10 Nov 2022, 11:57
ތޮއްޖެހިފައިވާ ކުޑަކުޑަ މާލޭގައި ދިރިއުޅުމުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދިއްޖެއެވެ. ހަނިހަނި ގޯޅިތަކުގައި ވެހިކަލް މަރާމާތުކުރާ ގަރާޖުތައް ހިންގަނީއެވެ. ކެމިކަލް ގުދަންތައް އަދިވެސް ހިންގަނީއެވެ. ބޮޑެތި އަދަދުތަކުން ފައިދާ ނަގައި، ފުޅާވެފައިވާ ވިޔަފާރިއެއްގެ ގޮތުގައި މި ކަން ފެތުރެނީއެވެ.
އެ ތަންތަން ތޮއްޖެހިފައިވާ މާލެތެރޭ ހިންގުމުގެ ރައްކާތެރިކަމާމެދު އުފެދިފައިވާ ސުވާލަށް، ފާއިތުވި ދުވަސްތަކުގައި ހިނގައިދިޔަ ގިނަ ހާދިސާތަކަކުން ޖަވާބު ލިބިއްޖެއެވެ. އަޅާނުލައި ދޫކޮށްލައިފައި އޮތީ މި ގަރާޖުތައް ބަދަލުކުރުމުގެ މަސައްކަތެވެ. މި ތަންތަނުގެ ރައްކާތެރިކަން ރެގިއުލޭޓުކުރާނެ ގޮތުގެ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތެވެ. އެންމެ ފަހުން ރޭ ހިނގި ހާދިސާގައި މިވަނީ 10 މީހުން ފިހިގެން މަރުވެފައެވެ.
ރައްކާތެރިކަން އިންސްޕެކްޓުކުރާނެ އުސޫލެއް ނެތް!
މި ތަންތަން އަދިވެސް ރަށު ތެރޭގައި ހިންގާއިރު މީގެ ކުރިން ދިމާވި އެތައް ހާދިސާއަކުން ވެސް ސަރުކާރުގެ އިދާރާތައް ހޭލައްވައި ނުލަނީއެވެ. ގަރާޖުތައް ހިންގުމުގެ ހުއްދައަކީ ހުއްޓާލެވޭނެކަމެއް ނޫނެވެ. އެހެންނަމަވެސް އެ ތަންތަން މީހުން ދިރިއުޅޭ ކުދިކުދި ޖާގަތަކުގައި ހިންގާތާ އެތައް އަހަރެއް ވެފައިވާއިރު ވެސް ރައްކާތެރިކަން ކަށަވަރުކުރާނެ ގޮތުގެ އުސޫލެއް ނެތުމަކީ އިދާރާތަކުގެ އިހުމާލު ހާމައަށް ފެންނަން އޮތް ކަމެކެވެ.

މ. ނިރުފެހީގައި ހިންގާ ގަރާޖެއްގައި އަލިފާން ރޯވުން -- ސަން ފޮޓޯ
އެގޮތުން އެންމެ އާދައިގެ އުސޫލުތަކަށް ބަލާނަމަ ގަރާޖުތަކުގެ ތަޅުންމަތި ސާފުކޮށްލާނެ ގޮތުގެ އުސޫލެއް ވެސް ނެތެވެ. ރާއްޖޭގައި ހުރި ވެހިކަލް މަރާމާތުކުރާ ގަރާޖުތައް ބަލަހައްޓާނެ ގޮތުގެ އެއްވެސް ސްޓޭންޑަޑެއް ނެތެެވެ. ނަމަވެސް ބޭރުގެ އެހެން ގަައުމުތަކުގައި މިފަދަ ސްޓޭންޑަޑްތައް އެކުލަވައިލައިފައި ހުރެއެވެ.
ގަރާޖުތަކުގައި ވެހިކަލްތައް ސާވިސްކުރާއިރު ޕެޓްރޯލާއި ޑީސަލް ތަޅުންމައްޗަށް އެޅެއެވެ. މި ފަދަ ތަކެއްޗަކީ ފަސޭހައިން ހުޅު ހިފައި ޒާތުގެ ފްލޭމަބަލް ލިކުއިޑްސްއެެވެ.
އެފަދަ ތަކެތިން ހިނގާ އަލިފާނުގެ ހާދިސާތައް މަދުކުރުމަށް، އަލިފާން ނުހިފާ ޒާތުގެ ތާމޯގާޑް ފްލޭމް ރިޓާޑެންޓް ފްލޯ ޕެއިންޓު ލާފައި ހުރުމާއި، ކޮންމެ ހަތަރު ނުވަތަ ފަސް މަހަކުން ތަޅުންމަތި ސާފުކޮށް ޕެއިންޓުލުމަކީ އެހެން ގައުމުތަކުގައި އޮންނަ އުސޫލުތަކެވެ.
