12 Nov 2022, 17:17
ޕައުލޯ ޑީބަލާ ހިމަނައިގެން ވޯލްޑްކަޕްގައި އާޖެންޓީނާ ވާދަކުރާ 26 ކުޅުންތެރިންގެ ސްކޮޑް އިއުލާނުކޮށްފިއެވެ.
އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ އެ ޓީމުގެ ސްކޮޑް އިއުލާނުކުރިއިރު، އެންމެ ފާހަގަކޮށްލެވެނީ އަނިޔާގައި ހުރި ޑިމާރިއާ އާއި ޑީބަލާ ސްކޮޑަށް ނެގުމެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ދެކުޅުންތެރިންނަށް އާޖެންޓީނާ ޓީމުން ފުރުސަތު ދީފައިވަނީ، ވޯލްޑްކަޕް ފެށޭއިރު ކުޅެވޭނޭކަމަށް ބަލާފައެވެ.
ސްކޮޑް އިއުލާނު ކުރުމަށްފަހު އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ސްކަލޮނީ ބުނީ، ކުޅުންތެރިން މިފަހަރު އާޖެންޓީނާ ޖޯޒީ ލާނީ ފަޚްރުވެރިކަމާއެކު ކަމަށާއި، އުއްމީދަކީ ސަޕޯޓަރުންވެސް އެގޮތުގައި ޓީމާއެކު ދެމިތިބުންކަމަށެވެ.
މިއީ ލިއޮނެލް މެސީ ކުޅޭނެ އެންމެ ފަހު ވޯލްޑްކަޕެވެ. މިފަހަރުގެ ވޯލްޑްކަޕަކީ މެސީގެ ފަސް ވަނަ ވޯލްޑްކަޕެވެ. މެސީ ވަނީ މީގެކުރިން 2006،2010،2014،2018 ގެ ވޯލްޑްކަޕް ކުޅެފައެވެ. މިފަހަރުގެ ވޯލްޑްކަޕުގައިވެސް އާޖެންޓީނާގެ ކެޕްޓަން ބޭންޑް އަޅާނީ މެސީއެވެ.
ވޯލްޑްކަޕްގައި އާޖެންޓީނާ ހިމެނެނީ ގްރޫޕް ސީގައެވެ. އާޖެންޓީނާގެ އިތުރުން މި ގްރޫޕްގައި ދެން ހިމެނޭ ޓީމުތަކަކީ މެކްސިކޯ، ޕޮލެންޑް އަދި ސައުދީއަރަބިއްޔާއެވެ.
ވޯލްޑްކަޕްގައި ވާދަކުރާ އާޖެންޓީނާގެ ސްކޮޑް:
ގޯލްކީޕަރުން:އިމިލިއާނޯ މާޓިނެޒް، ފްރާންކޯ، ޖެރޮނިމޯ ރުއްލީ، ފްރެންކޯ އަރްމާނީ.
ޑިފެންޑަރުން:ނުހެއުލް މޮލީނާ، ގޮންޒާލޯ މޮންޓިއެލް، ކްރިސްޓިއަން ރޮމެރޯ، ޖާމަން ޕަޒެއްލާ، ނިކޮލަސް އޮޓަމެންޑީ، ލިސަންދްރޯ މާޓިނޭޒް، މާކޮސް އަކޫނާ، ނިކޮލަސް ޓަގްލިއަފިކޯ، ހުއަން ފޮއިތް.
މިޑްފީލްޑަރުން:ރޮޑްރިގޯ ޑި ޕައުލް، ލީންދްރޯ ޕެރަޑެސް، އެލެކްސް މާކް އެލިސްޓާ، ގުއިޑޯ ރޮޑްރިގޭޒް، އަލެހެންދްރޯ ގޮމޭޒް، އެންޒޯ ފެނާންޑޭޒް، އެޒެކުއަލް ޕެލާސިއޯ.
ފޯވާޑުން:ލިއޮނެލް މެސީ، އެންހެން ޑިމާރިއާ، ލައުރާޓޯ މާޓިނޭޒް، ޖޫލިއަން އަލްވަރޭޒް، ނިކޮލަސް ގޮންޒާލެސް، ޖޯކުއަން ކޮއްރިއާ، ޕައުލޯ ޑީބަލާ.
ގަތަރުގައި ބާއްވާ މިފަހަރުގެ ވޯލްޑްކަޕުން ފުރުސަތު ގެއްލުނު ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ސެވިއްޔާއަށް ކުޅެމުން އަންނަ އެލެހެންދްރޯ ގޮމޭޒްއެވެ. މީގެ އިތުރުން އަނިޔާގެ ސަބަބުން ވިޔަރެއާލްގެ ލޮސެލްސޯ އަށްވެސް ސްކޮޑުން ވަނީ ފުރުސަތު ގެއްލިފައެވެ.