީ ބްލެކް ޕެންތާގެ ފުރަތަމަ ބަޔާ އަޅާ ބަލާއިރު ކުޑަ އަދަދެކެވެ. އެ ފިލްމު ވަނީ ހަފުތާ ބަންދުގައި އެކަނިވެސް 202 މިލިއަން ޑޮލަރުގެ އާމްދަނީ ހޯދާފައެވެ.
ބްލެކް ޕެންތާގެ އާ ފިލްމުން ލީޑް ރޯލުން ފެންނާނީ އެންޖެލާ ބެސެޓް އާއި ލެޓީޝާ ރައިޓް އާއި ޓެނޯކް ހުއެރުތާ އާއި ޑޮމިނީކް ތޯން އަދި ޑެނިއެލް ކަލޫޔާއެވެ.