ލ. މާބައިދޫއާއި އެ އަތޮޅު ނާލާފުށީގެ ރައްޔިތުން ތަހައްމަލުކުރަމުން އައި އިންޖީނު ގޭގެ ޒަމާންވީ މައްސަލައަށް ފެނަކަ ކޯޕަރޭޝަނުން ހައްލު ގެނެސްދީފިއެވެ.

މާބައިދޫގައި 38 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލައި އިއްޔެ ހަވީރުން ފެށިގެން މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ވަނީ ފަށައިފައެވެ.

މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމް "ސަން"އަށް ވިދާޅުވީ ކުރިން ރަށުގައި ބޭނުންކުރި އިންޖީނުގެ ހުރީ ރަށުގެ މެދުގައި މީހުން ދިރިއުޅޭ ގެތަކުގެ މެދުގައި ކަމަށެވެ. އެހެންކަމުން ގިނަ ތަކުލީފުތަކަކާ ކުރިމަތިލާންޖެހުނުކަމަށް އޭނާ ވިދާޅުވިއެވެ.

"އޮއިލް ސްޕިލްވުމާ ހަމަ އެ ހުރިހާ ކަމެއްގެ ތެރޭ 38 އަހަރު ހޭދަކުރުމަށްފަހު މި ހައްލެއް ލިބުނީ. އެ އަޑާއި ދުމުގެ އަސަރު ވެސް ވަރަށް ބޮޑަށް ހުރޭ ރަށު ތެރޭ. އިންޖީނު ގޭގެ މައްސަލައަކީ ރައްޔިތުންގެ ޒަމާންވީ ޝަކުވާއެއް. އެ ކަން ހައްލުވީ ފެނަކައިގެ ސަބަބުން،" އޭނާ ވިދާޅުވިއެވެ.

މ. ނާލާފުށީގައި 23 އަހަރު ވަންދެން އެތައް ދަތިތައް ރައްޔިތުންނަށް ތަހައްމަލުކުރަން މަޖުބޫރުކުރިވި ޒަމާންވީ އިންޖީނުގެ ނިއްވާލައި އިއްޔެ މެންދުރުން ފެށިގެން މުޅިން އައު އިންޖީނު ގެއަކުން ކަރަންޓު ދޭން ފެށީ އިއްޔެއެވެ.

ނާލާފުށީ ކައުންސިލްގެ ރައީސް އަހްމަދު ޒުބައިރު "ސަން"އަށް ވިދާޅުވީ ބާ އިންޖީނުގެ ބަދަލުކުރުމަކީ ރައްޔިތުން އެތައް ދުވަހެއް ވަންދެން އެދެމުން އައި ކަމެއްކަމަށެވެ. އަދި އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރުމުން އެ ރަށު ސިއްހީ މަރުކަޒު ރަށު ތެރެއަށް ބަދަލުކުރުމުގެ ފުރުސަތު ލިބޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވަރަށް އެދިއެދި ތިބި ކަމެއް އެއީ. ސިއްހީ މަރުކަޒު ވެސް އެހެންތަނަކަށް ބަދަލުކުރެވެން އޮތީ މި އިންޖީނުގެ ނެގިގެން. ސިއްހީ މަރުކަޒު މެދުތެރެއަށް އައިމަ އޭގެ ފަސޭހަތަކެއް ރައްޔިތުންނަށް ވެސް ލިބޭނެ. ވަރަށް އުނދަގޫވި ކުރިން،" އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ދެ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ވެސް ވަނީ ފެނަކަައަށް ޝުކުުރު އަދާކޮށްފައެެވެ.