11 Nov 2022, 10:03
މައިކްރޮސޮފްޓްގެ ކޯ ފައުންޑާއެއް ކަމަށްވާ ޕޯލް ޖީ އެލެން އޭނާގެ ހަޔާތުގައި އެއްކޮށްފައިހުރި ތާރީހީ އާޓްވޯކުތަކެއް، 1.5 ބިލިއަން ޑޮލަރަށް ވިކިއްޖެއެވެ.
ނީލަމަށް ހުޅުވާލައިގެން އެލެން އެއްކޮށްފައިވާ އާޓުވޯކުތައް ވިއްކާލާފައިވަނީ ނިއު ޔޯކުގައި ބޭއްވި އިވެންޓެއްގެ ތެރެއިންނެވެ. އެ އާޓުވޯކުތައް ވިއްކާލާފައިވަނީ ދެ ރެއެއްގެ މަތީންނެވެ.
ގާތްގަނޑަކަށް 500 ވަރަކަށް އަހަރުގެ ތާރީހު ހިމެނޭ އެ އާޓްވޯކުތަކުގެ ތެރޭގައި ތާރީހުގެ ތެރެއިން ފާހަގަކޮށްލެވޭ ބޮޑެތި އާޓިސްޓުންގެ ކުރެހުންތައް ހިމެނެއެވެ. އޭގެތެރޭގައި ވިންސެންޓް ވެންގޯ އާއި ޕޯލް ސެޒާން އާއި ޖޯޖް ސެރޯޓު އަދި ގުސްތާވް ކްލިމްޓް ފަދަ އާޓިސްޓުން ހިމެނެއެވެ.

"ކްރިސްޓީސް" ނަމަކަށް ކިޔާ ނީލަން ކުންފުނިން ބުނިގޮތުގައި ފުރަތަމަ ޕޯލް އެއްކޮށްފައިވާ އާޓްވޯކުގެ ތެރެއިން 150 އެއްހާ އާޓްވޯކު އެއް ބިލިއަން ޑޮލަރަށް ވިކޭނެ ކަމުގައެވެ. ނަމަވެސް ނީލަން ނިމިގެން ދިޔައިރު ލަފާކުރި މިންވަރަށް ވުރެ ބޮޑަށް 1.5 ބިލިއަން ޑޮލަރަށް އެ އާޓްވޯކުތައް ވަނީ ވިކިފައެވެ. އެ ހުރިހާ ފައިސާއެއް ދާނީ ފިލެންތުރޮޕީގެ އެކި ދާއިރާތަކަށް އެހީތެރިވުމަށް ކަމަށް ކްރިސްޓީސް އިން ބުނެއެވެ.
މުޅި އިވެންޓުތެރެއިން ވެސް އެންމެ އަގުބޮޑުކޮށް ވިކިފައިވަނީ ފްރެންޗު އާޓިސްޓު ޖޯޖް ސެރޯޓްގެ އާޓްވޯކެކެވެ. އޭނާގެ އާޓްވޯކު "ލެ ޕޫސުއާސް، އަންސާމްބަލް" ވަނީ 149 މިލިއަން ޑޮލަރަށް ވިކިފައެވެ. މިއީ އެންމެ ފަހުން މި އާޓްވޯކު ވިކުނު އަގުގެ ފަސް ގުނަ އިތުރު އަދަދެކެވެ.