10:00


ރާއްޖެއަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ޙައްލުކުރެއްވުމަށް ވާދަވެރި ޕާޓީތަކުގެ މެދުގައި މިހާރު ހިނގަމުންދާ މަޝްވަރާތަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ އެވެ.


އެމްޑީޕީން ވަނީ ދެފަހަރެއްގެ މަތިން ވާދަވެރި ޕާޓީތަކާއެކު މަޝްވަރާތަކެއް ބާއްވާފަ އެވެ. ފުރަތަމަ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން މުޅި ކެބިނެޓަށް އެއްފަހަރާ އެއްކޮށް ރުހުން ދިނުމަށް ހުށަހަޅާފައިވާއިރު ވާދަވެރި ޕާޓީތަކުން ވަނީ ނުވަ ކަމެއް ހުށަހަޅާފަ އެވެ. އަދި ދެވަނަ މަޝްވަރާ ބައްދަލުވުމުގައި މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތަކާއި ތާވަލެއް އެކުލަވާލުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ.


މި މަޝްވަރާތަކާމެދު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް މިދާ މަޝްވަރާތަކަށް ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވާ ކަމަށާއި މިކަންކަމުން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމާމެދު އެމަނިކުފާނު ދެކެވަޑައިގެންނަވަނީ ވަރަށް ފަހި ނަޒަރަކުން ކަމަށެވެ.


މި ޤައުމު ކާމިޔާބީ ހޯދާތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ، ހެޔޮ ގޮތްގޮތަށް ވިސްނަވާ ބޭފުޅުން ހުރިހާ ޕާޓީއެއްގައިވެސް އެބަތިއްބެވި ކަމަށާއި މި ފަދަ ބޭފުޅުންގެ އަޑު ތަންކޮޅެއް ބޮޑަށް އިވެން އެބަޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި، ކުރީގެ ޚުދުމުހުތާރު ގޮތްތަކަށް ބަދަލުވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންގެ ކުރިއަށް އެ މި ދަންނަވާ ހެޔޮކޮށްވިސްނަވާ ބޭފުޅުން ފިޔަވަޅު އަޅުއްވަން ވެއްޖެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


އެމްޑީޕީއާއެކު މަޝްވަރާކުރަމުންގެންދާ އެންމެ ބޮޑު ވާދަވެރި ޕާޓީ ކަމުގައިވާ ދިވެހި ރައްޔިތުންގެ ޕާޓީ ޑީއާރުޕީން މިވާހަކަތަކުގައި އިސްކޮށް ހުންނެވީ އެ ޕާޓީގެ ލީޑަރު އަޙްމަދު ތަސްމީން ޢަލީ އެވެ.


ޑީއާރުޕީއާއެކު އިއްތިހާދުވެފައިވާ ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ ޕީޕަލްސް އެލައަންސްއާއި، ޤާސިމް އިބްރާޙިމް އިސްކޮށް ހުންނަވާ ޖުމްހޫރީ ޕާޓީއާއި، ޑޮކްޓަރ ޙަސަން ސަޢީދު އިސްކޮށް ހުންނަވާ ދިވެހި ޤައުމީ ޕާޓިންވެސް މި މަޝްވަރާތަކުގައި ބައިވެރިވެފައިވެ އެވެ.