06 Apr 2012, 09:33
އުމުރުން 65 އަހަރުން މަތީގެ މީހުން އިތުރު ވަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ 2006 ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ނިސްބަތުން، އުމުރުން 65 އަހަރުން މަތީގެ މީހުން މީގެ 10 އަހަރު ކުރި އާއި އަޅާބަލާއިރު އިތުރުވަމުންދާ ކަމަށެވެ.
މިހާރު އާބާދީގެ ބޮޑުބައެއް ޒުވާނުން ހިއްސާ ކުރި ނަމަވެސް 2015 އަހަރާ ހަމައަށްދާއިރު ރާއްޖޭގެ އާބަދީގެ 4.8 ޕަސެންޓް މީހުން އުމުރުން ދުވަސްވީ މީހުނަށް ވާނެ ލަފާ ކުރެވޭ ކަމަށް ހެލްތުން ބުނެ އެވެ. އަދި 2025 ވަނަ އަހަރު އެ އަދަދު ދެގުނަ އަށް އިތުރު ވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް އުމުރުން ދުވަސްވީ މީހުންނާއި މެދު އޮތް ސަގާފަތް ރާއްޖޭގައި ވެސް ބަދަލުވެފައިވާ ކަން ފާހަގަކޮށް ހެލްތުގެ ބަޔާނުގައި ބުނެފައި ވަނީ އާއިލާތައް ކުޑަވެ، ވަކި ގޭބީސީތަކަށް ބަދަލުވެ، ދުވަސްވެފައިވާ މީހާ ހިމަނާނީ ކޮން ގޭބީސީއެއްގައިތޯ ސުވާލު އުފެދިފައިވާ ކަމަށެވެ. އަދި ބައެއްފަހަރު އެމީހުން އެކަހެރިކޮށް، އަޅާނުލެވި، ނިކަމެތިވެ ބިކަހާލުޖެހޭ ކަމަށެވެ.
އެގޮތުން ޝަރުއީ ބަލަދުވެރިއެއްނެތް މީހުންގެ ގޮތުގައި އުމުރުން 75 އަހަރާއި 80 އަހަރާ ދެމެދުގެ 49 މީހަކު ގުރައިދޫ ގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓަމުންގެންދާ ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ. އަދި އޭގެތެރޭގައި 18 އަންހެނަކާ 31 ފިރިހެނުން ތިބި އިރު، 13 މީހުންނަކީ އުމުރުން ދުވަސްވުމުގެ ސަބަބުން އެނދުމަތިވެފައިވާ މީހުންނެވެ. ހިނގާބިނގާވެ ނޫޅެވުމުގެ ސަބަބުން 13 މީހަކު ވީލްޗެއާގައި ގެންގުޅެމުންދާއިރު، ސާރުކާރާ އެމީހުން ހަވާލު ކުރުމަށްފަހު، ފޯނުގެ ޒަރީއާއިން ވެސް އެއިންމީހެއްގެ ހާލު ބަލަނީ ވަރަށް މަދު އާއިލާއެއް ކަމަށް ހެލްތުގެ ބަޔާނުގައި ބުނެފައި ވެއެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަރުކަޒުގައި ތިބި 48 މީހުން ބެލެހެއްޓުމުގެ ހުރިހާ ކަމަކަށް، މަހެއްގެ މައްޗަށް ގާތްގަނޑަކަށް 12000ރ. ޚަރަދު ވެއެވެ.
ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް ހަތް ވަނަ ދުވަހު ފާހަގަ ކުރާ ސިއްހަތު ދުވަހުގައި، މިއަހަރު ޑަބްލިއުއެޗްއޯއިން ކަނޑާއަޅާފައިވާ ޝިއާރަކީ "އުމުރުން ދުވަސްވުމާއި ސިއްހަތު" އެވެ. އަދި ސްލޯގަންއެއްގެ ގޮތުގައި ބޭނުން ކުރަމުންދަނީ "ދުޅަހެޔޮ ސިއްހަތުން އުމުރުގެ އަހަރުތަކަށް ދިރުންލިބޭ" އެވެ.
އުމުރުން ދުވަސްވީ މީހުންގެ އާބާދީ މުޅި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އިތުރުވަމުންދާ ކަން ފަހާގަކޮށް ހެލްތުގެ ބަޔާނުގައި ބުނެފައި ވަނީ އާންމު ސިއްހަތަށް ލިބިފައިވާ ކުރިއެރުމާ ގުޅިގެން އެވްރެޖްކޮށް މީހުންގެ ދިރިހުންނަ އުމުރަށް 10 ނުވަތަ 20 އަހަރު އިތުރުވެފައިވާކަން ޑަބްލިޔުއެޗްއޯގެ ދިރާސާތަކުން ދައްކާ ކަމަށެވެ. އަދި އެންމެ ބޮޑަށް އުމުރުން ދުވަސްވީ މީހުން އިތުރުވަމުންދަނީ ދައުލަތުގެ ފޯރުންތެރިކަން ކުޑަ ގައުމުތަކުގަ އާއި މެދުމިނުގައި އިގްތިސާދުތަކުގެ ގައުމު ތަކުގައި ކަން ފާހަގަކޮށް ހެލްތުގައި ބަޔާނުގައި ބުނެފައިވަނީ 2050 ވަނަ އަހަރުގެ ނިޔަލަށް އެގައުމުތަކުގައި އުމުރުން ދުވަސްވީ މީހުންގެ 80 ޕަސެންޓް ދިރިއުޅެމުންގެންދާނީ ވެސް އެގައުމުތަކުގައި ކަމަށެވެ.