11 Nov 2022, 22:33
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 40 ވަނަ އަހަރީ ދުވަހާ ދިމާކޮށް "ކާނިވާ ސާޅީސް"ގެ ނަމުގައި ކުރިއަށް ގެންދާ ކާނިވަލްގައި ކުދި ވިޔަފާރިތައް ދައްކާލުމުގެ ފުރުސަތު ދީފިއެވެ.
މިއަދު ހަވީރު ބޭއްވި އެ ކާނިވަލުގއި އެކި ކަހަލަ 40 ވިޔަފާރިއެއްގެ ސްޓޯލް ހިމެނުނެވެ. އާންމުން ވަނީ އެ ސްޓޯލްތަކަށް ޒިޔާރަތްކޮށް ވިއްކާ ތަކެތި ތަޖުރިބާ ކޮށްލާފައެވެ.
ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު ބީއެމްއެލްއިން އެ ވިޔަފާރިތަކަށް ދީފައިވަނީ އެއްވެސް ފީ އަކާ ނުލައި މުޅިން ހިލޭއެވެ.
އެ ކާނިވަލާ ގުޅޭ ގޮތުން" ސަން" އާ ވާހަކަދައްކަވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މިފަދަ އިވެންތެއް ބޭއްވުމުގެ މަގްސަދަކީ ބޭންކުގެ ފަރާތުން މުޖުތަމައުއަށް ކަމެއް ކޮށްދިނުން ކަމަށެވެ. އާންމުންނަށް އެކުވެރި މާހައުލެއް ގާއިމްކޮށް އާއިލާ އާއެކު ވަގުތު ހޭދަކޮށްލެވޭނެ ފުރުސަތެއް ތަނަވަސްކޮށްދިނުމަކީ އެ ބޭންކުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ކުޑަކުދިންގެ ކާނިވަލުގެ ތެރެއިން --- ސަން ފޮޓޯ/ އަހްމަދު ސަދޫފް މޫސާ
މިއަދު ހަވީރު ކުރިއަށް ދިޔަ ހަރަކާތްތަކަށް އާންމުންގެ ފަރާތުން ނުހަނު ބޮޑު ތަރުހީބެއް ލިބުނެވެ. ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން އެމީހުންގެ އާއިލާތަކާއެކު ކާނިވަލްއަށް ޒިޔާރަތްކުރިއެވެ.
"އަޅުގަނޑުމެން މި ކާނިވާ ބާއްވަނީ ބޭންކުގެ 40 ވަނަ އަހަރި ދުވަހާ ގުޅުވައިގެން. ބޭނުންވީ ކުދި ވިޔަފާރިތަކަށްވެސް ފުރުސަތެއް ދީ އާއިލާއާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް. ކާނިވަލަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު،" ސައީދު ވިދާޅުވިއެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ކުޑަކުދިންގެ ކާނިވަލުގެ ތެރެއިން --- ސަން ފޮޓޯ/ އަހްމަދު ސަދޫފް މޫސާ
މީގެއިތުރުން، ކުޑަކުދިންނަށް އަމާޒުކޮށް ސްޓޭޖްގައި ތަފާތު ހުނަރު ދައްކާލާފައިވެއެވެ. ކުޅިވަރު ހަރަކާތްތަކާއި މިއުޒިކް ހަރަކާތްތަކެއްވެސް މިއަދު ހަވީރު ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި ދިވެހީންގެ ބޭންކް ވުޖޫދަށް އައީ 11 ނޮވެމްބަރު 1982 ގައެވެ. އެދުވަހުށްސުރެ މިއަދާ ހަމައަށްވެސް ރާއްޖޭގެ އެއްވަނަ ބޭންކްއަކީ ބީއެމްއެލްއެވެ.
ބީއެމްއެލްއިން އަންނަނީ އިޖްތިމާއީ ގުޅުން ވަރުގަދަ ކުރުމަށް ތަފާތު ހަރަކާތްތަކެއް ބާއްވަމުންނެވެ.