Last Updated: 3 year 2 week ago
Last Updated:
3 year 2 week ago
ގަރާޖުގައި ރޯވި ހާދިސާގައި މަރުވި މީހުންގެ އަދަދު 10އަށް
13:30
މި ހާދިސާ އާއި ގުޅިގެން "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެމުން ނަން ހާމަނުކުރަން ޝަރުތުކޮށް، ގަރާޖުގެ ވެރި ފަރާތުން ބުނީ އަލިފާން ރޯވާން މެދުވެރިވީ އެގޭގައި ބިދޭސީން ދިރިއުޅޭ ބަޔަށް ވަންނަ އިރު ހުންނަ ލަކުޑި ސިޑި ކައިރީގައި ކަމަށް ބެލެވޭ ކަމަށް.
މި ހާދިސާގައި ލިބުނު ގެއްލުން ހަތް ލައްކަ ރުފިޔާއަށް އަރާ ކަމަށް އޭނާ ބުނި.
ހާދިސާއާ ގުޅިގެން ސަރުކާރުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތް ފާހަގަ ކުރަން.
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނީ އެ ކޮމިޝަންގެ ރެޕިޑް ރެސްޕޮންސް ޓީމުން ހާދިސާ ހިނގި ސަރަހައްދާއި ވަގުތީ ހިޔާގައި މީހުން ތިބި ސަރަހައްދަށް ގޮސްފައިވާ ކަމަށް. އަދި އެ ހާދިސާގެ ކަންކަން އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށް ބުނި.
ރައީސް ވިދާޅުވީ މިހާރުން މިހާރަށް އެޅެންހުރި ފިޔަވަޅުތައް އަޅުއްވާނެ ކަމަށް
ރައީސް ވިދާޅުވީ އެންމެ މުހިންމު ކަމަކީ މާލެ ތޮއްޖެހިފައިވާ މައްސަލަ ހައްލު ކުރުން ކަމަށް. އަދި ގަރާޖުތައް މީހުން ދިރިއުޅޭ ސަރަހައްދުން ދުރަށް ގެންދިއުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި.

ރައީސް ވިދާޅުވީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށް. އެކަންކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި.
ރައީސް ވިދާޅުވީ ސިފައިންގެ މަސައްކަތް ވަރަށް ރަނގަޅު ކަމަށާއި އޭގެ ސަބަބުން ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނު ކަމަށް.
ރައީސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް، ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެންފި.
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ.
އެތައް ބައެއްގެ ފުރާނަ ގެއްލި ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ ގެއްލުންތަކެއް ލިބިފަ. މިހާދިސާ ހިނގައި ދިޔަގޮތް މިހާރު ދަނީ ބަލަމުން. ނިޔާވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާފޮނުވަން.
އަލިފާނުގެ ހާދިސާގައި މަރުވި މީހުން، ކާކުކަން ދެނެނުގަނެވޭ ވަރަށް އަނދާފައިވާ ކަމަށް ސިފައިން ބުނެފި
މަރުވި މީހުންގެ އަދަދު 11އަށް އަރާފައިވާ ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް އެމްއެންޑީއެފްއިން ބުނެފި. އެހެންކަމުން މި ހާދިސާގައި މަރުވި މީހުންގެ އަދަދަކީ 10.
އެ ސަރަހައްދުގައި ހަރަކާތްތެރިވާ މީހުން މާސްކް އަޅައިގެން އުޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
https://twitter.com/HPA_MV/status/1590559888455127041?t=XrEPJcsxZShNysKRYh_yqQ&s=35
އެމްއެންޑީއެފްއިން ދެންމެ ނޫސްވެރިންނަށް ދިން މައުލޫމާތުގައި ވަނީ އެ އިމާރާތަކީ ދެ ފަންގިފިލާގެ އިމާރާތެއް ކަމަށް ބުނެފަ. އެ އިމާރާތުގައި ގިނަ އަދަދަކަށް ބިދޭސީން ދިރިއުޅެމުން ދިޔަ ކަމަށާއި އެ މީހުން ދިރިއުޅެމުން ދިޔައީ ކުދި ކޮޓަރިތަކުގައި ކަމަށް އެމްއެންޑީއެފުން ބުނި. އަދި ގާތްގަނޑަކަށް ކޮންމެ ކޮޓަރިއެއްގައި ވެސް ގޭސްފުޅިއަކާއި ކައްކާ އުނދުން ހުރި ކަމަށް އެމްއެންޑީއެފުން ބުނި.
އިމާރާތުގެ ތެރެއިން އިތުރު މީހެއްގެ ހަށިގަނޑު ފެނިއްޖެ. މަރުވި މީހުންގެ އަދަދު 11އަށް
މަރުވި މީހުންގެ އަދަދު 10އަށް އަރާފައިވާ ކަމަށް ފުލުހުން ބުނެފި
މަރުވި މީހުން ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ބަންގްލަދޭޝް އަދި ނޭޕާލް ހިމެނޭ
އެމްއެންޑީއެފުން ވަނީ މަރުވެފައިވާ އިތުރު މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އެއާއެކު މަރުވި މީހުންގެ ޖުމްލަ އަދަދު ނުވައަކަށް އިތުރުވެފައިވާ ކަމަށް ދާދި ދެންމެއަކު ބުނެފަ
https://twitter.com/sunbrk/status/1590533405577314305
އެމްއެންޑީއެފުން ވަނީ އެ ހާދިސާގައި އަށް މީހަކު މަރުވެފައިވާ ކަމަށް ދާދި ދެންމެއަކު ބުނެފަ
ފުލުހުން ދެންމެ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، އަލިފާނުގެ ހާދިސާގައި އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކު ވަނީ މަރުވެފައި. ދެވަނަ މީހާގެ ހާލު ކްރިޓިކަލް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނި.
މީގެ އިތުރުން އަލިފާން ރޯވި ގޭގެ ތެރެއިން މަރުވެފައިވާ ހަތަރު މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އެމީހުންގެ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނި.

