އޭރު ގަޑިން 12:30 ވަނީއެވެ. މ. ނިރު ފެހިގެއާ އިންވެގެން ހުންނަ އަޖަމީ ޕޫލްގޭގައި ދިރިއުޅޭ ހަލީމަތު އިބްރާހީމް ކޮޓަރީގައި ނިދަން އޮތް ވަގުތު ބާރު އަޑެއް އިވުނެވެ. ނަމަވެސް އެ އަޑަށް ފަރުވާލެއް ނުބަހައްޓާ އޭނާ ނިދަން ހަމަޖެހިލީ މި ފުރަ މާލޭގައި ދަންގަޑި ތަކުގައި ވެސް ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަކީ އާންމުކަމަކަށް ވުމުން އެ އަޑަކީ މަސައްކަތްކުރާ އަޑެއް ކަމަށް ނިންމައިގެންނެވެ.

ދެވަނަ ފަހަރަށް ވެސް އެ އަޑު އައިސް ހަލީމަތުގެ ކަންފަތުގައި ޖެހުނެވެ. ނަމަވެސް މިފަހަރު ވެސް އެ އަޑަށް ސަމާލުކަން ދޭކަށް އޭނޭއަކަށް ނުވިސްނުނެވެ.

ނަމަވެސް ކުޑަ ކުދިންތަކެއްގެ ހަޅޭކުގެ އަޑު ކަންފަތުގައި ޖެހުމާއެކު ހަލީމަތުގެ ނަފްސު ކޮޅަށްޖެހުނެވެ. ގަތް ބިރުން އަވަސް އަވަހަށް ގޮސް ކުޑަ ދޮރުން ބޭރު ބަލާލިއިރު ފެނުނީ ނިރުފެހިގޭގައި ރޯވެފައިހުރިތަނެވެ.

"ދެން އެވަގުތު މަވެސް އަވަހަށް ބޭރަށް ނިކުތީ. ދެން ނިކުމެ މިކޮޅަށް ޖެހިލިތަނާ ވަރަށް ބާރަށް އެއްޗެއް ގޮވި،" ހަލީމަތު ކިޔައިދިނެވެ.

އެ ގޭގައި ރޯވެފައިހުރި މަންޒަރު ބެލުމަށް އެއްވެފައިތިބި މީހުނާއެކު ހަލީމަތު ވެސް އެ ސަރަހައްދުގައި ހުރެ ހުރެފައި ގެޔަށް ވަނީ އަލިފާން ގަޑު ކޮންޓްރޯލް ވާހެން ހީވާން ފެށުމުންނެވެ.

ފަޔާ ސާވިސެސް އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ -- ސަން ފޮޓޯ

ގެޔަށް ވަނުމަށްފަހު ވެސް އޭނާ ބޭނުންވީ އެ މަންޒަރު ބަލާލުމަށެވެ. އެހެންވެ ގޭގެ ބެލްކަންޏަށް ނިކުތްއިރު މީހުން ފޮޓޯނަގާ ތަނާއި ވީޑިއޯ ކުރާތަން ފެންނުމުން އަނެއްކާ ވެސް ވެގެން އުޅޭ ގޮތެއް ސާފުކޮށްލިއެވެ.

"އެއީ މަރުވެފައި ތިބި މީހުން ނެރޭ އަޑު. ދެން ފަތިސް ނަމާދުކޮށްލައިގެން އަނެއްކާ ނިކުތްއިރު އަނެއްކާ ވެސް ނެރެފި އެކަކު" ހަލީމަތު ބުންޏެވެ.

ވެގެން އުޅޭ ގޮތް ކައިރިން ބަލާލުމަށް ތިރިއަށް ފޭބިއިރު ޅަ ވަރެއްގެ އަންހެން ކުއްޖަކާ އޭނާއާ ދިމާވިއެވެ. އޭނާ އެއްވެފައިތިބި މީހުންކައިރީ އެތެރޭގައި މީހުން ތިބިކަމަށް ބުނެ އެމީހުން ނެރެދިނުމަށް އެދެމުން ދިޔައެވެ.

