12 Nov 2022, 16:31
ހައްލުނުވެ ދިގުދެމިގެން ގޮސްފައިވާ މަސްވެރިންގެ ކަންބޮޑުވުމާއި ޝަކުވާތައް އިއްވުމަށް މަސްވެރިން އިހުތިޖާޖުކޮށްފިއެވެ.
މާންދޫގައި މަސްވެރިން މިއަދު ހެނދުނު އިހުތިޖާޖުކުރީ އެ މީހުން ކިރާ މަހަށް ލިބެންޖެހޭ ފައިސާ އަދިވެސް ނުލިބޭ މައްސަލައިގައެެވެ.
ތ. އަތޮޅާއި ލ. އަތޮޅުގެ މަސްވެރިން އެކުވެ ކުރިއަށް ގެންދާ މި އިހުތިޖާޖުގައި މަސްވެރިން ގޮވައިލަމުން އަންނަނީ ތެލުގެ އަގާއި އައިސްގެ އަގު ހެޔޮކުރުމަށެވެ.
ހަމައެއާއެކު މަސް ކިރައިގެން ދޭ ސްލިޕްކޮޅުގެ ބަދަލުގައި ވަގުތުން ފައިސާ ދިނުމަށް ވެސް ގޮވައިލިއެވެ.
މީގެ އިތުރުން ފައިސާ ނުދޭނަމަ މަސްވެރިންނަށް ތެޔޮ ގަތުމާއި އެހެނިހެން ކަންކަމުގައި ގިނަ ދަތިތަކެއް ކުރިމަތިވާކަމަށް ވެސް ވަނީ ބުނެފައެވެ.
މަސްވެރިން މަސައްކަތްކުރީ މާންދޫގެ ވެރިންނާ ބައްދަލުކުރުމަށެވެ.
"އަޅުގަނޑުމެން ފޯނުން ގުޅައިގެން ވެސް މަސައްކަތްކުރިން. ނަމަވެސް ޖަވާބު ނުލިބޭ. މި ވާހަކަދައްކަމުން އަންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ. ވާހަކަދައްކައިގެން ރަނގަޅެއް ނުވޭ އެއްވެސް ވަރަކަށް މިކަން،" އިހުތިޖާޖުގެ ބައިވެރިއެއް ބުންޏެވެ.
އެ މީހުން އެ ތަނުގައި ޖަވާބެއް ލިބެންދެން މަޑުކުރާނެކަމަށް ބުނެއެވެ.
މިކަމުގައި އަދި މާންދޫގެ ބަހެއް ލިބިފައެއްނުވެއެވެ.