ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް އަންނަ އަހަރު ބޮޑު ކޮށްދިނުމަށް ބަޖެޓުގައި ހިމަނާފައިވާއިރު އެދުމަކީ އެ އަދަދު 5،000 ރުފިޔާއަށް ހަދައި ދިނުން ކަމަށް އެފަދަ ފަރާތްތަކުން ބުނެފިއެވެ.

ލ. ގަމުގައި ބޭއްވި ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމަވާލެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިނާޔަތެއްގެ ގޮތުގައި މިހާރު ލިބެނީ 2000 ރުފިޔާއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުން މަޖިލީހަށް ހުށަހަޅައިފައިވާ 42.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވެސް ނުކުޅެންދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރުމަށް ވަނީ ހިމަނައިފައެވެ.

ނަމަވެސް އެލަންވަންސްއަށް ބޮޑުކުރަނީ ކިހާވަރެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރަން ވިސްނަނީ އެމީހުންގެ ހާލަތަށް ރިޔާއަތްކުރުމަށްފަހުގައި ކަމަށް ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު --- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރުމަށް ހިމަނައިފައިވުމާއެކު އެފަދަ ބައެއް މީހުން އެކަމާ މެދު ދެކޭ ގޮތް ވަނީ "ސަން"އާ ހިއްސާ ކޮށްފައެވެ.

އެގޮތުން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށްވާ، އަބްދުﷲ ޒިޔާއު "ސަން"އަށް ބުނީ ނުކުޅެދުންތެރިކަން ހުންނަ އެކި މީހުންގެ ހާލަތު ހުންނާނީ އެކި ގޮތަށް ކަމަށެވެ.

އެގޮތުގެ މަތިން ކޮންމެ މީހަކަށް ވެސް އެންމެ އެކަށީގެންވާ މިންވަރަށް އެލަވަންސް ލިބެން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ޒިޔާއު ބުނިގޮތުގައި އެންމެ ދަށްވެގެން ވެސް ނުޅުދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް 5،000 ރުފިޔާއަށް ބޮޑުކުރަން ޖެހޭ ކަމަށެވެ.

އޭނާ ބުނީ ދުވަސްވީ މީހުންނަށް ދޭ އެލަވަންސް އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސްގެ ފަރަގު ނައްތާލަން ޖެހޭ ކަމަށެވެ.

"އަމިއްލަ ކަންކަން ކޮށްގެން އުޅެވޭ ވަރު ކޮށްދޭން އެބަޖެހޭ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުދީ ކޮންމެ މީހަކީ ވެސް އަމިއްލަ ހާލައިގެން އުޅެވޭ މީހަކަށް ހަދަން ޖެހޭ،" އޭނާ ބުންޏެވެ.

އެލަވަންސް ބޮޑުކުރަން ބަޖެޓްގައި ހިމެނުމާ ގުޅިގެން ވާހަކަދެއްކި އެންމެންވެސް ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ރައީސް ވެސް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ތިން ވަނަ ވިއަވަތި ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އަދިވެސް ދަފްތަރު އެކުލަވާނުލެވި އެ މީހުންނަށް ދޭ އެލަވަންސް ދިނުމަށް ވެސް ހުރަސްތަކެއް ހުރުމުން އެ މީހުން ވަނީ އެކަން ފާހަގަކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރެއް އެކުލަވާލަން ޖެހެނީ ކީއްވެ؟

ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކީ ވެސް ތަފާތު ދިރިއުޅުމެއް އުޅޭ މީހެކެވެ. އޭގެން ކޮންމެ މީހަކީވެސް ވަކި ދަތިތަކަކާ ކުރިމަތިލާން ޖެހޭ އަދި ހާލަތުވެ ވެސް ވަރަށް ތަފާތު މީހުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރުމަށް ވިސްނާއިރު އެ މީހުން ވެސް އެދެނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރެއް އެކުލަވައިލުމަށް ފަހު އެމީހެއްގެ ހާލަތަށް ބަލައި އެލަވަންސް ބޮޑުކުރުމަށެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ އަލްހާފިޒް އަހްމަދު ނަބީހުގެ މަންމަ އާމިނަތު މުހައްމަދު "ސަން"އަށް ބުނީ އެންމެ ކުޑަކޮށް ވެސް 5،000 ލިބެން އުއްމީދު ކުރާ ކަމަށެވެ.