"ކުޑަ ކުއްޖަކުވެސް އެތާ އުބަހުއްޓޯ އެތާނގަ. އެ ކުއްޖާ ނެރެދޭށޯ ކިޔާފަ އެ ކުއްޖާ ވެސް ބިރުން ދުވަނީ" ހަލީމަތު ކިޔައިދިނެވެ.

އެ ތާންގައި ހުރި ބިދޭސީން ތަކެއް ވެސް އެމީހުންގެ އެކުވެރި ބަޔަކު އެ ގޭގައި ތާށިވެފައި ތިބިކަމަށް އެއްވެފައިތިބި މީހުނަށް ބުނެދެމުން ދިޔައެވެ. ނަމަވެސް ފުލުހުންގެ ހައި ސެކުއިރީޓީގެ ސަބަބުން އެ ބީދޭސީންނަށް އެހީވުމުގެ ގޮތުން އެއްވެފައިތިބި މީހުނަށް މާ ބޮޑު ކަމެއް ނުކޮށްދެވުނެވެ.

އެހެން ވަގުތު ގުނަމުން ގޮސް އެ ގޭގައި ރޯވެފައިހުރި އަލިފާންގަނޑު ނިވި ދުންތައް ވެސް ހަމައަަކަށް އެޅުމުން ސިފައިން ބޮޑީ ބޭގުތަކެއް ފޮތިން ނިވާކޮށްގެން ނެރޭ މަންޒަރު ވެސް ހަލީމަތު ފެނުނުވެ.

"އަސްލު އެ މަންޒަރު ފެނުނީމަ ބިރުގަތީ. ވަރަށް އެހެންކަހަލަ ގޮތަކަށް ކުދިންތައް ބިރުން ދުވީ މިތަނުގަ" ހަލީމަތު ބުންޏެވެ.

ރޯވި އިމާރާތުން، މީހުންގެ ހަށިގަނޑު ބޮޑީބޭގަށް ލައިގެން ނެރެފައިވޭ --- ސަން ފޮޓޯ/

މ. ނިރުފެހީގައި ހިންގާ ގަރާޖެއްގައި އަލިފާން ރޯވެ ބޮޑު ގެއްލުމެއް ލިބުނުއިރު، މިއީ މިހާތަނަށް ރާއްޖޭގައި ހިންގި އަލިފާނުގެ ހާދިސާއަކުން އެންމެ ގިނަ ބަަޔަކު މަރުވި ހާދިސާއެވެ.

އެތަނުގެ މަތީ ފްލޯގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން 10 މީހުންގެ ފުރާނަ ނެތް ހަށިގަނޑު ވަނީ ނެރެފައެވެ.

އެ ހާދިސާގެ މައުލޫމާތު ދެއްވުމަށް އެ ސަރަހައްދުގައި ތިއްބަވައިގެން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމް)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު ހިސާން ހަސަން ވިދާޅުވީ, އެ ތަނުން ސަލާމަތްކުރި 28 މީހަކު ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހުންގެ ތެރެއިން 19 ބިދޭސީން, އެ މީހުންނާ ހަވާލުވެގެން ތިބި މީހުން ގެންގޮސްފައިވާ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ. އެހެންކަމުން މިހާރު އެންޑީއެމްއޭގެ ބެލުމުގެ ދަށުގައި ތިބީ އެތަނުން ސަލާމަތްކުރި ހަ އަންހެނުންނާއި ތިން ފިރިހެނުންނެވެ.

އަލިފާނުގެ ހާދިސާ ރޭ ހިނގި ދެ ފްލޯގެ އެޕާޓްމެންޓްގައި 38 ބިދޭސީން އުޅެމުންދިޔައިރު ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެތަނުގައި ދިރިއުޅެމުންދިޔައީ ބަންގަލަދޭޝް, ސްރީލަންކާ އަދި އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ.

އެނގިފައިވާގޮތުގައި މިއީ އެ ގަރާޖުގައި އަލިފާން ރޯވި ތިން ވަނަ ފަހަރެވެ. މީގެ ދެތިން މަހެއް ކުރިން ވެސް އެ ގަރާޖުގައި އަލިފާންނުވެ ހާދިސާއެއް ހިނގިއެވެ.