އުސްފަސްގަނޑުގައި ޕެނަލް ޑިސްކަޝަނެއް އެމްޑީޕީން މިރޭ ބާއްވައިފި އެވެ.

ސިޔާސީ ހަރަކާތް ހިންގުމަށް މާލޭ ސިޓީކައުންސިލުން އެމްޑީޕީއަށް ދޫކޮށްފައިވާ އުސްފަސްގަނޑުގައި މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރާއި ނަފާ މުހައްމަދު ނަސީމާއި އަބްދުލް މުއީދު ހަސަން އެވެ.

ޕެނަލް ޑިޝްކަންގައި ވާހަކަދެއްކި ބޭފުޅުން ވިދާޅުވީ ފެބްރުއަރީ ހަތްވަނަ ދުވަހު "ބަޣާވާތަކު"ން ވެރިކަން ވައްޓާލީ ސިފައިންނާއި ފުލުހުންގެ ތެރެއިން ސިޔާސީ ފަރާތްތަކާއި ގުޅިގެން ކަމަށެވެ. އަދި އެކަމުގައި ސިފައިންނާއި ފުލުހުން ބައިވެރިވި އިރު ސިފައިންނާއި ފުލުހުން އަމަލުކުރަންޖެހޭ ގާނޫނީ އިންތަކެއް އެބަހުރިކަމަށާއި "ބަޣާވާތް" ގެނައުމުގައި ސިފައިންނާއި ފުލުހުން ބައިވެރިވީ އެމީހުންގެ ގާނޫނާއި ޚިލާފަށް ކަމަށެވެ.

އިސްލާމީ ދައުލަތެއްގެ ވެރިކަމާއި ދެކޮޅަށް ބަޣާވާތްކުރުމަކީ އިސްލާމީ ޝަރީއަތުގައި ވެސް މަނާކޮށްފައިވާ ކަމެއްކަމަށް ވެސް ވިދާޅުވި އެވެ. އެބޭފުޅުން ވިދާޅުވީ ބަޣާވާތުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ފޭރާން ބަލިކަށިވެގެން ހިނގައިދާނެ ކަމަށެވެ. އަދި ވިދާޅުވެފައި އެމްޑީޕީއަކީ އެއްވެސް އިރެއްގައި ބަޣާވާތްކޮށް ބަޣާވާތަށް ހިތްވަރުދީފައިވާ ބައެއް ނޫންކަމަށާއި އެމްޑީޕީން ވެރިކަމާއި ހަވާލުވީ ވެސް ބަޣާވާތަކުން ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު "ބަޣާވާތަކު"ން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ނަމަވެސް އެމްޑީޕީގެ ޓިކެޓުގައި ރައީސް ނަޝީދު ވެރިކަމާއި ހަވާލުވެވަޑައިގަތީ ރައްޔިތުންގެ ފުރިހަމަތާއިދާއި އެކު ކަމަށް ވެސް ވިދާޅުވި އެވެ.