މި މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑްކަޕަށް ގަތަރު މުޅިން އޮތީ ދޮންވެ ފައްކާވެފައެވެ.

އެ ގައުމުން އެ މުބާރާތަށް އެންމެ ފުރިހަމަކަމާއެކު ވަނީ ތައްޔާރުވެފައެވެ. ބޮޑު ހަރަދުކޮށްގެން ވިޔަސް ގަތަރުން ބޭނުންވަނީ ފުރިހަމަ ކަމާއެކު މުބާރާތް ބާއްވާ ނިންމާލާށެވެ.

އެގޮތުން އެ ގައުމުން ވަނީ ސްޓޭޑިއަމްތަކަށް އެކަނިވެސް 6.5 ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ މިންވަރެއް ހަރަދުކޮށްފައެވެ. އެ ގައުމުން މީގެކުރިން ލަފާކުރީ ހަތަރު ބިލިއަން ޑޮލަރު ސްޓޭޑިއަމްތަކަށް ހަރަދުވާނެކަމަށެވެ.

ވޯލްޑްކަޕަށް ހާއްސަކޮށްގެން ގަތަރުން ވަނީ ހަތް ސްޓޭޑިއަމެއް އަޅާފައެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ގަތަރުގެ ވެރިރަށް ދޯހާގައި ބިނާކޮށްފައިވާ ސްޓޭޑިއަމް 974 އެވެ.

އެ ސްޓޭޑިއަމް ހާއްސަވާ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. އެގޮތުން އެ ސްޓޭޑިއަމްގެ ނަމަށް ބަލާލުމުން ވެސް ތަފާތުކަމާއި ހާއްސަކަށް ފެނެއެވެ.

ސްޓޭޑިއަމް 974---

ޝިޕިން ކޮންޓެއިނަރު ބޭނުންކޮށްގެން ހަދާފައިވާ އެ ސްޓޭޑިއަމަށް "ސްޓޭޑިއަމް 974" ކިޔައިފައިވަނީ އެ ސްޓޭޑިއަމް ބިނާކުރުމަށް 974 ޝިޕިން ކޮންޓެއިނަރު ބޭނުންކޮށްފައިވާތީއެވެ. އެ އަދަދަކީ އެ ގައުމުގެ ނަންބަރުތަކަށް ގުޅުމަށް ބޭނުންކުރާ ކޯޑު ވެސް މެއެވެ.

ސްޓޭޑިއަމް 974 ހަދަން ޝިޕިން ކޮންޓެއިނަރު ބޭނުން ކުރަން ގަތަރުން ނިންމީ އެ ގައުމުގެ ޒަމާންވީ އިމްޕޯޓް އަދި އެކްސްޕޯޓް ކުރުމުގެ ސިނާއަތް ވޯލްޑްކަޕުން ދައްކުވައިދިނުމަށެވެ. އެ ސްޓޭޑިއަމް ހަދާފައި ވަނީ މުޅިން ވެސް ބޭނުންކޮށްފައިވާ ކޮންޓެއިނަރުތަކުންނެވެ.

ސްޓޭޑިއަމް 974--- ފޮޓޯ/ ގޯލް

ދުނިޔޭގައި އެއްތަނުން އަނެއްތަނަށް ގެންދެވޭ ހަމައެކަނި ސްޓޭޑިއަމަކީ އަދި އެއީއެވެ. އެ ސްޓޭޑިއަމް ރޫޅާލައިގެން އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކު ގެންދެވިދާނެއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހު ހުޅުވި ސްޓޭޑިއަމް 974 އަކީ 40,000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. އެ ސްޓޭޑިއަމްގައި ވޯލްޑްކަޕްގެ ހަތް މެޗެއް ކުޅޭނެއެވެ.

އެގޮތުން އެ ސްޓޭޑިއަމްގައި ކުޅޭ ފުރަތަަމަ މެޗަކީ ގްރޫޕް ސީގައި ޕޮލެންޑާއި މެކްސިކޯ ބައްދަލުކުރާ މެޗެވެ. އެ މެޗު ކުޅޭނީ މިމަހުގެ 22 ވަނަ ދުވަހުގައެވެ. އެ ދަނޑުގައި ދެވަނަ ބުރުގެ މެޗެއް ވެސް ވަނީ ކުޅެން ހަމަޖެހިފައެވެ.