ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ބާސެލޯނާ އާއި ޗެލްސީ ބައްދަލުކުރަން ޖެހިފައިވާއިރު، އޭނާގެ ދެ ކުދިން މިހާތަނަށް ލަމުން އައީ ލަޔޮނަލް މެސީގެ ޖާޒީ ކަމަށް ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ ބުނެފި އެވެ.

ޓެރީ ބުނީ އޭނާގެ ފަސް އަހަރުގެ ޓުވިންސް ދެ ކުދިން ކަމަށްވާ ޖޯޖީ އާއި ސަމާގެ އަތުގައި އަބަދުވެސް މެސީގެ ޖާޒީ އެއް އޮންނަ ކަމަށާއި އެ ކުދިން ޗެލްސީގެ ޖާޒީ އަށްވުރެ ގިނައިން ލައިއުޅެނީ ވެސް މެސީ ޖާޒީ ލައިއުޅޭތީވެ، އެ ޓީމުގެ ކިބައިން ބަދަލު ހިފުން އޭނާގެ ސިކުނޑީގައި އޮންނާނީ އެންމެ ފަހު ކަމެއްގެ ގޮތުގައި ކަމަށެވެ.

ޖޯން ޓެރީގެ ކެޕްޓަން ކަމުގެ ދަށުން 2008 ވަނަ އަހަރު ބާސެލޯނާ އަތުން އެއްވަރުވެ، ޗެލްސީ ކެޓި މެޗުގެ މަތިން އޭނާގެ ދެ ކުދިންގެ ހަނދާން ހުންނަވަރަށްވުރެ އެއިރު ކުޑަ އެވެ. ޓެރީ ބުނީ އޭނާގެ ދެ ކުދިން މެސީދެކެ "ލޯބިވާ" ކަމަށާއި ހުދު އޭނާގެ ނަޒަރުގައި ވެސް މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.

"އޭނާ އަކީ ވަރަށް ބަރާބަރު މީހެއް. ކުޅިވަރުގައި ވަރަށް ބަރާބަރު ޝަހުސިއްޔަތެއް. އަހަރެންގެ ނަޒަރުގައި އޭނާ ހުރިހާ އެއްްޗެއް ހާސިލްކޮށްފި. އެއީ ޖާދޫގަރެއް،" ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ތިން ފަހަރު ހޯދާފައިވާ އާޖެންޓީނާގެ 24 އަހަރުގެ ކުޅުންތެރިޔާއާ ބެހޭ ގޮތުން ޓެރީ ބުންޏެވެ.

ނަމަވެސް ޓެރީ ބުނީ ބައްޕައަށް މެސީ ހުއްޓުވޭނެކަން އޭނާގެ ކުދިންނަށް ސެމީ ފައިނަލް މެޗުގައި ދައްކާލަން ބޭނުންވާ ކަމަށެވެ. އަދި މެސީގެ މައްޗަށް ކާމިޔާބު ހޯދާނަމަ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ޖެހޭ ކަމަށާއި ރޯމަން އަބްރޮމޮވިޗް މީގެ ނުވަ އަހަރު ކުރިން ޗެލްސީއާ ހަވާލުވިއިރު ވެސް އަމާޒަކީ އެއީ ކަމަށެވެ.

ފާއިތުވެދިޔަ ނުވަ އަހަރު ތެރޭގައި މިއީ ޗެލްސީ ސެމީ ފައިނަލުގައި ކުޅޭ ހަ ވަނަ ފަހަރެވެ. މީގެ ތެރެއިން ފަސް ފަހަރު އެ ޓީމު ބަލިިވިއިރު މި ފަހަރު ވެސް ޗެލްސީ ފައިނަލްގައި ނުކުޅޭނެ ކަމަށް ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ބުނެފަ އެވެ. ރެއާލް މެޑްރިޑަށް މިހާރު ކޯޗުކޮށްދެމުން އަންނަ މޮރީނިއޯ އަކީ ޗެލްސީ އަތުން ބާސެލޯނާ ފުރަތަމަ ފަހަރަށް ކާމިޔާބު ހޯދިިއިރު ޓީމުގެ ކޯޗެވެ. ނަމަވެސް ޓެރީ ބުނީ މޮރީނިއޯގެ ވާހަކަތަކަށް އޭނާ ނުވިސްނާ ކަމަށާއި ޗެލްސީ އަށް ބާސެލޯނާ ބަލިކުރެވިދާނެ ކަމަށެވެ.