09 Nov 2022, 12:13
އާރްޓީއެލް ފެރީގެ ޚިދުމަތްތަކަށް ހޭލުންތެރިކުރުމަށް ޅ. އަތޮޅުގައި ޚާއްސަ ޕްރޮގްރާމްތަކެއް އެމްޓީސީސީއިން ކުރިއަށްގެންދަން ފަށައިފިއެވެ.
އެމްޓީސީސީއިން ބުނީ މި ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކުގެ އެންމެ ބޮޑު ބޭނުމަކީ އާރްޓީއެލް ފެރީތަކުގެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތާ މެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށްދީ، ފެރީތަކަށް ބުކިންގް ހެދުމާއި އަދި ދަތުރުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ މެދު ރައްޔިތުންނަށް މައުލޫމާތު ދިނުން ކަމަށެވެ.
މި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށް ރަނގަޅު ތަރްޙީބެއް ލިބޭއިރު، މި ޕްރޮގްރާމްތައް ޅ. އަތޮޅުގެ ހުރިހާ ރަށްތަކުގައި ކުރިއަށްގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ. އެގޮތުން އެންމެ ފުރަތަމަ މި ޕްރޮގްރާމް ހިންނަވަރުގައި ކުރިއަށް ގެންދިޔައިރު، މިއަދު އޮޅުވެލިފުށީގައި މި ޕްރޮގްރާމް ކުރިއަށް ގެންދާނެކަމަށް އެމްޓީސީސީއިން ބުންޏެވެ.
މި ޕްރޮގްރާމްތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު، އާރްޓީއެލްގެ ފެރީތަކަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.
އެންމެ ފުރިހަމަ ގޮތުގައި އާރްޓީއެލްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެމްޓީސީސީގެ އަމާޒެއްކަމުގައި އެ ކުންފުނިން ބުނެއެވެ.