10 Nov 2022, 23:36
ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާގުޅޭ އިދާރާތަކުން އާންމު ނުކުރާ މައުލޫމާތު ނުފެތުރުމަށް ފުލުހުން އެދެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ފުލުހުން އަދިވެސް ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނީ، މަރުވި މީހުންގެ މައުލޫމާތުކަމަށް ބުނެ މީހުންގެ ވަނަވަރު ބައެއް މީޑިއާތަކުން ހާމަކޮށްފައި ވާކަމަށެވެ. ނަމަވެސް އެ ހާދިސާގައި މަރުވި އެންމެންގެ މައުލޫމާތު އަދި ފުލުހުންނަށް ކަށަވަރުވެފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ހާދިސާގައި މަރުވި ބައެއް މީހުންގެ އާއިލާއަށް އަދިވެސް މައުލޫމާތު ހިއްސާކުރެވިފައި ނުވާކަން ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
"އެހެންކަމުން އާއިލާ މެންބަރުންގެ އިހުސާސްތަކަށް އިހުތިރާމް ކުރުމުގެ ގޮތުން، މި މައުލޫމާތުތައް ކަމާގުޅޭ އިދާރާތަކުން އާންމުކުރުމުން ނޫނީ މިފަދަ މައުލޫމާތު އާންމުނުކުރުމަށް އެދެމެވެ،" ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.
ރޭ އަލިފާނުގެ ހާދިސާ ހިނގީ ގްރައުންޑް ފްލޯގައި ގަރާޖެއް ހުންނަ އަދި މަތީ ފަންގިފިލާގައި މީހުން ދިރިއުޅޭ ކޮޓަރިތައް ހަދާފައިވާ އިމާރާތެއްގައެވެ. އެ އިމާރާތުގައި 38 ބިދޭސީން އުޅެމުންދިޔައިރު އެ މީހުން ނިދާ ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެތަނުގެ މަތީ ފްލޯގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން 10 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން ހިމެނެއެވެ.
އެ އިމާރާތުން ޖުމްލަ 28 މީހަކު ސަލާމަތްކޮށްފައި ވާއިރު، މިވަގުތު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ބެލުމުގެ ދަށުގައި ތިބީ ހަ އަންހެނުންނާއި ތިން ފިރިހެނުންނެވެ.