ބަމާކޯ (މާޗް 6): މާލީގެ އުތުރުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ތަވާރިޤް ހަނގުރާމަވެރިން އެޤައުމު ދެބައިކޮށް އުތުރުގައި މުސްތަޤިއްލު ދައުލަތެއް އިޢްލާންކޮށްފި އެވެ.

މާލީގެ ތަވާރިޤް ހަނގުރާމަވެރިންގެ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ "ނެޝަނަލް މޫމެންޓް ފޮ ދި ލިބަރޭޝަން އަޒްވާދު" ޖަމާޢަތުން ވަނީ މާލީގެ އުތުރުގައި އެޖަމާޢަތުގެ އަތްދަށުގައިވާ ހުރިހާ ސަރަޙައްދުތަކެއް މާލީގެ ދައުލަތުން މިނިވަންވިކަމަށް ބުނެ "ރިޕަބްލިކް އޮފް އަޒްވާދު"ގެ ނަމުގައި އެ ސަރަޙައްދުތަކުގައި މިނިވަން މުސްތަޤިއްލު ދައުލަތެއް އިޢްލާންކޮށްފަ އެވެ.

މިޖަމާޢަތުގެ ވެރިޔާ ބިލާލްއައްޝަރީފް މިއަދު ވަނީ އޭނާގެ ޖަމާއަތުން ޢިޢްލާންކުރި މިނިވަން ދައުލަތް ޤަބޫލުކޮށް އެދައުލަތަށް އިޢްތިރާފްވެ ޑިޕްލޮމެޓިކް ގުޅުންތައް ޤާއިމްކުރުމަށް ދުނިޔޭގެ ޤައުމުތަކަށް ގޮވާލައްވާފަ އެވެ. މިދައުލަތް އިޢްލާންކުރުމާ އެކު މާލީގެ އުތުރުގައި ވަނީ ފޭރުމާއި ލޫޓުވުމާއި ވައްކަމާއި މާރާމާރީ އާންމުވެ ރައްޔިތުންގެ ދިރިއުޅުމަށާއި އެމީހުންގެ ފުރާނައަށް ނުރައްކާވެފަ އެވެ.

ޝަރީފް ވަނީ މިފަދަ ޢަމަލުތައް ހުއްޓުވުމަށް އެސަރަޙައްދުތަކުގެ ކަމުވޮށިގެންވާ މީހުންނާއި ދިނީ ޢިލްމުވެރިންނާއި ޤަބީލާތަކުގެ އިސްފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ. މާލީގެ އިންޤިލާބީ ވެރިން ވަނީ އެޤައުމުގެ އުތުރުގައި ތަވާރިޤް ހަނގުރާމަވެރިން އިޢްލާންކުރި ދައުލަތަކީ ޣައިރު ޤާނޫނީ ދައުލަތެއް ކަމަށް ސިފަކޮށް މާލީ ބައިބައިވިޔަނުދިމަށް ޓަކައި ހަނގުރާމަކުރާނެކަން ހާމަކޮށްފަ އެވެ. މިކަމުގައި ބައިނަލްއަޤްވާމީ އެއްބާރުލުން ދިނުމަށް ވެސް މާލީގެ އިންޤިލާބީ ވެރިންވަނީ އިލްތިމާސްކުރައްވާފަ އެވެ.

ސަބްސަހަރަން އެފްރިކާގެ އިސްލާމީ ޤައުމެއް ކަމަށްވާ މާލީގެ ވެރިކަން ވައްޓާލައި އެޤައުމުގެ ސިފައިން ޢަސްކަރީ އިންޤިލާބެއް ގެނަސްފައި ވަނީ މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު އެވެ. ހަތިޔާރުއަޅައިގެންތިބި ޢަސްކަރީ ސިފައިން މާލީގެ އިންތިޚާބީ ރައީސް އަމާދޫ ތޮރޭ ގެސަރުކާރު ވައްޓާލައި ޢަސްކަރީ އިންޤިލާބެއް ގެނައީ ރައީސް އަމާދޫގެ ސަރުކާރަކީ އެޤައުމުގައި ވަކިވެ ގަތުމަށް މަސައްކަތްކުރާ ތަވާރިޤް ހަނގުރާމަވެރިންނާ ކުރުމަތިލައި އެމީހުން ވަކިދައުލަތެއް އުފެއްދުމަށް ކުރާ މަސައްކަތް ހުއްޓުވުމުގެ ޤާބިލްކަން ރައީސް ތޮރޭގެ ސަރުކާރުގައިނެތް ކަމަށްބުނެފަ އެވެ.

މާލީގެ ރައީސް ތޮރޭގެ ސަރުކާރު ވައްޓާލީ "ތަވާރިޤް" ހަނގުރާމަވެރިންގެ ބާރު އެޤައުމުގެ އުތުރުގައި ގަދަވެ ހަނގުރާމަވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އަމާދޫގެ ސަރުކާރު ނާކާމިޔާބުވުމުން ކަމަށް ބުނި ނަމަވެސް އިންޤިލާބާ ގުޅިގެން ދުނިޔޭގެ ޤައުމުތަކުން މާލީގެ އިންޤިލާބީ ސަރުކާރު އެކަހެރިކޮށް އެޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ހަނގުރާމަވެރިން މައިތިރި ކުރުމުގައި އިންޤިލާބީ ވެރިން ވަނީ ނުކުޅެދިފަ އެވެ.

ދުނިޔޭގެ އެންމެ ފަގީރު ޤައުމުތަކުގެ ލިސްޓްގެ ކުރީގައި ހިމެނޭ މާލީގެ އިދިކޮޅު ތަވާރިޤް ހަނގުރާމަވެރިންގެ ބާރުގަދަވެގެންދިޔައީ އެ ޤައުމުގެ އަވަށްޓެރި ލީބިޔާގެ ކުރީގެ ޒަޢީމް ކާރނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން ދިފާޢުކުރުމަށް ޓަކައި ކުލީސިފައިންގެ ގޮތުގައި ލީބިޔާގައި އެމީހުންގެ ގިނަބަޔަކު ޙަރަކާތްތެރިވުމަށް ފަހު ގައްޒާފީގެ ވެރިކަން ވެއްޓުމާ ގުޅިގެން އެމީހުން އެނބުރި ޤައުމަށް އައުމަށްފަހުގަ އެވެ.

ގައްޒާފީގެ ވެރިކަން ވެއްޓި ލީބިޔާގައި އައު ސަރުކާރެއް އުފެދުމުން މާލީގެ ހަނގުރާމަވެރިން ލީބިޔާ ދޫކޮށް އެނބުރި ޤައުމަށްއައިސް އެމީހުންގެ ބާރުގަދަކުރީ ގައްޒާފީގެ ސަރުކާރުން އެމީހުންނަށްދިން އެތަށް މިލިޔަން ޑޮލަރެއްގެ ފައިސާއާއި ޢަސްކަރީ ތަމްރީނާއި ލީބިޔާއިން ލިބުނު ޒަމާނީ ހަތިޔާރުތަކުގެ އެހީގައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. --ނޫސްއެޖެންސީތައް