ނަމަވެސް ކޮންމެ ނުކުޅެދުންތެރިކަން މީހެއްގެ ހާލަތުވެސް ތަފާތުވުމުން ކޮންމެ މީހެއްގެ ވެސް ހާލަތަށް ބަލައި އަލަވަންސް ދިނުން ރަނގަޅު ކަމަށް އޭނާ ބުންޏެވެ. އެކަން ކުރެވޭނީ ދަފްތަރެއް އެކުލަވައިލައިގެން ކަމަށާއި އެކަން އަވަސްކުރަން ގޮވާލާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަމިއްލަ ފައިމައްޗަށް ތެދުވެގެން މަސައްކަތް ކުރެވޭ އަދި ވަޒީފާއަށްދާ މީހުންނަށް 2،000 ވެސް އޯކޭ. އެއީ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކީ ވެސް ތަފާތު މީހަކަށްވީމަ. ހާލަތަށް ބަލާފަ،" އޭނާ ބުންޏެވެ.

މީގެ އިތުރުން ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށްވާ މުހައްމަދު މާޒިން "ސަން"އަށް ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވައިލުން މުހިއްމު ނަމަވެސް އެކަން ކުރަން ޖެހޭނީ އެންމެ ރަނގަޅު ގޮތުގައި ކަމަށެވެ.

ހިޔާ ފްލެޓް ސަރަހައްދު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދަފްތަރެއް އެކުލަވާލައިގެން ވެސް ބޭ އިންސާފުން އެލަވަންސް ދޭ ނަމަ އެއީ ރަނގަޅު ގޮތް ނޫން ކަމަށާއި ދަފްތަރެއް އެކުލަވައިލާނަމަ، އެކަން ކުރަން ޖެހޭނީ އިންސާފުން އެންމެނަށް ވެސް އެލަވަންސް ލިބޭ ގޮތަށް ކަމަށް އޭނާ ބުންޏެވެ.

"ދެމީހުންގެ ތެރެއިން އެކަކު ގޮސްފާނެ ވަޒީފާއަށް. އަނެކަކު ނުގޮސްފާނެ. އެކަމު ދެމީހުންނަށް އެއްވަރެއް ލިބުނީމަ އެގޮތް އެހާ ފެއާ އެއް ނޫން ދޯ،" އޭނާ ބުންޏެވެ.

މާޒިން ބުނީ ނުކުޅެދުންތެރިކަން ހުރިނަމަވެސް ކޮންމެ މީހަކީ ވެސް މުޖުތަމައަށް ބޭނުންތެރި މީހެއް ކަމަށެވެ. އަދި އެ މީހުންނަކީ ބޭނުން ބައެއްކަން އެމީ ހުންނަށް ވެސް އަންގައިދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ވަޒީފާގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރާތުން ވާހަކަދެއްކި އެންމެވެސް ބުނީ ރަނގަޅު ނިޔަތެއްގައި ކުރަން އުޅެފި ނަމަ މިކަން ވެސް ކުރެވޭނެ ކަމަށެވެ.

މި ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވެންސް ބޮޑުކުރާނެ ކަމުގެ އުއްމީދު ވެސް އެބައޮތް ކަމަށާއި ހަމައެކަނި އެދެނީ އެންމެނަށް ވެސް އެންމެ އިންސާފުވެރި އަދި ފައިދާ ވާނެ ގޮތަށް އެކަން ކޮށްދިނުން ކަމަށް އެފަދަ މީހުން ބުންޏެވެ.