އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ އިގްތިސާދީ ހިރާސްތައް ބަލައިގަނެ ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ބަޖެޓާ ގުޅިގޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުވެސް ހުށަހަޅާފައި މިވަނީ މުޅި ދުނިޔެ އިގްތިޞާދީ ކާރިސާއަކާ ކުރިމަތިލަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.

"އަޅުގަނޑުމެން 2023 ވަނަ އަހަރުގެ ބަޖެޓު އަދި ކުރީ އަހަރުތަކުގެވެސް ބަޖެޓު އަޅުގަނޑުމެންނަށް މި ހުށަހެޅިގެންދަނީ ދުނިޔެއާއި އަދި ރާއްޖޭގެ ވެސް އިގްތިޞާދީ ވަރަށް ގިނަ ޗެލެންޖެސްތަކާ އެއްކޮށް. 2020 ވަނަ އަހަރު ކުރިމަތިވީ ކޮވިޑް-19 ގެ ބަލިމަޑު ކަމާއި އަދި 2022 ވަނަ އަހަރު، މިއަހަރުވެސް އަޅުގަނޑުމެން ކުރިއަށް އަންދާޒާ ނުކޮށް ތިއްބައި މިއައި ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ ސަބަބުން ދިމާވި އިގްތިޞާދީ ކްރައިސިސް." މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ރާއްޖޭގެ ޖީޕީޑީ 33.5 އިންސައްތަ ދަށަށް ދިޔަނަމަވެސް، ސަރުކާރުން ގެންގުޅުނު ސިޔާސަތު ތަކުގެ ސަބަބުން މިދިޔަ އަހަރު 41.6 އިންސައްތަ ޖީޕީޑީ އިތުރުވިކަން މިނިސްޓަރު އަމީރު ފާހަގަކުރެއްވިއެވެ.

އަދި، ފަތުރުވެރިކަމުގެ ސިނާއަތާއި އެހެން ސިނާއަތްތަކަށް އަންނަމުންދާ ކުރިއެރުންތަކާއެކު ދިވެހިރާއްޖޭގެ އިގްތިޞާދު ގާތްގަނޑަކަށް 13 އިންސައްތަ ކުރިއަރައިދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރޭގައި ޖީއެސްޓީ ރޭޓު މަތިކުރުމާ ގުޅިގެން އިތުރުވާނެ ކަމަށް ބެލެވޭ 3.7 ބިލިއަން ރުފިޔާ ހިމެނެއެވެ. ޓެކުހުގެ ގޮތުގައި 23.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެއެވެ.

މިނިސްޓަރު ވިދާޅުވީ 2020 ވަނަ އަހަރު ޑިފެސިޓް އިތުރުވުމާ ގުޅިގެން ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ޑެފެސިޓް ކުޑަ ކުރުމުގެ ޓްރެންޑެއްގައި ކަމަށެވެ. އެގޮތުން، ޖީޕީޑީގެ ނިސްބަތުން 2023 ވަނަ އަހަރުގެ ޑެފިސިޓް ސަރުކާރުން އަންދާޒާކުރަނީ 8.1 އިންސައްތައެވެ. މިއަހަރުގެ ޑެފެސިޓަކީ ޖީޕީޑީގެ ނިސްބަތުން 14.3 އިންސައްތައެވެ. އަދި، މިދިޔަ އަހަރު ޖީޕީޑީގެ ނިސްބަތުން ޑެފެސިޓަކީ 13.8 އިންސައްތައެވެ.

ބަޖެޓް ބަހުސް އިއްޔެ ފަށާފައިވާއިރު، އަންނަ ބުރާސްފަތި ދުވަހުގެ ރޭގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އާ ހަމައަށް އެ ބަހުސް ކުރިއަށް ގެންދިއުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.