ޖަރުމަނުގެ ފްރެންކްފާޓްގައި މައި އޮފީސް ހުންނަ މަލްޓިނޭޝަނަލް އިންވެސްޓްމަންޓް ބޭންކް "ޑޮއިޗް ބޭންކް" ހެކްކޮށްފިކަމަށް ބުނާ ވާހަކަތަކެއް ފެތުރިއްޖެއެވެ.

ޔޫރަޕާއި އެމެރިކާއާއި އޭޝިއާގެ 58 ގައުމެއްގައި މި ބޭންކުގެ ނެޓްވޯކް ހިމެނޭއިރު، އެ ބޭންކްގެ އެތެރޭގެ ނެޓްވޯކަށް ވަދެވޭނެ ގޮތް ޓެލެގްރާމްގައި ވިއްކަމުންދާކަމަށް ބްރޯކަރަކު ވަނީ ބުނެފައެވެ.

އިންޝިއަލް އެކްސެސް ބްރޯކަރު (އައިއޭބީ)އެއް ކަމަށްވާ އެ މީހާ އަމިއްލަ ވަނަވަރު ހާމަނުކޮށް ބުނަނީ، ޑޮއިޗް ބޭންކުގެ 21،000 މެޝިނާއި 16 ޓެރަބައިޓްގެ ޑޭޓާ ލިބިފައިވާ ކަމަށެވެ. އެމައުލޫމާތުތައް ޓެލެގްރާމްގައި ވިއްކަމުންދާ ކަމަށާއި، އޭގެ އަގަކީ ގާތްގަނޑަކަށް 110،000 ޕައުންޑް ނުވަތަ 7.5 ބިޓްކޮއިން ކަމަށްވެސް އެފަރާތުން ވަނީ ޓެލެގްރާމްގައި އިއުލާންކޮށްފައެވެ.

ޑޮއިޗް ބޭންކުން ގާތްގަނޑަކަށް 1.3 ޓްރިލިއަން ޑޮލަރަށް ވުރެ ގިނަ އަގުބޮޑު އެސެޓްތައް މެނޭޖް ކުރެއެވެ.

ޓެލެގްރާމްގައި އޮކް_ޑަމްޕްގެ ނަމުގައި ހަދާފައިވާ ޔޫޒާ 'ދާ ބްރޯކަރުން' ވަނީ ޑޮއިޗް ބޭންކުގެ އެތެރޭގެ ނެޓްވޯކްތަކާއި މެޝިންތަކަށް އެކްސެސް ލިބިފައިވާ ކަމަށް ޓެލެގްރާމްގައި އިއުލާންކޮށްފައެވެ.

"އަނެއްކާވެސް މި ވައްކަނީ ވަކި ބޭންކެއްގެ ނެޓްވޯކް އެކްސެސް، އަހަރެމެންނަށް ޑީއޭ (ޑައިރެކްޓް އެކްސެސް) ލިބިފައިވޭ، ޑޮމެއިންގައި ގިނައިން ވިންޑޯސްއަށް ކޮންފިގާކޮށްފައިވާ ގާތްގަނޑަކަށް 21ކޭ މެޝިން ހުރޭ،" މައުލޫމާތު ވިއްކާނެ ކަމަށް ބުނޭ އެ ޓެލެގްރާމް ޕޯސްޓްގައި ބުނެފައިވެއެވެ.

ފްރެންކްފަޓްގައި ހުންނަ ޑޮއިޗް ބޭންކުގެ މައި އޮފީހުގެ ލޯގޯ ފެންނަ ތަސްވީރަކާއެކު މިޕޯސްޓް އާންމުކޮށްފައިވާއިރު، މިއީ ސައްޙަ އެއްޗެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި އެއްވެސް ރަސްމީ ފަރާތަކުން ހާމައެއް ނުކުރެއެވެ.

ބްރޯކަރު ބުނާ ގޮތުގައި ޔޫޒާ ޑޭޓާގްރާމް ޕްރޮޓޮކޯލް (ޔޫޑީޕީ) ފަދަ ގިނަ އަދަދެއްގެ ޓްރާންސްމިޝަން ކަނެކްޝަން ޕްރޮޓޮކޯލް (ޓީސީޕީ)ތަކުގެ އިތުރުން އެޗްޓީޓީޕީ އާއި އެޗްޓީޓީޕީއެސް މެދުވެރިކޮށް ނެޓްވޯކްގެ އެކި ހިސާބުތަކަށް ވަދެވޭނެއެވެ. އެފްޓީޕީ އާއި ޝެލްސް އަދި ސާވާއަށް އެކްސެސް ލިބޭނެކަމަށްވެސް އެޕޯސްޓްގައި ބުނެފައިވެއެވެ. އަދި އޮފީސް ޗެޓް ޑޭޓާ ހިމެނޭ ގޮތަށް "16 ޓެރަބައިޓަށް ވުރެ ގިނަ އެތެރޭގެ މައުލޫމާތު ހުންނަ ފައިލް ސާވަރުތަކަށް" ވެސް ވަދެވޭނެކަމަށް އެމީހުން ބުނެފައިވެއެވެ.

މި ވާހަކަތައް ސައްހަ ކަމަށް އެ ބޭންކުން ބުނެފި ނަމަ، މިފަދަ ހެކެއް ކުރުމަކީ އެބޭންކާ މެދު ކަސްޓަމަރުންގެ މެދުގައި އޮތް އިތުބާރާއި ޔަގީންކަން ގެއްލިގެން ހިނގައިދާނެ ކަމެކެވެ. އަދި ބޭންކުގެ އަބުރަށް ގެއްލުން ލިބިދާނެ ކަމެއްވެސްމެއެވެ.