06 Apr 2012, 14:12
ޓްރިޕޮލީ (މާޗް 6): ލީބިޔާގެ ކުރީގެ ޒަޢީމް ކާރނަލް މުޢައްމަރުލްޤައްޒާފީގެ ވެރިކަން ވައްޓާލި ހަނގުރާމަވެރިންގެ އެއްބަޔަކު އަނެއްބަޔަކާ ދެމެދު ހިނގަމުންދާ ތަޅާފޮޅުންތަކާއި ލޭއޮހޮރުވުންތައް މިއަދު ވެސް ކުރިޔަށްދާ ކަމަށް ޚަބަރު ލިބިއްޖެވެ.
ޓްރިޕޮލީގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލް ހާމަކުރާ ގޮތުގައި އިއްޔެ އާއި މިއަދު ޙަމަލާތައް ކުރިޔަށް ދަނީ ޓްރިޕޮލީގެ ހުޅަނގުގެ ސަރަޙައްދުތައް ކަމަށްވާ ޒުވާރާ، އަޖްމީލް އަދި ރަގްދާލީން ގަ އެވެ. ހަނގުރާމަވެރިންގެ މިކުރިމަތިލުންތަކުގައި އިއްޔެ ވެސް 21 މީހަކު މަރުވެ އިތުރުބަޔަކު ޒަޚަމްވެ ގެދޮރަށާއި ސަރުކާރުގެ ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު މީގެކުރިން ވެސް އެތައް ބަޔަކު މަރުވެފައިވެ އެވެ.
ޓްރިޕޮލީގެ ހުޅަނގުގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމަށް ލީބިޔާގެ ވަގުތީ ސަރުކާރުގެ މަސްއޫލުވެރިންނާއި ލީބިޔާގައި އަލަށް އެކުލަވާލަމުންދާ ސިފައިންގެ ފައުޖުތަކުގެ ކޮމާންޑަރުން މަސައްކަތްކުރަމުން ގެންދާކަމަށް އޭއެފްޕީ ޚަބަރުދެ އެވެ.
ލީބިޔާ ސިފައިންގެ ކޮމާންޑަރަކު ވަނީ މިސަރަޙައްދުގެ ހަނގުރާމަވެރިންގެ މެދުގައި ހިނގަމުންދާ ކުރިމަތިލުން ހުއްޓާލުމަށް ދެފަހަރެއްގެމަތިން އެއްބަސްވި އެއްބަސްވުމާ ހަނގުރާމަވެރިން ޚިލާފްވި ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ހަނގުރާމަވެރިންގެ މެދުގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުމަކަށް ގެނައުމަށް ޓަކައި ލީބިޔާގެ ދިފާއީ ވުޒާރާއިން ވަނީ އެސަރަޙައްދުގައި ސަރުކާރު ސިފައިންގެ ލަޝްކަރެއް ރުކުރުވާލާފަ އެވެ.
ލީބިޔާގެ ހުޅަނގުގައި ޙަަމަލާތައް ކުރިޔަށްދާން ފަށާފައި ވަނީ އެޤައުމުގެ ދެކުނުގެ އެންމެ ބޮޑުރަށްކަމަށްވާ ސަބްހާގައި ކުރިމަތިލުންތަކުގައި 200 އެއްހާމީހުން މަރުވެ އެތަށްސަތޭކަބަޔަކު ޒަޚަމްވެފައިވަނިކޮށެވެ. މިކުރިމަތިލުންތައް ހިނގައިދިޔައީ އެސަރަޙައްދުގެ ދެޤަބީލާއަކަށް ނިސްބަތްވާ ހަނގުރާމަވެރިންނާ ދެމެދުގަ އެވެ. އެއްހަފްތާގެ މުއްދަތަށް ދެމިގެންދިޔަ މިލޭއޮހޮރުވުންތައް ވެސް ހުއްޓުވާފައި ވަނީ ލީބިޔާ ސިފައިންނެވެ.
ސަބްހާގެ ކުރިމަތިލުންތަކަށް ފަހު ވެރިރަށް ޓްރިޕޮލީގެ އެކިހިސާބުތަކުގައި ވެސް ހަނގުރާމަވެރިން އެއްބަޔަކު އަނެއްބަޔަކަށް ބަޑިޖަހައި ލޭއޮހޮރުވުންތަކެއް ހިންގާފައިވެ އެވެ. މިކަންކަމުގެ ސަބަބުން ލީބިޔާގެ ހަނގުރާމަވެރިންގެ އަގު ރައްޔިތުންގެ މެދުގައާއި ދުނިޔޭގެ ކުރިމަތީގައި ވެއްޓެމުންދާ ކަމަށް ލީބިޔާގެ މީޑިޔާ ބުނެ އެވެ.
ގައްޒާފީގެ ވެރިކަން ވެއްޓުމަށް ފަހު ލީބިޔާ ވަނީ ހަމަނުޖެހުންތަކެއްގެ ތެރެއަށްވެއްޓިފަ އެވެ. މިކަމުގެ ސަބަބަކީ ގައްޒާފީގެ ވެރިކަން ވައްޓާލުމުގައި ޙަރަކާތްތެރިވި ހަނގުރާމަވެރިން ހަތިޔާރު ބަހައްޓައި ލީބިޔާގައި އަލަށް އެކުލަވާލާ ސިފައިންގެ ލަޝްކަރުތަކުގައި ބައިވެރިވުމަށް އެފަރާތްތައް ދެކޮޅު ހަދަމުން ގެންދިޔުމެވެ. ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ފަހު ޤައުމުގެ މަސްލަޙަތަށް ވުރެ އަމިއްލަ އެދުން ކުރިޔަށްނެރެ ހަނގުރާމަވެރިން ގެންދަނީ ހަތިޔާރު ބޭނުންކޮށްގެން ސިޔާސީ މަޤްސަދްތައް ޙާސިލްކުރުމަށް މަސައްކަތްކުރަމުން ކަމަށް ލީބިޔާ ސަރުކާރުން ވަނީ ތުހުމަތުކޮށްފަ އެވެ.
ލީބިޔާގެ މަސްއޫލުވެރިއަކު ވަނީ ގައްޒާފީގެ ވެރިކަން ވައްޓާލި ހަނގުރާމަވެރިންގެ ބައެއްމީހުން، ލީބިޔާގެ އަމްނާއި ސަލާމަތަށް ނުރައްކާތެރިބަޔަކަށް ބަދަލުވަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. (އަލްޖަޒީރާ+ފްރާސްޕްރެސް)