މީގެ އިތުރުން ބޭރުގެ އެހެން ގައުމުތަކުގައި ގަރާޖަށް ވަންނަ ދޮރަކާއި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ނިކުންނާނެ އެމަޖެންސީ އެގްޒިޓެއް ހުރުމަކީ ކުރަން މަޖުބޫރުކޮށްފައިވާ ކަމެކެވެ. ނަމަވެސް މާލޭގެ ގިނަ ތަންތަނުގައި ހުންނަނީ ގަރާޖަށް ވަންނަން މަގާ ދިމާއަށް ހުންނަ އެންމެ ދޮރެކެވެ. އެ ތަން ބަންދުވެ ހާދިސާއެއް ހިނގައިފިނަމަ އެތެރޭގައި ތިބި އެންމެން އެ ތަނުގައި ތާށިވީއެވެ.
ހަމައެއާއެކު ވެހިކަލްތަައް ސާވިސްކުރާއިރު ބޭރުވާ އަލިފާން ހިފާ ޒާތުގެ ގޭހާއި ދުން ބޭރުވާނެހެން ވެންޓިލޭޝަން ނިޒާމެއް ގާއިމްކޮށްފައި ހުރުމަކީ ވެސް މުހިންމު ކަމެކެވެ. މާލޭގެ ގިނަ ގަރާޖުތަކުގައި ވެންޓިލޭޝަން ވެސް ފުއްދާލަނީ ގޭގޭގައި ހަރުކޮށްފައި ހުންނަފަދަ އެންމެ އެގްޒޯސްޓަކުންނެވެ.
މީގެ އިތުރުން ހުޅު ހިފައި ޒާތުގެ ތަކެތި ލޭބަލްކޮށް، އަލިފާން ނިއްވާ ތަކެތި ހަމައަށް ހުރިތޯ ޔަގީންކުރުމަކީ މުހިންމު ކަމެކެވެ. އަދި އެފަދަ ތަންތަނުގައި މީހުން ދިރިއުޅުން ހުއްޓުވުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ނަމަވެސް ކުދިކުދި ގޮޅިތަކުގައި މާލޭގައި ގިނަ ބަޔަކު ދިރިއުޅެމުން އަންނައިރު މިފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީން ދިރިއުޅެނީ ވެސް ގަރާޖުތަކުގައެވެ. އެ ތަންތަނުގެ މަތީ ހަދައިފައި ހުންނަ ކުދި ކުދި ކޮޓަރިތަކުގައި ދިހަ ބާރަ މީހުން ދިރިއުޅެއެވެ. ގަރާޖެއްގެ މަތީގައި ނިދުމަކީ ތިރީގައި އެޓަމް ބޮމެއް ބާއްވައިފައި، އޭގެމަތީގައި ދިރިއުޅުން، ފަދަ ކަމެކެވެ.

މާލޭގެ ސިނާއީ ސަރަހައްދު: ސާފުކޮށްކޮށް ގޮނޑުކަން ނުފިލި ސަރަހައްދެއް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އިންޑަސްޓްރިއަލް ވިލޭޖު ބާދަނގަޑު ގޮނޑަކަށް، ހައްލަކަށް ތިލަފުށި
އިންޑަސްޓްރިއަލް ޒޯން ސަރަހައްދަކީ މާލޭގައި ކުރީ ސަރުކާރުން ތަރައްގީކުރި ތަނެކެވެ. މާލޭ ތެރޭ ކުދިކުދި ޖާގަތަކުގައި ހިންގާ ވޯކްޝޮޕްތަކާއި، ގަރާޖުތަކާއި، ކެމިކަލް ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުން ދުރުކުރުކޮށް އެ ތަނަށް ބަދަލުކުރުމަކީ ކުރީ ސަރުކާރުން ގެންގުޅުނު ވިސްނުމެކެވެ.
އެ ކަން ތަންފީޒުކުރުމަށް ޓަކައި މާލޭ ސިޓީ ކައުންސިލްގެ މިހާރުގެ ދައުރުން މިދިޔަ އަހަރު ވެސް ނިންމިއެވެ.