އެ އިމާރާތުގައި ދިރިއުޅޭ ބައެއް މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި ސިފައިން އިމާރާތް ތެރޭގައި ހަރަކާތްތެރިވާ ކަމަށް މައުލޫމާތު ލިބޭ

އަލިފާން ރޯވާން މެދުވެރިވި ސަބަބާއި މަރުވި މީހުންނާ ބެހޭ ގޮތުން ވެސް މިހާތަނަށް ރަސްމީ އިދާރާއަކުން އެއްވެސް އެއްޗެކޭ ބުނެފައި ނުވޭ
މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މި ހާދިސާގައި ހަތަރު މީހަކު މަރުވެ، އަނިޔާވި މީހަކު ވަނީ ވެންޓިލޭޓަރަށް ލާފަ. އެ އެންމެންނަކީ ވެސް ބިދޭސީން.
މިއީ މި ގަރާޖުގައި އަލިފާނުގެ ހާދިސާއެއް ހިނގި ތިން ވަނަ ފަހަރު
އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ފަތިހު 04:34 ހާއިރު ކަމަށް
އަލިފާން ނިއްވާ ސިފައިން އަދިވެސް ދަނީ އެ އިމާރާތް ބަލާ ފާސްކުރަމުން

ހާދިސާ ހިނގި ސަރަހައްދުގައި ތިބި ސަންގެ ނޫސްވެރިން ބުނީ، ރޯވި އިމާރާތުން ތިން މީހެއްގެ ހަށިގަނޑު ބޮޑީބޭގަށް ލައިގެން ނެރޭ މަންޒަރު ފެނިފައިވާ ކަމަށް.
މަރުވި ހަތަރު ވަނަ މީހާއަކީ އިމާރާތުގެ ތެރެއިން ނެރެ، އެމާޖެންސީގައި ފަރުވާއަށް ގެންދިޔަ ފުރަތަަމަ މީހުންގެ ތެރެއިން އެކަކު ކަމަށް މައުލޫމާތު ލިބިފައިވޭ.
ރެޑް ކްރެސެންޓުން ވަނީ ދުމުގެ އަސަރު ކުރި މީހުން ރައްކާތެރި ސަރަހައްދަކަށް ގެންގޮސް، ފަސްޓް އެއިޑްގެ އިތުރުން ނަފްސާނީ އެހީ ވެސް ފޯރުކޮށްދެމުންދާ ކަމަށް ބުނެފަ
https://twitter.com/mrc_mcu/status/1590470106039320576
އެމްއެންޑީއެފުން އެންމެ ފަހުން ހިއްސާކުރި މައުލޫމާތުގައި ވަނީ، އިސްކަންދަރު މަގުގައި ހުންނަ މ. ނިރުފެހި ކިޔާ ގޭގައި ރޯވި އަލިފާނުގެ 90 ޕަސެންޓް ކޮންޓްރޯލް ކޮށްފައިވާ ކަމަށް. އަދި އެފްއާރުއެސްގެ ސާޗިން ޓީމުން އަދިވެސް މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދާތީ އިތުރު އަޕްޑޭޓެއް ފަހުން ދޭނެކަމަށް ސިފައިން ބުނެފައިވޭ.
ރޯވި ސަރަހައްދުގައި ހުރި ގެތަކުން ނެރެގެން ގެންދިޔަ ބައެއް މީހުން މިވަގުތު ތިބީ މާފަންނު ސްޓޭޑިއަމްގައި. އޭގެ ތެރެއިން ގިނަ މީހުންނަކީ ބިދޭސީން
އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހުނު މީހަކު އެމާޖެންސީގައި ފަރުވާއަށް ގެންގޮސްފި
އަލިފާނުގެ ހާދިސާގައި އަނިޔާވި ކަމަށް ބެލެވޭ މީހަކު އެ ސަރަހައްދުން ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބޭ
އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފަ
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ އަލިފާނުގެ ހާދިސާ ހިނގީ މ.ސެންރޯސްގައި ކަމަށް ބުނެފަ. އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެ އޮތޯރިޓީއިން ބުނި
https://twitter.com/NDMAmv/status/1590448225852719104
ގަރާޖުގެ އަލިފާންގަނޑު ކޮންޓްރޯލްވި ފަހުން އަނެއްކާވެސް ރޯވެފައިވާ ކަމަށް މައުލޫމާތު ލިބޭ
އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމަށް އަދި ރަސްމީ އިދާރާއަކުން ބުނެފައި ނުވޭ

މޯލްޑިވްސް ރެޑް ކްރެސެންޓުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފަ. އެގޮތުން އެ ސަރަހައްދުގައި ތިބި ގެތަކުން މީހުން ނެރެ، ރައްކާތެރި ހިސާބަކަށް ގެންދިޔުމުގެ މަސައްކަތް ރެޑް ކްރެސެންޓުން ދަނީ ކުރަމުން
ގަރާޖުގައި ރޯވި އަލިފާންގަނޑުގެ ދުން ބޮޑު ސަރަހައްދަކަށް ފެތުރިފައިވޭ

އަލިފާން ނިއްވުމަށް ޓަކައި ފަޔާ ސާވިސެސްގެ ފަސް ވެހިކަލެއް އެ ސަރަހައްދަށް ވަނީ ގެންގޮސްފައި
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން އަލިފާން ރޯވެފައި ވަނީ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި. އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 12:27 އެހާކަންހާއިރު ފުލުހުން ބުނި.
އަލިފާން ރޯވި އިމާރާތް ހުރި ސަރަހައްދު ބަންދުކޮށްފައިވީ ނަމަވެސް އެ ސަރަހައްދަށް މިހާރު ގިނަ ބަޔަކު ވަނީ ޖަމާވެފައި

އަލިފާން ރޯވި އިމާރާތުގެ އެތެރޭގައި ވަރަށް ބޮޑަށް ރޯވެފައިވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހަކު ވަނީ މައުލޫމާތު ދީފައި
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައި ވަނީ އިސްކަންދަރު މަގުގައި ހުރި ގަރާޖެއްގައި
އެ ހާދިސާއާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ މާވެޔޮ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހަދިސާއެއް ހިނގައިގެން ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް. މިހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 00:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނި.