އެމެރިކާގެ މަޝްހޫރު އެކްޓަރު ކްރިސް އެވަންސް މިހާރު ހުރީ ސިންގަލް ކޮށް ނޫންކަން، އޭނާ ހާމަކޮށްފިއެވެ.

އުމުރުން 41 އަހަރުގެ ކްރިސް އެވަންސް އަކީ ހޮލީވުޑްގެ އެންމެ މަގުބޫލު އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. މާވެލްގެ "ކެޕްޓަން އެމެރިކާ"ގެ ރޯލުން ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި އެވްންސް މީގެ ކުރީން ހޮލީވުޑްގެ ބޭރުންނާއި އެތެރެއިން އެކި މީހުންނާ ގުޅިފައިވާ ކަމަށް ހަބަރުތައް ފެތުރިފައިވެއެވެ.

ނަމަވެސް މިހާތަނަށް ކައިވެނިކޮށްފައި ނުވާ އެވަންސް މިހާރު ސިންގަލް ނޫން ކަމަށާއި އެހެން އެކްޓްރެސް އަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަން ވަނީ ކަށަވަރު ކޮށްދީފައެވެ.

ކްރިސް އެވަންސް ގުޅިފައިވަނީ އުމުރުން 25 އަހަރުގެ އެކްޓްރެސް އެލްބާ ބެޕްޓިސްޓާ އާއެވެ. އެލްބާ އަކީ ނެޓްފްލިކްސް މެދުވެރިކޮށް މަގުބޫލުކަން ހޯދަމުން އަންނަ ޒުވާނެކެވެ. އެގޮތުން އޭނާ އެންމެ ފާހަގަކޮށްލެވޭ އެއް ރޯލަކީ ނެޓްފްލިކްސްގެ ފެންޓަސީ ޑްރާމާ "ވޯރިއާ ނަން"ގެ ލީޑް ރޯލެވެ.

ދެމީހުން އެކީގައި އުޅޭ ކަމުގެ ވާހަކަތައް ފުރަތަމަ ފެންމަތިވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެތެރޭގައެވެ. ނަމަވެސް އެކަމަށް އެއްވެސް ޖަވާބެއް ދިނުމެއް ނެތި ދާދި ފަހުން ބޭއްވި އިންޓަވިއުއެއްގައި އެވަންސް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

އެވަންސް ބުނިގޮތުގައި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަދި ދެމީހުން ވަރަށް ސީރިއަސް ކަމަށާއި މިހާރު އެވަންސް ބޭނުންވަނީ ހަޔާތެއް ފެށުމަށް ކަމަށް އޭނާ އިޝާރާތް ކޮށްފައިވެއެވެ.