09 Nov 2022, 12:52
ވޮޝިންޓަން (9 ނޮވެމްބަރު 2022) : އެމެރިކާގެ ޑިމޮކްރަސީ މިހާރު އޮތީ ނުރައްކަލުގެ ތެރޭގައި ކަމަށް އެގައުމުގެ 70 ޕަސެންޓް މީހުން ދެކޭކަން ހާމަވެއްޖެއެވެ.
މިކަން ހާމަވީ އާންމު ޚިޔާލު ހޯދުމުގެ ސާވޭކުރާ އެމެރިކާގެ މުއައްސަސާއެއް ކަމަށްވާ "އެޑިސަން ރީސާޗް" އިން ކުރި އާންމު ޚިޔާލު ހޯދުމުގެ ސާވޭއަކުންނެވެ. މި ސާވޭ ކުރީ އެމެރިކާގައި އިއްޔެ ނިމުނު ކޮންގްރެސް މިޑްޓާމް އިލެކްޝަންގައި ވޯޓުލުމަށްފަހު ނުކުތް މީހުންނާ ސުވާލުކޮށްގެންނެވެ.
މިސާވޭގައި ސުވާލު ކޮށްފައި ވަނީ އެމެރިކާގެ ޑިމޮކްރަސީ މިހާރު އޮތީ ނުރައްކަލުގެ ތެރޭގައިތޯ ނުވަތަ ނޫންތޯ މިސުވާލާ އަދި ނުރައްކާކަމަށް ދެކޭނަމަ އޭގެ ސަބަބުތަކާ ބެހޭ ގޮތުންނެވެ. ސުވާލުކުރި އެތައް ސަތޭކަ ބައެއްގެ ތެރެއިން 70 ޕަސެންޓް މީހުން ބުނެފައިވަނީ އެމެރިކާގެ ޑިމޮކްރަސީ މިހާރު އޮތީ ނުރައްކަލުގެ ތެރޭގައި ކަމަށް ގަބޫލުކުރާ ކަމުގައެވެ. ނަމަވެސް އެކަމުގެ ސަބަބުތަކާމެދު ދީފައިވާ ޖަވާބުތައް ތަފާތެވެ.
އެއްބަޔަކު ބުނާގޮތުން އެމެރިކާގެ ޑިމޮކްރަސީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވަނީ އެމެރިކާގެ ކަނާތުފިޔައިގެ ފިކުރަށް ތަބާވާ ގިނަ ބަޔަކު އެމެރިކާގައި ބާއްވާ އިންތިޚާބުތަކުގައި މަކަރުހަދައި އޮޅުވާލާ ކަމަށް ބުނެ އިންތިޚާބުތަކުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދާތީއެވެ.

އެމެރިކާގައި ވޯޓުލުމުގެ ކަންތައް ކުރިޔަށްދަނީ
ޑިމޮކްރަސީގެ އަސާސް ބިނާވެފައިވަނީ އިންތިޚާބުތަކުގެ ސައްހަކަމާމެދު ޝައްކު ނުކުރުމާއި ބަލިގަބޫލުކުރުމާ އަދި އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމުގެ މައްޗަށް ކަމަށްވާއިރު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ކަނާތުފިޔައިގެ މީހުން ދެކޭގޮތުގައި އެމެރިކާގެ އިންތިޚާބުތައް ސައްހައެއް ނޫނެވެ. އެހެންކަމުން އެ ފިކުރަށް ނިސްބަތްވާ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ގިނަ ބަޔަކު ދަނީ ބަލިވެއްޖެނަމަ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ބުނެ އަޑުއުފުލަމުންނެވެ.
ޚުދު ޓްރަމްޕް ވެސް ވަނީ އެންމެފަހުން އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އޭނާ ބަލިވުމުން އޭގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހައްދަވާފައެވެ. އަދި އެމެރިކާގެ އިންތިޚާބުތަކުގައި މަކަރުހެދުން އާންމުވެފައިވާ ކަމަށް ބުނެ ޓްރަމްޕް އާއި އޭނާގެ ބައިވެރިން ވަނީ އެމެރިކާގެ ޑިމޮކްރެޓިކް ހަޔާތުގެ އަސާސުކަމަށްވާ އިންތިޚާބީ ނިޒާމުގެ ސައްހަކަމާމެދު ސުވާލު އުފައްދަވާފައެވެ. މި ސާވޭގައި އެމެރިކާގެ ޑިމޮކްރަސީ މިހާރު އޮތީ ނުރައްކަލުގެ ތެރޭގައި ކަމަށް ގިނަ ބަޔަކު ދެކޭ މައިގަނޑު ސަބަބަކީ މިއީކަން ވަނީ ހާމަވެފައެވެ.
މީގެ އިތުރުން އެމެރިކާގެ އެތެރޭގައި ގާނޫނާ ޚިލާފަށް އުޅެމުންދާ ހަރުކަށި ހައްދު ފަހަނަޅާފައިވާ ޖަމާއަތްތައް ގިނަވުމާއި ހަތިޔާރު އަޅައިގެން ގާނޫނުން ބޭރުން އަމިއްލައަށް އިންސާފުހޯދަން މަސައްކަތްކުރާ ޖަމާއަތްތައް ވެސް ކުރިޔަށްވުރެ ގިނަވަމުން ދިޔުމާއި ދޮންނަސްލުގެ ހައްދުފަހަނާފައިވާ ޖަމާއަތްތައް ގިނަވުމަކީ ވެސް އެމެރިކާގެ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސާވޭގައި ބައިވެރިވި ބައެއް މީހުން ވަނީ ސިފަކޮށްފައެވެ.
އެމެރިކާގައި އިއްޔެ ބޭއްވި ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި މިހާތަނަށް ގުނާފައިވާ ވޯޓުތަކުގެ ނަތީޖާ ދައްކާގޮތުން އިންތިޚާބުގައި ކުރި ހޯދަމުންދަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީއެވެ. ކޮންގްރެސްގެ ތިރިގެ ކަމަށްވާ ހައުސްއަށް ބަލާއިރު ބޮޑު ތަފާތަކުން ރިޕަބްލިކަން ކެންޑިޑޭޓުން ދަނީ ޑިމޮކްރެޓިކް ކެންޑިޑޭޓުންގެ މައްޗަށް ކުރިހޯއްދަވަމުންނެވެ.
ކޮންގްރެސްގެ މަތިގެކަމަށްވާ ސެނެޓަށް ބަލާއިރު ވެސް ކުޑަ ތަފާތަކުން ކުރީގައި އުޅެނީ ރިބަޕްލިކަން ކެންޑިޑޭޓުންނެވެ. އެމެރިކާގެ ޑިމޮކްރަސީ މިހާރު އޮތީ ނުރައްކަލުގެ ތެރޭގައި ކަމަށް ރައީސް ޖޯ ބައިޑެން ވެސް ދާދިފަހުން ވަނީ ސިފަކުރައްވާފައެވެ. އެމެރިކާގެ ތާރީޚުގައިވެސް މީގެކުރިން އެމެރިކާގެ ޑިމޮކްރަސީ އާމެދު އެ ގައުމުގެ ރައީސަކު މިގޮތަށް ވިދާޅުވެފައެއް ނުވެއެވެ.