10 Nov 2022, 21:06
ދިރާގު ޓީވީގެ ލައިސަންސް އާ ނުކުރަން ބްރޯޑްކާސްޓީން ކޮމިޝަން (ބްރޯޑްކޮމް)އިން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ދިރާގުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ނިމެންދެން ދިރާގު ޓީވީ ލައިސަންސް ދަމަހައްޓަން އެ ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ބްރޯޑްކޮމްއިން ވަނީ، ރާއްޖެއިން ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކުން އަންނަ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމަކީ މަނާ ކަމެއް ކަމަށް ބުނެ ރީބްރޯޑްކާސްޓް ކުރުމާ ގުޅޭ ގަވާއިދު އިސްލާހުކޮށްފައެވެ.
ދިރާގުގެ މެޖޯރިޓީ ހިއްސާ މިހާރު އޮންނަނީ ބަހުރައިންގެ ޓެލެކޮމިއުނިކޭޝަން ކުންފުނި ބަޓެލްކޯއަށެވެ.
އެހެންކަމުން ދިރާގު ޓީވީގެ ރީބްރޯޑްކަސްޓިން ލައިސަންސް އާ ކުރުމަށް މިއަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހު އެ ކުންފުނިން ހުށަހެޅުމުން ބްރޯޑްކޮމްއިމް ވަނީ އާ އިސްލާހުގެ ދަށުން ލައިސަންސް އާކޮށްދެވެން ނެތް ކަމަށް ނިންމާފައެވެ.
އެކަމާ ގުޅިގެން ދިރާގުން ވަނީ ބްރޯޑްކޮމްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.
ދިރާގުން ކުރި ދައުވާގައި ވަނީ އެ ކުންފުންޏަކީ ސައްތައިން ސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުންނަކަށް ނުވާތީ ދިރާގު ޓީވީގެ ލައިސަންސް އާ ނުކޮށްދޭން ބްރޯޑްކޮމްއިން ނިންމާފައިވާ ނިންމުމަކީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 28 ވަނަ މާއްދާއާ ޚިލާފު، ބާތިލު ނިންމުމެއް ކަމަށެވެ.
މީގެ އިތުރުން، ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި ކަނޑާއަޅާފައިވާ މުއްދަތުގެ ތެރޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް އާ ކުރުމަށް އެދި ދިރާގުން ހުށަހަޅާފައިވާ ކަމަށާއި ދިރާގު ޓީވީގެ ލައިސަންސް އާކޮށްދިނުމަށް ބްރޯޑްކޮމްގެ މައްޗަށް އަމުރުކޮށްދިނުމަށް އެ ދައުވާގައި އެދިފައިވެއެވެ.
ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ، ދިރާގުން ރީބްރޯޑްކާސްޓިން ޚިދުމަތް ގެނައުމަށް ބޮޑު އިންވެސްޓްމެންޓެއް ކޮށްފައި ވުމާއި މި މުއާމަލާތުގައި ތިން ވަނަ ފަރާތެއްގެ ހައްގުތައް ހިމެނިގެންވާކަން އެނގެން އޮންނާތީ ދިރާގުން އެދިފައިވާ ފަދަ އަމުރެއް ނެރެނުދީފި ނަމަ އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް އެ ކުންފުންޏަށް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދިރާގަށް ދޫކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހުއެވެ.