ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން އު ކުންފުނީގެ މުވައްޒަފުންނަށް ޚާއްސަކޮށް ޗައިލްޑް ކެއާ ސެންޓަރެއް ހުޅުވައިފިއެވެ.

އެއީ ރާއްޖޭގެ ސަރުކާރުގެ ކުންފުންޏަކުން މިފަދަ ތަނެއް ހެދި ފުރަތަމަ ފަހަރެވެ.

ސްޓެލްކޯގެ ހެޑް އޮފީހުގެ އެއްވަނަ ފަންގިފިލާގައި ހުޅުވި ޗައިލްޑް ކެއާ ސެންޓަރަކީ އެކުންފުނީގެ މުވައްޒަފުންގެ ދަރިން، އޮފީސް ވަގުތުތަކުގައި އޮފީހުގައި ރައްކާތެރިކަމާއެކު ތިބެވޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ތަނެކެވެ. އެތަނުގައި އެތަން ބަލަހައްޓާނެ މީހުން ވެސް ތިބޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯގެ މުވައްޒަފަކު ބުނީ އެފަދަ ތަނެއް ހުޅުވުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށް ލިބުނު ބޮޑު ފަސޭހައެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްސަ އިސްނެންގެވުމުގެ ދަށުން އެފަދަ ސެންޓަރެއް ސްޓެލްކޯގައި ހުޅުވައިދެއްވިކަމަށްޓަކައި ޝުކުރުވެރިވާކަމަށްވެސް އެމުވައްޒަފު ބުންޏެވެ.

"އަޅުގަނޑުގެ އުންމީދަކީ ސްޓެލްކޯ ފަދައިން އެހެން ކުންފުނިތަކުންވެސް ސްޓެލްކޯ ނަމޫނާއެއް ކަމުގައި ދެކިގެން، މިފަދަ ޗައިލްޑް ކެއާ ސެންޓަރުތައް ހުޅުވުން،" އޭނާ ބުންޏެވެ.

ސްޓެލްކޯގެ ޗެއާމަން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ ޗައިލްޑް ކެއާ ސެންޓަރު ހުޅުއްވައިދެއްވަނީ --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ޗައިލްޑް ކެއާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވީ އެ ސެންޓަރަކީ ސަރުކާރުން މުވައްޒަފުންނަށް ދިން ހަދިޔާއެއްކަމަށާއި، އެހަދިޔާ ބަލައިގަންނަކަން މުވައްޒަފުން ދައްކަންވާނީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުން ކަމަށެވެ. އަދި ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތް ދިނުމަށް މުވައްޒަފުންގެ ކިބައިން ޝަރީފް އެދިލެއްވިއެވެ.

ސްޓެލްކޯއިން ބުނީ ޗައިލްޑް ކެއާ ސެންޓަރަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދުރު ވިސްނުންފުޅާއި، އިސްނެންގެވުމާ އެއްގޮތަށް ސްޓެލްކޯގެ މެނޭޖްމަންޓުން ސްޓެލްކޯގެ މުވައްޒަފުންނަށް މަސައްކަތު ގަޑީގައި މުވައްޒަފުންގެ ދަރިން ތިބޭނެ ރައްކާތެރި، އިތުބާރުކުރާ މާހައުލެއް ހޯދައި ދިނުމުގެ ގޮތުން ގާއިމްކުރި ތަނެއް ކަމަށެވެ.