11 Nov 2022, 20:16
އެގާރަ ނޮވެމްބަރު 1982އަކީ ރާއްޖޭގެ ބޭންކިން ދާއިރާގެ ތެރެއަށް ދިވެހީންގެ ބޭންކު އުފަންވި ދުވަހެވެ.
މީގެ 40 އަހަރު ކުރިން ރާއްޖޭގައި ގައުމީ ބޭންކު އުފެއްދީ ރައްޔިތުންނަށް ބޭނުންވާ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
މިއަދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަކީ ހުރިހާ ބޭންކިން ޚިދުމަތްތަކެއް ފުރިހަމަ ގޮތެއްގައި ދެމުން އަންނަ ބޭންކެކެވެ.
ބީއެމްއެލްއިން ރާއްޖޭގެ ބޭންކިން ދާއިރާގެ ތަރައްގީއަށާއި ރާއްޖެ ތަރައްގީކުރަން ކުރާ މަސައްކަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި
ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗުތަކާއި، އޭޓީއެމް ސެންޓަރުތަކާއި، އެންމެ ޒަމާނީ ޑިޖިޓަލް ބޭންކިންގެ ޚިދުމަތްތައް މުހިންމު ދައުރެއް އަދާކުރެއެވެ.

އެގޮތުން ބޭންކުގެ ތަސައްވުރުގައި ހިމެނޭ މައިގަނޑު އަސާސްތަކަކީ މުޅި ގައުމަށް ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމާއި ކަސްޓަމަރުންނަށް ދޭ ޚިދުމަތް އަދި ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަމެވެ.
އެ ތަސައްވުރުގެ ބިންގަލަކީ ހަރުދަނާ މުވައްޒަފުންތަކެއް ބިނާކޮށް ފުރިހަމަ އުސޫލުތަކާއެކު ބޭންކަށް ކުރިމަތިވެދާނެ ރިސްކްތައް ބެލެހެއްޓުމެވެ. ބޭންކުގެ އަމާޒަކީ ދެމެހެއްޓެނެވި ހިންގުމުގެ ނިޒާމަކުން ހިންގައި ކަސްޓަމަރުންނަށް ހާއްސަ އިސްކަމެއްދޭ ބޭންކަކަށްވުމާއި ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގެންފައިވާ އެންމެ ރަނގަޅު އުސޫލުތަކުގެ މަތިން މަސައްކަތް ކުރާ މާލީ މުއައްސަސާއަކަށްވުމެވެ.
ބީއެމްއެލްގެ ވިޔަފާރީގެ ގާބިލްކަމަށް ބަލާއިރު މިއަދު ބޭންކު އޮތީ ހަރުދަނާ މާލީ ބިންގަލެއްގެ މަތީގައެވެ. ފާއިތުވި އަހަރު ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަން ހުރީ ގާނޫނުން ލާޒިމްކުރާ މިންގަނޑަށްވުރެ ބޮޑަށް އިތުރުވެފައެވެ.
ބޭންކުގެ އެސެޓްތަކުގެ ޖުމްލަ 31 ބިލިއަން ރުފިޔާގައި ހުރިއިރު ކަސްޓަމަރުން ޖަމާކޮށްފައިވާ ފައިސާގެ ޖުމްލަ ވަނީ 22 ބިލިއަން
ރުފިޔާއަށް އަރައިފައެވެ.
ބޭންކުން މައުލޫމާތު ދިން ގޮތުގައި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ގައުމަށާއި ބޭންކަށް ދިމާވި އިގުތިސާދީ ގިނަ ގޮންޖެހުންތަކާއެކު ވެސް މި ވޭތުވެދިޔަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ބޭންކަށްވަނީ 325 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ. އޭގެ ކުރީ ހަތަރު އަހަރުގައިވެސް މިއަދަދު ހުރީ އަހަރަކު އެއް
ބިލިޔަން ރުފިޔާގައެވެ.

ބީއެމްއެލްގެ އާ އޭޓީއެމް ސެންޓަރު -- ފޮޓޯ: ބީއެމްއެލް
ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ދިނުމަށް ބޭންކުން ނުހަނު ބޮޑު އިސްކަމެއްދެއެވެ. އެގޮތުން އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާގެ ބޭނުންތައް ފާހަގަކޮށް އިޖްތިމާއީ ކަންކަމުގައި ބޭންކުގެ ދައުރު އަދާކުރެއެވެ.
މިއަދު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ކަންކޮޅުތަކަށް ބޭންކުގެ ބްރާންޗުތަކާއި، ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް ނުވަތަ އޭޖެންޓް މެދުވެރިކޮށް ޚިދުމަތްވަނީ ދެވެން ފަށައިފައެވެ.
މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ބޭންކިން ޚިދުމަތް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މިއަދު ގައުމީ ބޭންކުގެ ޚިދުމަތް 392،000އަަށްވުރެ ގިނަ މީހުން އަންނަނީ ހޯދަމުންނެވެ.

ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީގައި ކ. ގާފަރު ސްކޫލްގައި ތަރައްގީ ކުރި ސެން ކްލާސް ރޫމް: މި އެހީގައި ސެން ކުދިންނަށް ބޭނުންވާ ތެރަޕީތައް ދެވޭނެ ވަސީލަތްތައް ވަނީ ގާއިމް ކޮށްފައި -- ފޮޓޯ/ ބީއެމްއެލް
މި ދާއިރާއަށް ބަލާއިރު ރާއްޖޭގެ ބޭންކިން ދާއިރާގައި ރީޓޭލް، ކޯޕަރޭޓް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ވެސް ބީއެމްއެލްގެއެވެ.
ބޭންކުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މިހާރުވެސް ދޫކޮށްފައިވާ ލޯނުތަކުގެ ޖުމްލަ 5.14 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ.
ބީއެމްއެލްއިން ރާއްޖޭގައި އެންމެ ފުރަތަމަ ޕީއޯއެސް ޚިދުމަތް ތައާރަފުކޮށް ޕީއޯއެސް ނެޓްވޯކްގައި 7000އަށް ވުރެ ގިނަ މާޗަންޓުން ތިބެއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ޚިދުމަތް ތައާރަފުކުރީ ވެސް ބީއެމްއެލްއިންނެވެ. މިއަދު ބޭންކުގެ 90 ޕަސެންޓު މުއާމަލާތް ހިނގަނީ އޮންލައިންކޮށްކަމަށް އެ ބޭންކުން ބުނެއެވެ.
ފާއިތުވި 40 އަހަރުގެ ތެރޭ އެންމެ ފުރަތަމަ ނަގުދު ފައިސާ އަދި ޗެކް ޑިޕޮސިޓް ކުރާ މެޝިން ވެސް ރާއްޖޭގައި ބެހެއްޓީ ބީއެމްއެލް އިންނެވެ.

އެކި ނަންނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުން އިތުރުވަމުންދާތީ އެކަމަށް އިތުރަށް ސަމާލުވުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފަ -- ފޮޓޯ/ ބީއެމްއެލް
ރާއްޖެ މާލީ ގޮތުން މުޅި ދުނިޔެއާ ގުޅުވައި ދިނުމަށް ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއްކަމަކީ ބައިނަލްއަގްވާމީ ކާޑު
ރާއްޖެއަށް ތައާރަފްކުރުމެވެ. މިއަދު 289،000 އަށްވުރެ ގިނަ ކަސްޓަމަރުން ބޭންކުން ކާޑުގެ ޚިދުމަތްތައް ހޯދަމުން އަންނައިރު، ރާއްޖޭގައި މާސްޓާ ކާޑާއި ވިސާ ކާޑުގެ ޚިދުމަތް ދޭ ހަމައެކަނި ޕްރިންސިޕަލް މެންބަރަކީ ބީއެމްއެލްއެވެ.
މީގެ އިތުރުން ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑުގެ ޚިދުމަތް ދޭ ހަމައެކަނި ފަރާތަކީ ވެސް ބީއެމްއެލްއެވެ. މިންގަނޑުތަކަށް ފެތޭ ބައިނަލްއަގްވާމީ ޑެބިޓް ކާޑުގެ ޚިދުމަތް ވެސް އެންމެ ފުރަތަމަ ފެށީ ބީއެމްއެލް އިންނެވެ.
ހިންގުމުގެ އެންމެ އިސް މަގާމުތަކުގައި ބޭންކިން ދާއިރާއިން ބައިނަލްއަގުވާމީ ތަޖުރިބާއާއި ތައުލީމު ހޯއްދަވާފައިވާ ފަރާތްތައް ހިމެނޭއިރު، ބީއެމްއެލްގައި 950 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެެވެ. އޭގެ ތެރޭގައި 99 ޕަސެންޓަކީ ދިވެހި މުވައްޒަފުންނެވެ.
ބީއެމްއެލްއަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހި ކޮންމެ ފަރުދެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނުވައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދޭ ބޭންކެކެވެ. މުޖުތަމައުގެ ލާބައަށް ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ.
އާދައިގެ ގޮތަކަށް ބޮޑު އުންމީދުތަކަކާއެކު މަސައްކަތް ފެށި ބީއެމްއެލްއަކީ މިއަދު ދިވެހީންގެ އިތުބާރު ހޯދައިފައިވާ ގައުމީ ބޭންކެވެ.