މ. ނިރުފެހީގައި ހިންގާ ގަރާޖެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވި ހާދިސާގެ ފުރިހަަމަ ތަހުގީގެއް ހިންގަން ޖުމްހޫރީ ޕާޓީން ގޮވައިލައިފިއެވެ.

އެ ހާދިސާއާ ގުޅިގެން އެ ޕާޓީންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް މި ދަނޑިވަޅުގައި ކެތްތެރިކަން އެދޭކަމަށް އެ ޕާޓީން ބުނެއެވެ. އަދި އެ މީހުންގެ އާއިލާތަކަށް ޕާޓީގެ މެމްބަރުންގެ ފަރާތުން ތައުޒިޔާ ކިޔައިފައި ވެސް ވެއެެވެ.

ޖޭޕީންވަނީ ވީ އެންމެ އަވަހަކަށް އެ ހާދިސާ ތަހުގީގުކޮށް އެފަދަ ނުރައްކާތެރި ހާދިސާތައް މަދުކުރަން އެޅެން ހުރި ފިޔަވަޅުތައް އެޅުމުގައި އަވަސްވުމަށް ގޮވައިލައިފައެވެ.

އިސްކަންދަރު މަގުގައި ހުންނަ ނިރުފެހީގައި އަލިފާން ރޯވި، ކާރު ގަރާޖު ހިންގަމުން އައީ ގްރައުންޑް ފްލޯގައެވެ. ފަސްޓް ފުލޯގައި ހުންނަނީ ބިދޭސީން ނިދާ އެކޮމެޑޭޝަންއެކެވެ. އެތަނުގެ ވެންޓިލޭޝަނަށް ހުންނަނީ އެންމެ ކުޑަ ދޮރެކެވެ.

އެ ތަނުން ނެރުނު ބިދޭސީންގެ އަދަދު 28 އަށް އަރާއިރު އޭގޭ ތެރޭގައި ހިމެނެނީ އިންޑިއާ އާއި ސްރީލަންކާގެ އިތުރުން ބަންގަލަދޭޝް މީހުންނެވެ.

އެ އިމާރާތުގެ ތެރެއިން މިހާތަނަށް މަރުވެފައިވާ 10 މީހުން ވަނީ ފެނިފައެވެ. އިތުރު މީހަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލަތު ވެސް ގޯހެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ހެޑް ކާނަލް، އިބްރާހީމް ރަޝީދު ވިދާޅުވީ މަރުވި މީހުންގެ ޖިންސު ވެސް ވަކި ނުވާ ކަމަށެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި މަރުވި މީހުންގެ ވަނަވަރު އެނގޭ ވަރަށް ވުރެން ބޮޑަށް ބައެއް މީހުން ތިބީ އަނދައިފައެވެ.

އެނގިފައިވާގޮތުގައި މިއީ އެ ގަރާޖުގައި އަލިފާން ރޯވި ތިން ވަނަ ފަހަރެވެ.