މި ފަހުން މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނައިރު ރެއިން ފެށިގެން ހަބަރެއް ވެފައިނުވާ ބިދޭސީންގެ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދިއްޖެއެވެ.

ރޭ ދަންވަރު މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ މަރުވެފައެވެ. އެތަނުގައި ދިރިިއުޅެމުންދިޔައީ ބަންގަލަދޭޝް, ސްރީލަންކާ އަދި އިންޑިއާއަށް ނިސްބަތްވާ ބައެކެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ, އަލިފާނުގެ ހާދިސާގައި މަރުވެފައިވާ މީހުނާއި ފަރުވާދެމުންދާ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހި އަދި މީހުން ހުސްކުރި މ. ސެންޑް ރޯސް ގޭގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ދެ ގެއަށް ރޭ ގޮސްފައިވާކަމަށް ބެލެވޭ މީހުންގެ މައުލޫމާތު ފުލުހުންނަށް ދިނުމަށް ވެސް ވަނީ އެދިފައެވެ.

"މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ރެއިންފެށިގެން ހަބަރެއް ވެފައި ނުވާ ބިދޭސީންގެ މައުލޫމާތު ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާ ކުރެއްވުން އެދެން," ފުލުހުން ބުނެފައިވެއެވެ.

އަލިފާނުގެ ހާދިސާގައި ފިހުނު އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލް ކްރިޓިކަލް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މަރުވެފައިވާ 10 މީހުންގެ ހަށިގަނޑު މިހާރު ވަނީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީއަށް ގެންގޮސްފައެވެ. ހަށިގަނޑުތަކަށް ހަދާނެ ގޮތެއް ނިންމާފައެއް ނުވެއެވެ.