09 Nov 2022, 18:27
ވޮޝިންޓަން (9 ނޮވެމްބަރު 2022): އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ތިން ގޮނޑި ފަލަސްތީނު ދަރިކޮޅުގެ މީހުން ކާމިޔާބުކޮށްފިއެވެ.
މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރު، ކޮންގްރެސްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްޒެޓެންޓެޓިވްސްއިން ރައީސް ޖޯ ބައިޑެންގެ ޑިމޮކްރެޓިކް ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 12 ގޮނޑިއެވެ. އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 17 ގޮނޑިއެވެ.
ޑިމޮކްރެޓިކް ޕާޓީން ކާމިޔާބު ކުރި 12 ގޮނޑީގެ ތެރެއިން ތިން ގޮނޑި ކާމިޔާބުކުރީ ފަލަސްތީނު ދަރިކޮޅަށް ނިސްބަތްވާ ކެނޑިޑޭޓުންނެވެ. އެއީ ކުރިންވެސް މިޝިގަން ސްޓޭޓްގެ މެންބަރަކަށް ހުންނެވި ރަޝީދާ ތަލީބް އާއި ޖޯޖިޔާގެ މެންބަރުކަން އަލަށް ކާމިޔާބު ކުރެއްވި ރުވާ ރުމާން އާއި އިލްނޯއިގެ ގޮނޑި އަލަށް ކާމިޔާބު ކުރެއްވި އަބްދުއްނާސިރު ރަޝީދުއެވެ.

އެމެރިކާގެ ކޮންގްރެސް ގައި ހިމެނޭ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް
މިތިން ބޭފުޅުންގެ އިތުރުން ސޮމާލިއާގެ އަރަބި ދަރިކޮޅުގެ އަންހެން ބޭފުޅެއްކަމަށްވާ އިލްހާމް އުމަރުވެސްވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ މެނެސޫޓާ ސްޓޭޓްގެ ގޮނޑި ތިންވަނަ ދައުރަކަށް ކާމިޔާބު ކުރައްވާފައެވެ. ރަޝީދާ ތަލީބް ވެސް މިއީ އޭނާގެ ގޮނޑި ދިފާއުކުރައްވާތާ ތިންވަނަ ދައުރެވެ.
އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އިންތިޚާބީ ހުރިހާ ގޮނޑިތަކެއްކަމަށްވާ 435 ގޮނޑިއާއި ސެނެޓްގައި ހިމެނޭ 100 ގޮނޑީގެ ތެރެއިން 34 ގޮނޑި އާއި އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން 36 ސްޓޭޓެއްގެ ގަވަރުނަރުން ކަމަށް ބޭފުޅުން އިންތިޚާބުކުރާނެއެވެ.
މިޑްޓާމް އިންތިޚާބުގައި މިހާތަނަށް ގުނާފައިވާ ވޯޓުތަކުގެ ނަތީޖާ ދައްކާގޮތުން އިންތިޚާބުގައި ކުޑަ ތަފާތަކުން ކުރި ހޯދަމުންދަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީއެވެ. ކޮންގްރެސްގެ ދެގޭގެ ތެރެއިން ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަށް ބަލާއިރު ކުރީގައި އުޅެނީ ރިޕަބްލިކަން ކެނޑިޑޭޓުންނެވެ. ކޮންގްރެސްގެ މަތިގެކަމަށްވާ ސެނެޓަށް ބަލާއިރު ދެޕާޓީގެ ކެންޑިޑޭޓުން ކާމިޔާބު ކުރާވަރު ދާދިހަމަހަމައެވެ. ނަމަވެސް ވޯޓު ގުނަމުންދާ މިންވަރަކުން މިހާލަތު ވަރަށް އަވަހަށް ބަދަލުވެ ފަރަގު ބޮޑުވުން ވަރަށް އެކަށީގެންވެއެވެ.