11 Nov 2022, 18:25
ޔޫޓިއުބް ޓްރަޔަލް ޔޫޒަރުން ހިމެނޭ ގޮތަށް, މިއުޒިކް އަދި ޕްރީމިއަމް ސަބްސްކްރައިބަރުންގެ އަދަދު 80 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
އެއީ މިދިޔަ އަހަރު އެ ޕްލެޓްފޯމުގައި ތިބި 50 މިލިއަން ސަބްސްކްރައިބަރުންނަށް ވުރެ 30 މިލިއަން އިތުރު އަދަދެކެވެ.
ޔޫޓިއުބް މިއުޒިކްގެ ގްލޯބަލް ހެޑް ލިޔޯ ކޯހެން ވިދާޅުވި ގޮތުގައި މިގޮތަށް ސަބްސްކްރައިބަރުން އިތުރުވުމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އާފްޓާޕާޓީސް ފަދަ ފީޗާތަކާއި ގޫގުލް ހާޑްވެއާ އާއި ޚިދުމަތްތަކުން ޑިސްކައުންޓް ލިބޭ ގޮތަށް "ޔޫޓިއުބް ޕްރީމިއަމް"ގެ ފެންވަރު ރަނގަޅު ކުރުން ހިމެނޭ ކަމަށް އޭނާ ބުންޏެވެ. ޔޫޓިއުބް ޕްރިމިއަމް އާފްޓާޕާޓީސްއަކީ އާޓިސްޓުންގެ ލައިވްސްޓްރީމްތައް ވަކި ބަޔަކަށް ފެންނަ ގޮތަށް ހެދޭ ފީޗާއެކެވެ.
ގޫގުލްގެ ބެލެނިވެރި ކުންފުނި ކަމަށްވާ އަލްފަބެޓްގެ ސީއީއޯ، ސުންދަރު ޕިޗައި ވިދާޅުވީ މިއީ ޔޫޓިއުބަށް އަޖައިބު ކުރުވާފަދަ އަދަދުތަކެއް ކަމަށެވެ.
ޔޫޓިއުބްގެ ސަބްސްކްރައިބަރުން މިހާ ގިނަވެފައިވާއިރު، ޔޫޓިއުބް "ޕްރީމިއަމް" ފީޗާއަކީ ވަރަށް ގިނަ ބަޔެއްގެ ޝައުގުވެރިކަން ލިބިފައިވާ ފީޗާއެކެވެ. އަދި އެ ޕްލެޓްފޯމްގައި 100 މިލިއަނަށް ވުރެ ގިނަ ރަސްމީ ލަވައާއި ރިމިކްސްތަކާއި ލައިވްކޮށް ހުށަހަޅާފައިވާ ލަވަތަކާއި މަޝްހޫރު ފަންނާނުން ކިޔާފައިވާ، އެހާ މަޝްހޫރު ނޫން ލަވަތަައް ވެސް ހިމެނެއެވެ.
އޭގެ ތެރޭގައި ހުރިހާ ވައްތަރެއްގެ މިއުޒިކް ފޯމެޓްތައް އެކުލެވޭއިރު، ލޯންގް ފޯމް މިއުޒިކް ވީޑިއޯއާއި، ކުރު ފޯމް ވީޑިއޯއާއި، ލައިވްސްޓްރީމްތަކާއި ޕޮޑްކާސްޓާއި އަދިވެސް މިއުޒިކާ ގުޅޭ އިތުރު އެތައް އުފެއްދުންތަކެއް ޔޫޓިއުބުން ލިބެއެވެ.
އެ ޕްލެޓްފޯމުން ޔޫޒަރުންނަށް މިއުޒިކް ހޯދައި، އަޑުއަހައި، އެއާ ބެހޭ ގޮތުން ޚިޔާލު ފާޅު ކުރެވޭނެ ގޮތް ވަނީ ފަހިކޮށްދީފައެވެ. ދާދި ފަހުން ޔޫޓިއުބުން ވަނީ
"ގޯ ލައިވް ޓުގެދާ"ގެ ނަމުގައި އާ ފީޗާއެއް އިއުލާންކޮށްފައެވެ. އެއީ ޔޫޓިއުބްގައި ފަންނާނަކު ކުރިއަށްގެންދާ ލައިވްސްޓްރީމްގައި އިތުރު މީހަކު ބައިވެރިވުމަށް ފުރުސަތުދޭ ފީޗާއެކެވެ.
ޔޫޓިއުބުގެ ހުރިހާ ޚިދުމަތްތަކަކީ ހިލޭ ބޭނުންކުރެވޭ ޚިދުމަތްތަކަށް ނުވާއިރު، ބައެއް ގައުމުތަކުގައި އެ ޚިދުމަތްތަކުގެ އަގު ތަފާތެވެ. އެގޮތުން އިންޑިއާގައި ޔޫޓިއުބް ޕްރީމިއަމްގެ އަހަރީ ޕްލޭންގެ އަގަކީ 1،159 ރުޕީސްއެވެ. އެއީ ގާތްގަޑަކަށް 220 ރުފިޔާއެވެ. ޔޫޓިއުބް މިއުޒިކް ޕްރީމިއަމްގެ އަހަރީ ޕްލޭންގެ އަގަކީ 889 ރުޕީސް (168 ރުފިޔާ)އެވެ. ޔޫޓިއުބް ޕްރީމިއަމްއަށް މަހުން މަހަށް ފައިސާ ދައްކާ ނަމަ އަގަކީ މަހަކު 129 ރުޕީސްއެވެ. އެއީ ގާތްގަޑަކަށް 24 ރުފިޔާއެވެ.
ޔޫޓިއުބް މިއުޒިކް ޕްރީމިއަމް ޕްލޭންގެ ދަށުން ސަބްސްކްރައިބަރުންނަށް އިޝްތިހާރުތަކާ ނުލައި މިއުޒިކް ޑައުންލޯޑްކޮށް އަޑުއެހުމުގެ ފުރުސަތު ލިބެއެވެ. ދާދި ފަހުން ޔޫޓިއުބުން ވަނީ އައިއޯއެސް 16 ލޮކް ސްކްރީން ވިޖެޓެއް "ރިސެންޓްލީ ޕްލޭޑް"ގެ ނަމުގައި ތައާރަފްކޮށްފައެވެ. އެއީ އެމީހަކު އެންމެ ފަހުން ބެލި ލަވަތަކާއި އަލްބަމްތަކާއި ޕްލޭލިސްޓްތަކާއި ވީޑިއޯތައް ލޮކް ސްކްރީނުން އަވަހަށް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ވިޖެޓެކެވެ.