10 Nov 2022, 16:12
މި ދުވަސްކޮޅު މުޅި އިންޓަނެޓުގައި ވެސް ދައްކަނީ އެއް ވާހަކައެކެވެ. އެއީ އެޗްބީއޯއިން މިހާރު ދައްކަމުން އަންނަ ޑްރާމާ ޝޯ "ވައިޓް ލޮޓަސް" ވާހަކައެވެ. ޝޯގެ އެންމެ މަގުބޫލު އެއް ވާހަކައަކީ އެ ޝޯގައި ފެންނަ ހޮޓަލްތަކެވެ. މިހާރު މި ހޮޓެލްތަކަކީ އާންމުންނަށް ވެސް ދެވެން އޮތް ތަންތަން ކަން ވަނީ ހާމަވެފައެވެ.
ވައިޓް ލޮޓަސްގެ ދެވަނަ ސީޒަން ދައްކަމުން އަންނަ އިރު އެ ޝޯއަކީ މުއްސަނދިން އަގުބޮޑު ހޮޓަލުގައި ޗުއްޓީއަށް ގޮސް އުޅޭ އިރު ދިމާވާ ކަންތައް ދައްކުވައިދޭ ޝޯއެކެވެ. އެ ޝޯގެ ސީޒަނާއެކު ލޮކޭޝަން ބަދަލުވާއިރު ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނަނީ ދެ ސީޒަންގެ ލޮކޭޝަންގެ ވާހަކައެވެ.
ޝޯގެ ފުރަތަމަ ސީޒަންގައި ދައްކައިދެނީ ހަވާއީގައި ހުންނަ ފޯ ސީޒަންސް ރިޒޯޓު މައޫއީގައެވެ. ގުޑް ހައުސްކީޕިން ނަމަކަށް ކިޔާ ކުންފުންޏަކުން ބުނާގޮތުގައި އެ ހޮޓަލުން މިހާރު އާންމުންނަށް ކޮޓަރިތައް ލިބޭނެއެވެ. ނަމަވެސް ކޮޓަރިތަކުގެ އަގުތައް އުޅެނީ ރެއަކަށް 1،000 ޑޮލަރާއި 25،000 ޑޮލަރާ ދެމެދުގައެވެ. އަގާއެކު ބައިވަރު ހިދުމަތްތައް އެތަނަށް ޒިޔާރާތް ކުރާ މީހުންނަށް ލިބޭނެއެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ގޮލްފު ކުޅެން ފުރުސަތު ލިބުމެވެ.

ވައިޓް ލޮޓަސްގެ ދެވަނަ ސީޒަނުން ފެންނަ ހޮޓަލް--
ޝޯގެ ދެވަނަ ސީޒަނަށް ކާސްޓު ގޮސްފައިވަނީ ޔޫރަޕަށެވެ. އިޓަލީގެ ޓައޯމިނާގައި ހުންނަ ސެން ޑޮމިނިކޯ ޕެލަސްގައި ވައިޓް ލޮޓަސްގެ ދެވަނަ ސީޒަން ކުޅެފައިވާއިރު މިއީ ވެސް ފޯ ސީޒަންސްގެ ހޮޓަލެކެވެ.
މީގެކުރިން 14 ވަނަ ގަރުނުގެ ކޮންވެންޓްގެ ގޮތުގައި ހުރި އެތަން ހޮޓަލަކަށް ބަދަލުކޮށްފައިވާއިރު އެ ހޮޓެލް ހުންނަނީ މޫދާ ގާތުގައެވެ. އެ ހޮޓެލްގައި 111 ކޮޓަރި ހުންނައިރު ކޮޓަރީގެ އަގުތައް ފަށަނީ ރެއަކަށް 780 ޑޮލަރުގެ ރޭޓުންނެވެ. އަދި އެ އަގު 10،000 ޑޮލަރާ ހަމައަށް އަރާ ކޮޓަރިތައް ވެސް އެ ހޮޓެލްގައި ހުރެއެވެ.