އެހެންނަމަވެސް މާލޭގައި ގިނަ ގަރާޖުތަކެއް ހިންގާއިރު، އެ ހުރިހާ ތަނެއް އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
ހައުސިން މިނިސްޓްރީން "ސަން"އަށް ބުނި ގޮތުގައި އެ ތަނުގައި މިހާރު ވެސް ޖާގަވަނީ ހުސްވެފައެވެ.
"އެ ތަނުގައި ޖާގައެއް ނެތް. މިހާރު ވެސް އެ ތަނުގައި ވަނީ ގިނަ ތަންތަން ބޭނުންކުރަން ފަށައިފައި. އެ ތަނުގައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން. ތިލަމާލެ ބްރިޖު މަސައްކަތަށް ބޮޑު ބިމެއް ވެސް އަންނަނީ ބޭނުންކުރަމުން،" ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ގެންގުޅޭ ވިސްނުމަކީ ތިލަފުއްޓަށް ހުރިހާ ގަރާޖުތަކާއި ކެމިކަލް ގުދަންތައް ބަދަލުކުރުމެވެ. ނަމަވެސް އެ ކަން ކުރެވެން އޮތީ މިހާރު ތަރައްގީކުރާ ތިލަމާލެ ބްރިޖުގެ މަސައްކަތް ނިމުމުން ކަމަށް ވިދާޅުވެެއެވެ.
"މާލޭގައި އިންޑަސްޓްރިއަލް ވިލޭޖަކަށް ތިލަފުށި މިއޮތީ ކައިރީގައި. އެތާ [އިންޑަސްޓްރިއަލް ވިލޭޖުގައި] ގަރާޖު ހެދީމަ ދުމުގެ އަސަރާއި އެހެނިހެން ކަންކަން ވާނެތީ އަޅުގަނޑުމެން ނިންމީ ތިލަފުށްޓަށް ބަދަލުކުރަން،" އޭނާ ވިދާޅުވިއެެވެ.
އެހެން ވިދާޅުވާނަމަ މިހާރަށް އޮތް ހަމައެކަނި ގޮތަކީ މާލޭތެރޭ އެ ގަރާޖުތައް ހިންގުމެވެ. އެހެންނަމަވެސް ރައްކާތެރިކަން ކުޑަ ގޮތެއްގައި މި ތަންތަން ހިންގަން ދޫކޮށްލައިފައި ބޭއްވުމަކީ އެއްވެސް އުސޫލެއް ނޫނެވެ.
ނުރައްކާތެރި އަލިފާނުގެ ހާދިސާއިން ގިނަ ބައެއްގެ މަރު
މ. ނިރުފެހީގައި ހިންގާ ގަރާޖެއްގައި އަލިފާން ރޯވެ ބޮޑު ގެއްލުމެއް ލިބުނުއިރު، މިއީ މިހާތަނަށް ރާއްޖޭގައި ހިންގި އަލިފާނުގެ ހާދިސާއަކުން އެންމެ ގިނަ ބަަޔަކު މަރުވި ހާދިސާއެވެ.
https://sun.mv/170229
ފުލުހުންނާއި ސިފައިން އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.
އެނގިފައިވާގޮތުގައި މިއީ އެ ގަރާޖުގައި އަލިފާން ރޯވި ތިން ވަނަ ފަހަރެވެ. މީގެ ދެތިން މަހެއް ކުރިން ވެސް އެ ގަރާޖުގައި އަލިފާންނުވެ ހާދިސާއެއް ހިނގިއެވެ.

މ. ނިރުފެހީގޭގައި ހިނގި އަލިފާނުގެ ހާދިސާ: ތިރީގައި ހުންނަނަނީ ގަރާޖެއް މަތީގައި ދިރިއުޅެމުންދިޔައީ ބިދޭސީން --- ފޮޓޯ ސަން
މީގެ ތިން އަހަރު ކުރިން ހިނގައިދިޔަ ބޮޑު ހުޅުން މުޅި ގައުމު ސިއްސުވާލީ ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި އަންހެނެއްގެ މަރާއެކުއެވެ.
އެއީ ވެސް ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ހާދިސާއެކެވެ.
މި ހާދިސާއާއެކު އަނެއްކާ ވެސް ސަލާމަތުގެ ވާހަކަ ދެކެވޭނެއެވެ. އަވަސް މިނުގައި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ފަށާނެއެވެ. ނަމަވެސް އަނެއްކާ ވެސް ހަނދާން ނެތި މިފަދަ އިތުރު ހާދިސާއެއް ހިނގީމައި ނޫނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ނުދާނެއެވެ.