06 Apr 2012, 21:25
ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް މިހާރު ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޝަރުމާއާ ބައްދަލުކުރައްވައި ދުންޔާ ދެއްކެވި ވާހަކަ ފުޅުގައި ކޮމަންވެލްތާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތް ކުރާނެ ކަމާއި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ހުށައެޅި ކަންތައްތަކަށް ސަރުކާރުން އަމަލުކުރާނެ ކަމުގެ ޔަގީންކަން އިތުރަށް ދެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ކޮމަން ވެލްތުން ރާއްޖެއަށްވެދޭ އެހީއަށް ޓަކައި އެކަމަނާ ޝުކުރު އަދާކުރެއްވި އެވެ.
" ރާއްޖޭގެ ސިޔާސީ ކަންތައްތަކަށް ދާއީމީ ހައްލެއް ހޯދަން ސިޔާސީ ތަފާތުތައް އެއްފަރާތްކޮށް، ވާހަކަތަކުގައި ބައިވެރިވުމަށް ކޮމަން ވެލްތުން ގޮވާލާފައިވާ ގޮވާލުން ދިވެހި ސަރުކާރުން ވެސް ތަކުރާރުކުރޭ،" ދުންޔާ ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޝަރުމާއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ދުންޔާ އަދި ވިދާޅުވެފައި ވަނީ ކޮމަންވެލްތުން ރާއްޖެއަށް ހާއްސަ މަންދޫބެއްގެ ގޮތުގައި ސާ. ޑޮން މެކިނަން ހަމަޖެއްސުމަކީ ލިބުނު ފުރުސަތެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށާއި މަންދޫބާއެކު ސަރުކާރުން ވަރަށް ގާތުން މަސައްކަތް ކުރި ކަމަށާއި އޭނާގެ ތަޖުރިބާގެ ފައިދާ ކުރި ކަމަށެވެ.
ނެޝަނަލް އިންކުއަރީ ކޮމިޝަނަށް ކޮމަންވެލްތުން ދޭ ޓެކްނިކަލް އެހީތެރިކަމާ ބެހޭ ގޮތުން ވެސް ދުންޔާ ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. ވިދާޅުވެފައި ވަނީ އެކޮމިޝަނުން ހޯދާ ހޯދުން ތަކުން ގައުމީ އެއްބައިވަންތަކަމަށް ޓަކައި ރާއްޖޭން އަޅަން ވީ ފިޔަވަޅުތައް އެނގި ކުރިއަށްދާން ފަސޭހަވާނެ ކަމަށެވެ.