12 Nov 2022, 09:40
ވީޑިއޯ ކޮންފަރެންސްތަކަށް ޚާއްޞަ ޕްލެޓްފޯމް ޒޫމްއިން މުޅިން އާ ފީޗާތަކެއް އިއުލާންކޮށްފިއެވެ.
ޒޫމްގެ އަހަރީ އިވެންޓުގައި އެ ޕްލެޓްފޯމަށް އަންނަ އާ ހަތަރު ފީޗާއެއް އިއުލާންކޮށްފައިވާއިރު، އޭގެ ތެރޭގައި 'މެއިލް އެންޑް ކަލަންޑާ'، 'ސްޕޮޓްސް'، ‘ވާޗުއަލް އޭޖެންޓް' އަދި 'އައިކިއު ވާޗުއަލް ކޯޗް' ހިމެނެއެވެ.
މެއިލް އެންޑް ކަލަންޑާ ކްލައިންޓްސް
ޒޫމްއިން އަލަށް ތައާރަފްކުރި 'މެއިލް އެންޑް ކަލަންޑާ ކްލައިންޓްސް' ފީޗާއާއެކު މިހާރު ޒޫމް މީޓިންއެއްގައި އިނދެފައި ޒޫމްއިން ނުނިކުމެ، އީމެއިލް އާއި ކަލަންޑަރަށް ވަދެ ޗެކްކޮށްލެވޭނެއެވެ.
އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ދެ ޚިދުމަތް ވެސް ސީދާ ޕްލެޓްފޯމްގައި ހިމަނާނެ ކަމަށެވެ. އަދި މެއިލްއާއި ކަލަންޑަރުގެ މައުލޫމާތު ހޯދުމަށް ތަފާތު ޓެބްތައް ހުޅުވަން ނުޖެހޭތީ ވަގުތު ސަލާމަތް ކުރެވޭނެ ކަމަށް ބަޔާނުގައިވެއެވެ.
ޒޫމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވަކިން އިތުރު ޚާއްސަ ސޮފްޓްވެއާއެއް ބޭނުން ނުކުރި ނަމަވެސް ޒޫމް އެޕް ތެރެއިން ޕްރައިވެސީ އާއި ސެކިއުރިޓީ ކަށަވަރު ކޮށްދިނުމާއެކު "މެއިލް އެންޑް ކަލަންޑާ ސާވިސަސް" ވެސް އެ ކުންފުނިން ތައާރަފްކޮށްފައިވާ ކަމަށެވެ. އެބަޔާނުގައި ބުނެފައި ވަނީ މި ޚިދުމަތް ފުރަތަމަ ތައާރަފް ކުރާއިރު ލިބޭނީ ބީޓާ ވާޝަންގެ ގޮތުގައި ކަމުގައެވެ.
ސްޕޮޓްސް
"ސްޕޮޓްސް"އަކީ ޒޫމްގެ ތެރޭގައި ބިނާކޮށްފައިވާ "ވީޑިއޯ އެނެބަލްޑް ޕާސިސްޓެންޓް ސްޕޭސް" އެކެވެ. އެއީ ޒޫމް ބައްދަލުވުމުގައި ހިމެނޭ އެންމެން ވެސް، ބައްދަލުވުން ކުރިއަށްދާހާ ވަގުތެއްގައި ކަނެކްޓްކޮށްފައި ބައިތިއްބާ ފީޗާއެކެވެ. މިފީޗާ އާއްމުކޮށް ލިބޭނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށާއި، މިފީޗާގެ ސަބަބުން ޒޫމް މީޓިންތަކުގައި މެނޭޖަރުންނަށް ހުރިހާ ވަގުތެއްގައި ވެސް ޓީމުގެ މެމްބަރުން ކުރާ ކަންތައްތައް ބަލާ "މައިކްރޯމެނޭޖް" ކުރެވޭނެއެވެ. މިފީޗާއާއި ބެހޭ މާ ބޮޑު އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
ވާޗުއަލް އޭޖެންޓް
"ވާޗުއަލް އޭޖެންޓް"އަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާ ޗެޓްބޮޓެކެވެ. އެއީ ޒޫމްގެ ކަސްޓަމަރުންނަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް މެޝިން ލާނިން އާއި ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިން ބޭނުންކުރާ ޗެޓްބޮޓެކެވެ.
ޒޫމްއިން ނެރުނު ބަޔާނުގައި ބުނީ މި ފީޗާވެސް އަންނަ އަހަރުގެ ކުރީކޮޅު ލިބޭނެ ކަމަށެވެ.
އައިކިއު ވާޗުއަލް ކޯޗް
"އައިކިއު ވާޗުއަލް ކޯޗް"އަކީ ގަނެވިއްކާ މީހުންނަށް ޚާއްޞަކޮށް، ގެން ނެރެފައިވާ ފީޗާއެއް ކަމަށް ޒޫމްގެ ރިޕޯޓްގައިވެއެވެ. އެއީ ތަކެތި ވިއްކާއިރު އަމަލު ކުރާނެ ގޮތާ ބެހޭ މައުލޫމާތުދީ، ކޮންޓެންޓާ ބެހޭ ޚިޔާލުތައް ފޯރުކޮށްދޭ ވާޗުއަލް އޭޖެންޓެކެވެ.
މީގެ އިތުރުން، ޒޫމް އެޕް މާކެޓްޕްލޭސްގައި ވަރަށް އަވަހަށް ޑިވެލޮޕަރުންނަށް އެމީހުންގެ އެޕްތަކުން ފައިސާ ހޯދޭނެ ގޮތް ވާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.