11 Nov 2022, 14:53
ބުދަ ދުވަހުގެ ރޭ މ. ނިރުފެހީގައި ރޯވި އަލިފާންގަނޑުގެ ސަބަބުން މަރުވި 10 މީހުންގެ ތެރޭގައި ހަތަރު އަންހެނުންނާއި ހަ ފިރިހެނުން ހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާގައި މަރުވެފައިވާ 10 މީހުންގެ ތެރެއިން މިހާތަނަށް ހަށިގަނޑު ދެނެގަނެވިފައިވާ ހަތަރު އަންހެނުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އެއް އަންހެނެއް ކަމަށެވެ.
ހަމައެއާއެކު މިހާތަނަށް ހަށިގަނޑު ދެނެގަނެވިފައިވާ ފިރިހެނުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަތަރު ފިރިހެނަކާއި ބަންގްލަދޭޝްގެ އެއް ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ މަރުވި 10 މީހުންގެ ތެރޭގައި ހަށިގަނޑު ދެނެގަނެވިފައިނުވާ އަދި އެއް ފިރިހެނަކުވާ ކަމަށެވެ.
މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
އެ މީހުން ވަނީ ވަރަށް ބޮޑަށް އަނދައިފައެވެ.
އަލިފާނުގެ ހާދިސާ ހިނގީ ގްރައުންޑް ފްލޯގައި ގަރާޖެއް ހުންނަ އަދި މަތީ ފަންގިފިލާގައި މީހުން ދިރިއުޅޭ ކޮޓަރިތަކެއް ހަދާފައިވާ އިމާރާތެއްގައެވެ.
އެ އިމާރާތުގައި 38 ބިދޭސީން އުޅެމުންދިޔައިރު އެ މީހުން ނިދާ ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެ އިމާރާތުން ޖުމްލަ 28 މީހަކު ސަލާމަތްކޮށްފައިވާއިރު، މިވަގުތު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ބެލުމުގެ ދަށުގައި ތިބީ އޭގެ ތެރެއިން މަދު ބަޔެކެވެ.
އެ ހާދިސާގައި 10 މީހުން މަރުވެފައިވާއިރު މިއީ ރާއްޖޭގައި ހިނގި މިވަރުގެ އެންމެ ބޮޑު ހާދިސާއެވެ.