10 Nov 2022, 17:15
މާލޭގައި މިހާރު ކެމިކަލް ގުދަނެއް ނުހުންނާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
އެޗްޑީސީން ބަޔާނެއް ނެރެފައިވަނީ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީޑިއާތަކަކުން ރިޕޯޓުކޮށްފައިވާ ޚަބަރަކާ ގުޅިގެން އެރި އޮޅުންތަކެއް ސާފުކުރުމުގެ ގޮތުންނެވެ.
އެގޮތުން އެޗްޑީސީން ބުނީ މި ވަގުތު މާލޭގައި 18 ކެމިކަލް ވެއާހައުސްއެއް ހުރިކަމަށް ބުނެ ލިޔެފައިވާ ޚަބަރަކީ ސައްހަ މައުލޫމާތު ހިމެނޭ ޚަބަރެއް ނޫންކަމަށެވެ.
އެއާއެކު މި ވަގުތު ތިލަފުށީގައި 34 ކެމިކަލް ވެއާހައުސްއެއް ގާއިމު ކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ރަނގަޅު މައުލޫމާތަކީ، މިހާރު އިތުރު 18 ވެއާހައުސެއް ގާއިމް ކުރުމުގެ މަސައްކަތް ހިނގަމުން އަންނަ ވާހަކަ ކަމަށް އެޗްޑީސީން ބުންޏެވެ.
މީގެ އިތުރުން، އެއްވެސް ހާލަތެއްގައި އެ ވެއާ ހައުސްތަކަކީ މިވަގުތު މާލޭގައި ހުރި ތަންތަން ބަދުލު ކުރުމަށް ކުރެވޭ މަސައްކަތެއް ނޫންކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
އެ ކުންފުނިން ވަނީ މި ފަދަ ވަގުތެއްގައި އާއްމުންގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށް ޚަބަރު ނުގެނެސްދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ޒިންމާދާރުކަން ކުޑަ ގޮތަކަށް ޚަބަރު ނުފެތުރުމަށް ވެސް އެދިފައިވެއެވެ.
ރައީސް އޮފީހުން ވެސް ވަނީ މާލޭގައި ކެމިކަލް ގުދަނެއް ނުހުންނާނެކަމުގެ ޔަގީކަން ދީފައެވެ.
ސަރުކާރުން ވަނީ ރޭގެ ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރު މަޝްވަރާ ފަށައިފައެވެ.