'މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް' (އެމްއެމްޑަބްލިއުއެމް) ގެ ފަރާތުން، މ. ނިރުފެހިގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑެއް ހުޅުވައިފިއެވެ.

އެ ފަންޑަކީ އެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް މި ދަނޑިވަޅުގައި ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށްޓަކައި ހުޅުވާލެވިފައިވާ ފަންޑެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި 48 ގަޑިއިރަށް ހުޅުވިފައި ހުންނަ މި ފަންޑުގެ ތެރެއިން އެ ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު 14 ބިދޭސީންނާއި، ނިޔާވި 10 ބިދޭސީންގެ އާއިލާތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޑަބްލިއުއެމް އިން ފާހަގަކުރެއެވެ.

އެ ޖަމިއްޔާއިން ބުނީ ފަންޑުގެ ތެރެއިން، ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖެ ދުށް އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްދެވުމަކީ އެ ޖަމްޢިއްޔާގެ އެންމެ އިސް އަމާޒު ކަމަށެވެ. ވުމާއެކު އެ ފަންޑަށް ވީހާވެސް ގިނަ ބަޔަކު އެހީވުމަށް އެ ޖަމްޢިއްޔާއިން އެދެއެވެ.

ބޭންކު އެކައުންޓް ނަންބަރުތައް

  • ދިވެހި ރުފިޔާ: 7730000378559 (މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް)
  • ޔޫއެސް ޑޮލާ: 7730000378560 (މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް)

ވައިބާ/ ވަޓްސްއެޕް: 7384994

އެ އަލިފާނުގެ ހާދިސާގެ ސަބަބުން މަރުވި މީހުންގެ ތެރެއިން އެމީހުންގެ އާއިލާއިން ހަށިގަނޑު ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު، ގައުމުތަކަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މަސައްކަތް ކުރަމުންދަނީ ފޮރިން މިނިސްޓްރީއާއި އިންޑިޔާ އަދި ބަންގްލަދޭޝްގެ އެމްބަސީ ގުޅިގެން ކަމަށެވެ.

ފުލުހުން މިއަދު ބުނީ އެ ހާދިސާގައި މަރުވެފައިވާ 10 މީހުންގެ ތެރެއިން މިހާތަނަށް ހަށިގަނޑު ދެނެގަނެވިފައިވާ ހަތަރު އަންހެނުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އެއް އަންހެނެއް ކަމަށެވެ.

ހަމައެއާއެކު މިހާތަނަށް ހަށިގަނޑު ދެނެގަނެވިފައިވާ ފިރިހެނުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަތަރު ފިރިހެނަކާއި ބަންގްލަދޭޝްގެ އެއް ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ މަރުވި 10 މީހުންގެ ތެރޭގައި ހަށިގަނޑު ދެނެގަނެވިފައިނުވާ އަދި އެއް ފިރިހެނަކުވާ ކަމަށެވެ.

މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ. އެ މީހުން ވަނީ ވަރަށް ބޮޑަށް އަނދައިފައެވެ. އަލިފާނުގެ ހާދިސާ ހިނގީ ގްރައުންޑް ފްލޯގައި ގަރާޖެއް ހުންނަ އަދި މަތީ ފަންގިފިލާގައި މީހުން ދިރިއުޅޭ ކޮޓަރިތަކެއް ހަދާފައިވާ އިމާރާތެއްގައެވެ.

އެ އިމާރާތުގައި 38 ބިދޭސީން އުޅެމުންދިޔައިރު އެ މީހުން ނިދާ ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެ އިމާރާތުން ޖުމްލަ 28 މީހަކު ސަލާމަތްކޮށްފައިވާއިރު، މިވަގުތު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ބެލުމުގެ ދަށުގައި ތިބީ އޭގެ ތެރެއިން މަދު ބަޔެކެވެ. އެ ހާދިސާގައި 10 މީހުން މަރުވެފައިވާއިރު މިއީ ރާއްޖޭގައި ހިނގި މިވަރުގެ އެންމެ ބޮޑު ހާދިސާއެވެ.