11 Nov 2022, 15:43
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40 ވަނަ އަހަރީ ދުވަހާ ދިމާކޮށް "ކާނިވާ ސާޅިސް"ގެ ނަމުގައި ހާއްސަ ކޮންސަރޓެއް ހުޅުމާލެ ސެންޓްރަލް ޕާރކްގައި މިއަދު އޮންނާނެއެވެ.
މި ކޮންސަރޓުގައި އެކި ވިޔަފާރި ސްޓޯލްތައް ހުންނައިރު، އެކި މިޔުޒިކް ބޭންޑްތަކާއި އަދި އެކި ފަރާތްތަކުގެ ހުނަރު ދައްކާލުމަށްޓަކައި ސްޓޭޖް ޝޯއެއް ކުރިއަށްދާނެއެވެ.
މިއަދުގެ ކޮންސަރޓުގައި އެކި ކަހަލަ 40 ވިޔަފާރިއެއްގެ ސްޓޯލް ސެންޓަރް ޕާރކުގައި ހުންނާއެވެ. މި ވިޔަފާރިތަކަކީ މި އިވެންޓުގައި ސްޓޯލްތައް ބެހެއްޓުމަށް ހުޅުވާލުމުން އެންމެ ފުރަތަމަ ކުރިމަތިލި ފަރާތްތަކެވެ.
މިއަދު ހަވީރު އޮންނަ އިވެންޓުތަކުގައި ރާއްޖޭގެ ނަން މަޝްހޫރު ފަރާތްތަކުން އެ ފަރާތްތަކުގެ ހުނަރު ދައްކާލާނެއެވެ. މީގެ ތެރޭގައި، އެޓެލިއަރ އެކަޑެމީ އޮފް ކްރިއޭޓިވް އާރޓްސް، ޓައިމް އެކަޑަމީ އޮފް ޕާރފޯމިން އާރޓްސް، މެޖީޝިއަން ޝަރީފް، ރޮބޯ މޭން އަދި ސުޕަރ ހީރޯ ކޮސް ޕްލޭސް ހިމެނެއެވެ.
މިރޭ އޮންނަ މިޔުޒިކް ޝޯގައި ދިވެހި ރާއްޖޭގެ ނަން މަޝްހޫރު ބޭންޑްތަކެއްގެ ހުނަރު ފެންނާއެވެ. އޭގެ ތެރޭގައި، އިކުއެޓިކް ވައިބް، ސްކައި ރޮކް ބޭންޑް، ދަ ވޫޑް، ޓްރެފިކް ޖޭމް އަދި ޑި ޓިއުން ބޭންޑް ހިމެނެއެވެ.
މި ކޮންސަރޓުގެ ބޭނުމަކީ ބީއެމްއެލްގެ އަހަރީ ދުވަހު އިޖްތިމާއީ ގުޅުން ވަރުގަދަ ކުރުން ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ދިވެހި ރާއްޖޭގެ އެންމެ ބޮޑު އަދި ދިވެހީންގެ ބޭންކް ވުޖޫދަށް އައީ 11 ނޮވެމްބަރު 1982ގައެވެ. އެދުވަހުށްސުރެ މިއަދާއި ހަމައަށްވެސް ރާއްޖޭގެ އެއްވަނަ ބޭންކްއަކީ ބީއެމްއެލްއެވެ.