އިނގުރަކީ ގޮހޮރުގެ ބަލިތަކަށް ރަނގަނޅު ފަރުވާއެއް ކަމާއި ޚާއްސަކޮށް އެއީ ގޮހޮރުގެ ކެންސަރުން ސަލާމަތްވުމުގެ ފުރްސަތު އިތުރުކޮށްދޭ އެއްޗެއްކަން އެމެރިކާގައި ކުރި ދިރާސާއަކުން ހާމަވެއްޖެވެ.

އެމެރިކާގެ މިޝިގަން ޔުނިވަސިޓީގެ ފެކަލްޓީ އޮފް މެޑިސިންގެ ރީސާޗަރުން ކުރި ދިރާސާއަކުން ވަނީ ގޮހޮރުގައި އިންފްލެމޭޝަން ބަލި ހުރި 15 މީހަކަށް އިނގުރު ދީގެން 28 ދުވަހުގެ ތެރޭގައި އެބަލިން ސަލާމަތް ވިކަން ޢަމަލީ ގޮތުން ހާމަކޮށްފަ އެވެ.

ގޮހޮރުގައި އުފެދޭ އިންފްލެމޭޝަން ނުވަތަ ކޮލިޓިސް އަކީ ގޮހޮރުގެ ކެންސަރަށް މަގުފަހިކޮށްދޭ ބައްޔެކެވެ. ގޮހޮރުގެ ކެންސަރު ޖެހޭ މީހުންނަށް ފުރަތަމަ ޖެހޭ އެއްބައްޔަކީ ކޮލިޓިސް ކަމަށާއި އެއަަށް ފަހު ކެންސަރަށް ބަދަލު ވަނީ ކޮލިޓިސް ބައްޔަށް ފަރުވާނުލިބި ދިގުމުއްދަތަކަށް ހުރުމުންކަން މެޑިކަލް ދިރާސާތަކުން ހާމަވެފައިވެ އެވެ.

މިޝިގަން ޔުނިވަރސިޓީގެ ފެކަލްޓީ އޮފް މެޑިސިންގެ ރީސާޗަރުން ވަނީ 28 ދުވަސްވަންދެން ކޮންމެ ދުވަހަކު ދެތިން ގްރާމްގެ ރޯ އިނގުރު ދީގެން އިންފްލެމޭޝަން ބަލިހުރި 15 މީހަކު ރަނގަނޅުވިކަން ހާމަކޮށްފަ އެވެ. އޮލްޓަނޭޓިވް މެޑިސިންއާ ބެހޭ އެމެރިކާގެ ތަޖްރިބާކާރަކު ހާމަކުރެއްވި ގޮތުގައި އިނގުރަކީ ގޮހޮރުގެ ބަލިތަކަށާއި ޗިސްމޭގެ ސިއްޙަތަށް ވަރަށް ފައިދާކުރާ އެއްޗެކެވެ. އިނގުރު ކެއުމުން ޗިސްމޭ ގްލޭންޑް ސާފުކޮށްދީ އެގްލޭންޑްގެ މަސައްކަތް ރަނގަނޅުކޮށްދީ އެއިން އުފައްދާ ދިޔަވަރުތަކުގެ ފެންވަރު ރަނގަނޅު ކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮލްޓަނޭޓިވް މެޑިސިންއަކީ ސިނާޢީ ބޭސްތަކުގެ ބަދަލުގައި ތަބީޢީ ތަކެތި ބޭނުންކޮށްގެން ބަލިތަކަށް ފަރުވާދިނުމެވެ. މިއީ ހުޅަނގުގައި ވެސް މިހާރު ވަރަށް މަޤްބޫލު ފަރުވާއެކެވެ. (ޑެއިލީ ޓެލެގްރާފް)