10 Nov 2022, 09:29
ޕާސްވޯޑް ހެކް ކުރުމުގެ މައްސަލަތައް ފާއިތުވި އަހަރާ އަޅާބަލާއިރު މިއަހަރު 74 ޕަސެންޓް އިތުރުވެފައިވާ ކަމަށް މައިކްރޯސޮފްޓުން ހާމަކޮށްފިއެވެ.
މައިކްރޯސޮފްޓުން ނެރުނު ރިޕޯޓެއްގައި ވާގޮތުން ކޮންމެ ސިކުންތަކު މުޅިދުނިޔޭގައި ގާތްގަޑަކަށް 1،000 ޕާސްވޯޑް ހެކް ކުރާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 74 ޕަސެންޓުގެ އިތުރުވުމެކެވެ.
"މައިކްރޯސޮފްޓްގެ ޑިޖިޓަލް ޑިފެންސް ރިޕޯޓް 2022"ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު ހެކްކުރުމުގެ ހާދިސާތަކުގެ އަދަދު މާބޮޑަށް އިތުރުވެފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމުން ގައުމުތަކުގެ މެދުގައި ހިނގި ސައިބާ ހަނގުރާމައިގެ ސަބަބުންނެވެ.
އެ ރިޕޯޓްގައި ވާގޮތުން ހެކަރުން އަދިވެސް އާންމު ގޮތެއްގައި ހެކްކުރަނީ ޕާސްވޯޑް ވަގަށް ނަގައިގެންނެވެ. އެގޮތުން ކޮންމެ މިނެޓަކު މިބާވަތުގެ 921 ހާދިސާ ހިނގާ ކަމަށް މައިކްރޮސޮފްޓުން ލަފާކޮށްފައިވެއެވެ.
ޕާސްވޯޑެއް ބްރޫޓް ފޯސް ކުރުމަކީ ނުވަތަ ލަފާކޮށްގެން ޕާސްވޯޑް ދިމާކުރުމަކީ ސިސްޓަމަކަށް ވަނުމަށް އަދިވެސް ހެކަރުން އެންމެ އާންމުކޮށް ބޭނުންކުރާ ގޮތްކަމަށް އެރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ތަފާތު ކުންފުނިތަކުގެ ސިއްރު މައުލޫމާތު ލީކުވާއިރު ބައެއް ޕާސްވޯޑްތައް ވެސް ހާމަވުމުން، ހެކަރުން އެ ޕާސްވޯޑްތަކުގެ ބޭނުންކުރެއެވެ. އަދި ހެކަރުންގެ މަސައްކަތް ފަސޭހަ ވަނީ ގިނަ ބަޔަކު ތަފާތު ސައިޓުތަކާއި ޚިދުމަތްތަކަށް އެއް ޕާސްވޯޑެއް ބޭނުން ކުރާތީއެވެ.
އޭގެ އެއް މިސާލަކީ، 2012 ވަނަ އަހަރު ލިންކްޑްއިންގެ ގިނަ މައުލޫމާތުތަކެއް ލީކުވި އިރު އެ މައުލޫމާތުގެ ތެރެއިން ހެކަރުން، ފޭސްބުކްގެ ބާނީ މާކް ޒަކަބާގްގެ ޕާސްވޯޑެއް ހޯދައި އޭނާގެ ފޭސްބުކް އެކައުންޓާއި ޕިންޓްރެސްޓަށް ވަދެފައިވުމެވެ.
މީގެ އިތުރުން ޕާސްވޯޑް ވަގަށް ނަގަން ބޭނުންކުރާ ފިޝިން ހަމަލާތައް ވެސް އަދިވެސް ވަރަށް ގިނަކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ.
މައިކްރޯސޮފްޓުން ނެރުނު ވިންޑޯޒްގެ އެންމެ ފަހުގެ އަޕްޑޭޓްގައި "ފިޝިން ޕްރޮޓެކްޝަން" އިތުރުކޮށްފައިވާއިރު، އެ ކުންފުނިން ބުނި ގޮތުގައި ހެކް ކުރެވޭ އެކައުންޓްތަކުގެ 90 ޕަސެންޓަކީ "ވަރުގަދަ އޮތެންޓިކޭޝަން" އިން ރައްކާތެރި ނުވާ އެކައުންޓްތަކެކެވެ. އަދި އެއީ ޕްރޮޓެކްޝަންގެ އެއް ފަށަލައެއް ބޭނުންކުރާ، މަލްޓި ފެކްޓާ އޮތެންޓިކޭޝަން (އެމްއެފްއޭ) ނުހިމެނޭ އެކައުންޓްތަކެއް ކަމަށްވެސް މައިކްރޯސޮފްޓުން ބުނެފައިވެއެވެ.
މައިކްރޯސޮފްޓުން ބުނާ ގޮތުގައި އެމްއެފްއޭ ބޭނުންކުރާ އެކައުންޓްތަކުގެ އަދަދު ނިސްބަތުން މަދެވެ. އެމްއެފްއޭ ޕްރޮޓެކްޝަން ބޭނުންކުރިޔަސް އެކައުންޓެއް 100 ޕަސެންޓް ރައްކާތެރިވާނެ ކަމުގެ ޔަގީންކަން ނޯންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.