10 Nov 2022, 11:38
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެން ފުވައްމުލަކުގައި ކެރިއާ ގައިޑެންސް ފެއާއެއް ބާއްވަން ނިންމައިފިއެވެ.
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ބުނި ގޮތުގައި އެ ފެއާ ބާއްވާނީ އަންނަ ހޮނިހިރު ދުވަހު އެ ކޮލެޖުގެ މައި ކެމްޕަހުގައެވެ. އެ ފެއާގެ މައިގަނޑު މަގްސަދަކީ، ޒުވާނުންނާއި ސުކޫލުތަކުގެ ދަރިވަރުން ކުރިއަށްދާނެ ކެރިއާއެއް ޚިޔާރުކުރުމުގައި ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް އެ ކޮލެޖުން ބުންޏެވެ.
އެ ފެއާގައި އެކިއެކި ދާއިރާތަކަށް ޚާއްސަކޮށްފައިވާ ސްޓޯލްތައް ހުންނާނެއެވެ. އެ ސްޓޯލްތަކުގައި އެ ދާއިރާތަކުގެ ތަޖުރިބާކާރުން ތިބޭ އިރު، އެ ދާއިރާއެއްގައި ކުރާ މަސައްކަތްތަކާއި ފަހިވާ ފުރުސަތުތަކާއި ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދޭނެ ކަމަށް ޒިކުރާ ކޮލެޖުން ބުންޏެވެ.
ހަމައެއާއެކު، ބައެއް ދާއިރާތަކުގައި ކުރާ ބައެއް ކަހަލަ މަސައްކަތްތައް އަމިއްލައަށް ތަޖުރިބާ ކުރުމުގެ ފުރުސަތުވެސް އެ ފެއާގެ ބައިވެރިންނަށް ލިބޭނެ ކަމަށް ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ބުންޏެވެ.
ފުވައްމުލަކުގައި ހުންނަ ސަރުކާރު އަދި އަމިއްލަ އޮފީސްތަކުންވެސް އެ ފެއާގައި ބައިވެރިވާނެއެވެ. އަދި އެ ފެއާގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ 10 ފަރާތަކަށް ތަފާތު އިނާމުތައްވެސް ދޭނެއެވެ.
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖަކީ މުޅި ރާއްޖެއަށް ހުޅުވައިލައިގެން ސެޓްފިކެޓް ލެވެލް ތިނަކުން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް ތަފާތު އެކި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ކޯސްތައް ހިންގަމުން އަންނަ ކޮލެޖެކެވެ.