ހަންގޭރީން ރާއްޖޭގެ ދަރިވަރުންނަށް ދެމުން އަންނަ ސްކޮލަޝިޕްތަކުގެ އަދަދު އިތުރުކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއާއި ހަނގޭރީއާ ދެމެދު ތިން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އެގޮތުން މިދިޔަ އަހަރުން ފެށިގެން 2024އާ ހަމައަށް ހަންގޭރީން ރާއްޖޭގެ ދަރިވަރުންނަށް ދެމުން އަންނަ 15 ސްކޮލާޝިޕްގެ އަދަދު 25އަށް އިތުރުކުރުމަށް މިއަދު ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަންއެވެ. އަދި ހަންގަރީގެ ފަރާތުން ސޮއިކުރެއްވީ ހަންގޭރީގެ ފޮރިން އެންޑް ޓްރޭޑް މިނިސްޓަރު ޕީޓާ ސްޒިޖާޓޯއެވެ.

ރާއްޖެއާ ހަންގޭރީއާ ދެމެދު ތިން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ ފޮރިން މިނިސްޓްރީ

އެ އެއްބަސްވުމުގެ ދަށުން 25އަށްވުރެ ގިނަ ސްކޮލަޝިޕްތައް އިތުރުކޮށްފައިވާއިރު އޭގެ ތެރެއިން ބައެއް ސްކޮލަޝިޕްގެ ފުރުސަތުތައް ކުޅިވަރު އަތުލީޓުންނަށް ޚާއްސަވާނެއެވެ.

މިހާރު އެއްބަސްވުމުގައިވާ ގޮތުން 2024 ވަނަ އަހަރު ނިމޭއިރު ހަންގޭރީން ޖުމުލަ 100 ސްކޮލަޝިޕް ރާއްޖެއަށް ދޭނެއެވެ.

އާއްމުކޮށް ރާއްޖޭގެ ދަރިވަރުން ހަންގޭރީއަށް ދަނީ ޑޮކްޓަރުކަން ކިޔަވާށެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ދެ ގައުމުގެ މެދުގައި އިގްތިޞާދީ ބަދަހިކަން ވަރުގަދަ ކުރުމަށް ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގެ ދަށުން އެކި ދާއިރާތަކުން ވިޔަފާރީގެ ގުޅުންތައް ކުރިއެރުވުން ހިމެނެއެވެ.

އޭގެތެރޭގައި ކޮންސްޓްރަކްޝަން، ހޮސްޕިޓަލިޓީ އަދި ޓޫރިޒަމް ފަދަ ބައެއް ދާއިރާތަކުން ދެގައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށް މަގުފަހިކުރުން ހިމެނެއެވެ.

މީގެ އިތުރުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ވެސް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްއެވެ.

ރާއްޖެއާ ހަންގޭރީއާ ދެމެދު ތިން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ ފޮރިން މިނިސްޓްރީ

އެ އެއްބަސްވުމުގެ ދަށުން ހިންގޭ ހަރަކާތްތަކުގައި ފުޓުބޯޅަ ކޯޗުންނަށް ޓްރެއިނިން ފުރުސަތުތައް ވެސް ލިބޭނެއެވެ.

ރަސްމީ ދަތުރުފުޅެއްގައި ހަންގޭރީގެ ފޮރިން އެންޑް ޓްރޭޑް މިނިސްޓަރު ސްޒިޖާޓޯ ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ސިޖާޓޯ ރާއްޖެ ވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށެވެ.

ސްޒިޖާޓޯ ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިހަށް ވެސް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ.

ދެ ގައުމުގެ ގުޅުމަށް 47 އަހަރުވެފައިވާއިރު މިއީ ހަންގޭރީގެ މިނިސްޓަރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.