06 Apr 2012, 15:38
ބޮޑުތަކުރުފާނުމަގު ޖަޒީރާ ބިލްޑިންގްގައި ހުންނަ އެމްޑީޕީ ވަގުތީ ޗެއާޕާސަން ރީކޯ މޫސަ މަނިކުގެ ހެވީލޯޑް މޯލްޑިވްސް އޮފީހާއި ނާއިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން)ގެ ބަނޑޮސް އޮފީހާއި ސޮނޭވާ ފުށީ އޮފީސް ފަޅާލައި އެތައް ލައްކަ ރުފިޔާ ވަގަށް ނަގައި ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
ޖަޒީރާ ބިލްޑިންގެ ދެ ވަނަ ބުރީގައި ހުންނަ ބަނޑޮސް އޮފީސް ފަޅާލައި މިލިއަނެއްހާ ރުފިޔާ ވަގަށް ނަގާފައިވާ އިރު، އެ އިމާރާތުގެ ފަސް ވަނަ ބުރީގައި ހުންނަ ސޮނޭވާ ފުށީ އޮފީހުގެ ދެ ތިޖޫރީއެއް ފަޅާލައި 200000ރ. ވަގަށް ނަގާފައިވެ އެވެ. އަދި އެ އޮފީހުން 5000 ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ސޮނޭވާ ފުށީ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން ބުންޏެވެ. ނަމަވެސް އެ އިމާރާތުގެ ނުވަ ވަނަ ބުރީގައި ހުންނަ ރީކޯ މޫސަގެ އޮފީހުގެ ތިޖޫރީގައި ފައިސާ ނެތުމުން އެ އޮފީހަށް ބޮޑެތި ގެއްލުންތަކެއްދީ މުޅި އޮފީސް "ސުންނާފަތި" ކޮށްފައިވެ އެވެ.
ހެވީލޯޑްގެ އޮފީހުގެ ކޮމްޕިއުޓަރުތަކާއި ފެކްސް މެޝިންތަކާއި ފޮޓޯ ކޮޕީ މެޝިންތަކުގެ އިތުރު އޮފީހުގެ އިލެކްޓްރޯނިކް އެތައް ސާމާނުތަކެއް ހަލާކުކޮށް ފެން އަޅައި، ފާހާނާ ސާފުކުރާ ޕައުޑަރު ވެސް އެ ތަކެއްޗަށް އަޅާފައިވެ އެވެ. އަދި އޮފީހުގެ ލިޔެކިޔުންތައް ވީދާފައިވާ އިރު، ބައެއް ކޮމްޕިއުޓަރުތަކުގެ ޕީސީތައް ފާހާނާ ތެރެއަށް ވައްދައި ފެންއަޅާފައިވެ އެވެ. އަދި 60 ވަރަކަށް ބިދޭސީންގެ ޕާސްޕޯޓްތަކެއް ވީދައި ކުދިކޮށް އޮފީސްތެރެއަށް އަޅާފައިވެ އެވެ. އަދި އޮފީހުގެ ފާރުތަކާއި "މޫސަ މަރާނަން، ކަލޭ ސަލާމަތްވީދޯ" އޭ ބުނެ ލިޔެފައިވެ އެވެ. އަދި "ކޮންޕުތައް ސާވިސްކޮށްދީފައި ހުންނާނެ" ކަމަށާއި "އަދިވެސް ކިޔާނަން. ހަމަ ކިޔާނަން. ކީއްކުރެވޭނީ. ދެން ލަލަލާ،" މިހެން ލިޔެފައި ހުއްޓެވެ.
ހެވީލޯޑް އޮފީހުގައި ފައިސާ ނެތުމުން ލިޔެފައި ވަނީ "ދެން ފަހަރަކު ތިޖޫރީގައި ފައިސާ ބަހައްޓާފިއްޔާ ވޯޓް ދޭނެ" ކަމަށެވެ.
ރީކޯ މޫސަ ވިދާޅުވީ ރޭ އެ އޮފީހަށް ބަޔަކު ވަތް ކަމަށް ބެލެވޭނީ ރޭ ދަންވަރު 12:00 ޖެހިއިރު ކަމަށާއި އެ މީހުން އެތަނުގެ ތެރޭގައި ގިނަ އިރުތަކެއް ހޭދަކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ޖަޒީރާ ބިލްޑިންގައި ރޭ ހިންގި ބޮޑު ވައްކަމާ ގުޅިގެން ފުލުހުން އެކަމުގެ ތަފްސީލެއް އަދި މީޑިއާއާ ހިއްސާކޮށްފައެއް ނުވެ އެވެ. ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.