ލ. ގަމާއި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ދެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ އިތުރުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަމްޖަދު ޢަބްދުލްޣަނީއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ އެއްވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ދެ މެޖިސްޓްރޭޓުންނާ ގުޅޭ ގޮތުން ހުށަހެޅި ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށެވެ.

މެޖިސްޓްރޭޓުންނާއި ގާޒީންނާއި ފަނޑިޔާރުންނާ ގުޅޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލާފައިވާއިރު ގިނަ އަދަދެއްގެ މައްސަލަތަކެއް އެ ކޮމިޝަނަށް އަންނަނީ ހުށަހަޅަމުންނެވެ. އަދި ބައެއް ގާޒީންގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވެ މަގާމުން ވަކި ކުރަން ފެންނަ ކަމަށް ވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.