06 Apr 2012, 13:46
މަޖިލީހުގެ ގަވާއިދު އޮތް ގޮތުން އަލަށް އުފެއްދި މިނިވަން މުއައްސަސާތައް ޖަވާބުދާރީ ނުކުރެވޭ މައްސަލާގައި މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމައިފި އެވެ.
މާޗް 2، 2010 ގައި އަމަލް ކުރަން ފެށި މަޖިލީހުގެ ގަވާއިދު އެކުލެވިގެންވާ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ޖަވާބުދާރީ ނުކުރެވޭ މުއައްސަސާތަކުގެ ތެރޭގައި އޮޑީޓާ ޖެނަރަލްގެ އޮފީހާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިތުރުން މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑް ކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ހިމެނެ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ނިންމާފައިވަނީ އަލަށް އުފެއްދި މިނިވަން މުއައްސަސާތައް ޖާވާބުދާރީ ކުރުވުމުގެ އިހްތިސާސް އެ ކޮމެޓީއަށް ލިބިގެންނުވާތީ އެ މައްސަލަ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ހުށަހެޅުމަށެވެ. އަދި މަޖިލީހުގެ ރައީސް މޭޒުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ވެސް ކޮމެޓީން ނިންމާފައިވެ އެވެ.
ނަމަވެސް އަދި އެ މައްސަލަ މަޖިލީހުގެ ރައީސްއަށް ހުށަހަޅާފައެއް ނުވެ އެވެ.
މަޖިލީހުގެ ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ޖަވާބުދާރީ ކުރެވެނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ އިތުރުން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހެވެ.